ޔޫއެފާ އެސިސްޓް: ބޮޑު ތަފާތަކުން ރާއްޖެ ބަލިކޮށް ބަންގްލަދޭޝް ޗެމްޕިއަންކަން ހޯދައިފި

ރާއްޖެ 0-6 އިން ބަލިކޮށް ބަންގަލަދޭޝް ޔޫއެފާ އެސިސްޓް މުބާރާތް ކާމިޔާބު ކުރުމަށްފަހު ތަށި އުފުލާލަނީ --- ފޮޓޯ/ ދާކާ ޓްރިބިއުން

ޔޫއެފާގެ އެހީއާ އެކު ބަންގްލަދޭޝްގައި ކުރިއަށް ދިޔަ 16 އަހަރުން ދަށުގެ ޔޫއެފާ އެސިސްޓް މުބާރާތުގެ ފަހު މެޗުގައި މިއަދު ބޮޑު ތަފާތަކުން ރާއްޖެ ބަލިކޮށް ބަންގަލަދޭޝް ޗެމްޕިއަންކަން ހޯދައިފިއެވެ.

ބަންގަލަދޭޝްގެ ބަންގަ ބަންދު ސްޓޭޑިއަމުގައި މިއަދު ހަވީރު ކުޅުނު މެޗުން ރާއްޖޭގެ ޒުވާން ޓީމު ބަލިވީ 0-6 ގެ ނަތީޖާ އަކުންނެވެ. މިއަދުގެ މޮޅާއެކު ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ބަންގްލަދޭޝް ވަނީ ޗެމްޕިއަންކަން ހޯދައިފައެވެ. މި ދެ ޓީމުގެ އިތުރުން އެ މުބާރާތުގައި ދެން ބައިވެރިވީ ކެމްބޯޑިއާއާއި ޔޫރަޕުގެ ފެރޯ އައިލެންޑްސްއެވެ.

މެޗު ފެށިގެން ބަންގްލަދޭޝްއިން މޮޅަށް ކުޅެމުންދިޔައިރު، އެޓީމުން ވަނީ ހަވަނަ މިނެޓުގައި ލީޑު ނަގާފައެވެ. މި ގޯލާއެކު ރާއްޖެއަށް ހަމަޖެހި ނުލެވި އުޅެނިކޮށް 13 ވަނަ މިނަޓުގައި އިތުރު ގޯލެއް ޖަހައި އެ ޓީމުން ލީޑު ފުޅާ ކުރި އިރު ރާއްޖޭގެ ޑިފެންސް އޮތީ ބައިބައިވެފައެވެ. އެކަމުގެ ފައިދާ ނަގައި ބަންގްލަދޭޝްއިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ދެ ގޯލު ޖަހައިފައެވެ.

ދެވަނަ ހާފް ފެށިގެންވެސް ބަންގްލަދޭޝްއިން ގިނަ ހަމަލާތަކެއް އުފައްދާފައިވާއިރު، 51 ވަނަ މިނެޓުގައި އެޓީމުން ވަނީ ފަސްވަނަ ލަނޑު ޖަހާފައެވެ. އެ ހާފުގެ 55 ވަނަ މިނެޓުގައި ރާއްޖެ އަދި ބަންގްލަދޭޝް ކުޅުންތެރިން ދެމެދުގައި ހަމަނުޖެހުންތަކެއް ހިނގާފައިވާއިރު، ރެފްރީ ވަނީ ރާއްޖޭގެ 10 ނަމްބަރު ކުޅުންތެރިޔާއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

އެހެން ކަމުން ދެވަނަ ހާފްގެ ބޮޑުބައި ރާއްޖެއިން ކުޅެފައިވަނީ 10 ކުޅުންތެރިންނާއެކުގައެވެ. ބަންގްލަދޭޝްއިން ހަވަނަ ލަނޑު ކާމިޔާބުކުރީ 85 ވަނަ މިނެޓުގައެވެ.

މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން 3-10 ގެ ނަތީޖާއަކުން ފެރޯ އައިލޭންޑްސް އަތުން ވަނީ ބަލިވެފައެވެ. ދެވަނަ މެޗުން ރާއްޖެ ވަނީ 2-2 ގެ ނަތީޖާއިން ކެމްބޯޑިއާ އަތުން އެއްވަރުވެފައެވެ. ބަންގަލަދޭޝް އެ މުބާރާތް ކާމިޔާބު ކުރީ ކުޅުނު ތިން މެޗުން ވެސް މޮޅުވެގެންނެވެ.

ޔޫއެފާގެ އެހީއާއެކު ރާއްޖޭގައި ވެސް މި އަހަރު ވަނީ 14 އަހަރުން ދަށުގެ މުބާރާތެއް ބާއްވައިފައެވެ. އެ މުބާރާތުގެ ފައިނަލުގައި ވާދަ ކުރީ ބޫޓާނާއި ލެޓްވިއާއެވެ. އެ މެޗު ބޮޑު ތަފާތަކުން ކާމިޔާބުކުރީ ލެޓްވިއާއިންނެވެ. އެ މުބާރާތުގައި ރާއްޖެއިން ވަނީ ކުޅުނު ހުރިހާ މެޗަކުން ބަލިވެފައެވެ.

comment ކޮމެންޓް