ބީއެމްއެލްގެ ހިދުމަތްތައް ފުޅާކުރަން ޓެކްނޮލޮޖީއަށް އިންވެސްޓްކުރަނީ

-- ފޮޓޯ: ބީއެމްއެލް

ކުރިއަށް އޮތްތަނުގައި ބޭންކް އޮފް މޯލްޑިވްސް އިން އެންމެ އިސްކަންދޭނީ ޓެކްނޮލަޖީ ބޭނުންކޮށްގެން އެބޭންކުގެ ހިދުމަތްތައް ފުޅާކުރުމަށް ކަމަށް އެ ބެންކުގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވެއްޖެ އެވެ.

ތިންވަނަ ކުއާޓަރުގެ ބީއެމްއެލްގެ މާލީ ތަފާސް ހިސާބުތައް އާންމުކުރުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓިމް ވިދާޅުވީ ބޭންކުގެ މާލީ ހާލަތު އޮތީ ރަނގަޅަށް ކަމަށާއި މިހާރު ބެންކުން އެންމެ އިސްކަމެއް ދޭ ކަމަކީ މުޅި ރާއްޖެއަށް ބޭންކިންގެ ހިދުމަތްދީ، ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.

ވިޔަފާރީގެ މުހިއްމު ގިނަ ދާއިރާތަކުން ބޭންކުގެ އަމާޒުހުރީ ރަނގަޅު މިސްރާބުގައި ކަމަށާއި އާ ޓެކްނޮލޮޖީ ބޭނުންކޮށްގެން ބޭންކުގެ ހިދުމަތްތައް ޒަމާނީ ކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ޓިމް ވިދާޅުވި އެވެ.

"ޓެކްނޮލަޖީގެ ރޮނގުން ކުރިއަށް އޮތް ތަނުގައިވެސް ޓެކްނޮލޮޖީއަށް އިންވެސްޓްކުރާނެ. މިއީ އެކި ވަސީލަތްތައް ބޭނުންކޮށްގެން ބޭންކިން ހިދުމަތް ހޯދަމުންދާ ކަސްޓަމަރުންގެ ބޭނުންތަކަށް އަންނަމުންދާ ބަދަލާ އެއްގޮތަށް ހިދުމަތް ބައްޓަންކުރުމުގެ ގޮތުން ކުރަންޖެހޭ ކަމެއް،" ޓިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޒަމާނީ ޓެކްނޮލޮޖީ އާއެކު ބޭންކިން ހިދުމަތް ހޯދާ ގޮތްތަކަށް މިހާރު ބޮޑު ބަދަލެއް އައިސްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ބޭންކުން ޓެކްނޮލޮޖީއަށް އިންވެސްޓްކޮށް ކަސްޓަމަރުންނަށް ހިދުމަތް ހޯދުމަށް މިހާރަށްވުރެ ލުއި ފަސޭހަކަންގެނެސް އިތުރު ފުރުސަތުތަކެއް ދިނުމަށްވެސް މަސައްކަތްކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން ބޭންކުން ދާދިފަހުން ތައާރަފުކުރި މާޗަންޓް ޕޯޓަލް އާއެކު ކުދި ވިޔަފާރިތަކަށް ފައިސާގެ މުއާމަލާތްތައް ކުރަން ފަސޭހަވާނެ ކަމަށް ޓިމް ވިދާޅުވި އެވެ.

މާޗަންޓް ޕޯޓަލް މެދުވެރިކޮށް "ފިޒިކަލް" ޕީއޯއެސް ޓާމިނަލްއަކާ ނުލައި، އޮންލައިންކޮށް ފައިސާ ބަލައިގަތުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ޓިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބީއެމްއެލް އިން މަސައްކަތް ކުރަނީ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް ކަމަށާއި ސެލްފް ސާވިސް ބޭންކިން ހިދުމަތުތާއި، ޕޭމަންޓު ގޭޓްވޭތައް މެދުވެރިކޮށް އީކޮމާސްގެ ހިދުމަތްތަކާއި، އޮންލައިން ހިދުމަތްތައް ތައާރަފުކޮށް، މޯބައިލް ވޮލެޓް ހިދުމަތާއި، ބައިނަލްއަގުވާމީ މަނީ ޓްރާންސްފާގެ ހިދުމަތްތަކުގެ އިތުރުން ކަސްޓަމަރުންނަށް ދޭ ހިދުމަތްތައް ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ފޯރުކޮށްދެމުންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ ކަސްޓަމަރުންނަށް ފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުން ޑިޖިޓަލްކޮށްދެވޭ ހިދުމަތްތައް އިތުރަށް ފުޅާކުރުން،" ސީއީއޯ ވިދާޅުވި އެވެ.

މިއަހަރުގެ މިހާތަނަށް ބެންކުން ހަތް ސެލްފް ސަވިސް ބޭންކިން ސެންޓަރު ގާއިމްކޮށް އެއް ބްރާންޗު ހުޅުވާފައިވާއިރު ބީއެމްއެލްގެ ކޭޝް އެޖެންޓުންގެ ގޮތުގައި 277 ފަރާތެއް އެބަތިއްބެވެ. އެޖެންޓުން މެދުވެރިކޮށް ފައިސާ ޑިޕޮސިޓް ކުރެވޭނެ ހިދުމަތް ފުޅާ ކުރުމަށް ބޭންކުން މަސައްކަތް ކުރަމުންދާއިރު މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ބޭންކުގެ ބްރާންޗެއް، އޭޓީއެމް އެއް ނުވަތަ އެޖޭންޓެއް މިހާރު ވަނީ ގާއިމް ކޮށްފަ އެވެ. ބޭންކުން ބުނީ މިއަހަރު އެންމެ އިސްކަންދޭ އަނެއް ކަމަކީ ޕީއޯއެސްގެ ހިދުމަތް ފުޅާކުރުން ކަމަށެވެ.

މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 307 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވެއެވެ.

ބީއެމްއެލް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އެ ބޭންކަށް މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ނިޔަލަށް ހިންގުމުގެ ފައިދާގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ހަތަރު ޕަސެންޓު އިތުރު އަދަދެކެވެ.

ބޭންކުގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ ބޭންކުގެ ފަންޑިން ކޮސްޓާއި ޕްރޮވިޝަން ޗާޖު އިތުރުވިނަމަވެސް ބޭންކަށް ލިބުނު ފައިދާ އިތުރުވެފައިވަނީ ވިޔަފާރީގެ ހުރިހާ ދާއިރާ އަކުންވެސް ކުރިއެރުން ލިބުމުގެ ސަބަބުން ކަމަށެވެ.

comment ކޮމެންޓް