ސީޕީ ހަމީދަށް މަރުގެ އިންޒާރުދޭ މައްސަލަ ވެސް އަންނަނީ ބަލަމުން: ފުލުހުން

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު: ސީޕީއަށް މަރުގެ އިންޒާރުދޭ މައްސަލަ ވަނީ ބަލަން ފަށާފައި -- ފައިލް ފޮޓޯ

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ސޯޝަލް މީޑިއާ މެދުވެރިކޮށް މަރުގެ އިންޒާރުދޭ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު މިއަދު "ސަން" އަށް ވިދާޅުވީ ސޯޝަލް މީޑިއާ މެދުވެރިކޮށް މަރުގެ އިންޒާރުދޭ މައްސަލަތައް ފުލުހުން އަބަދުވެސް ބަލާ ކަމަށާއި، އެގޮތުން މިހާރު ސީޕީ ހަމީދަށް މަރުގެ އިންޒާރުދޭ މައްސަލަވެސް ބަލަން ފަށާފައިވާ ކަމަށެވެ.

"ސޯޝަލް މީޑިއާ މެދުވެރިކޮށް މީހުންނަށް ދޭ މަރުގެ އިންޒާރުގެ މައްސަލަތައް މި ސާވިސް އިން ދަނީ ބަލަމުން. ހަމަ އެ އުސޫލުގެ ދަށުން ކޮމިޝަނާ އޮފް ޕޮލިސް އަށް ދީފައިވާ މަރުގެ އިންޒާރުގެ މައްސަލަތައް ވެސް ދަނީ ބަލަމުން،" އިޒްމިއާ ވިދާޅުވިއެވެ.

މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން)އިން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ކުޑައިމީސްކޮށް ލިޔެފައިވާ ވާހަކަތަކަކާ ގުޅިގެން، ފިޔަވަޅު އެޅުން ލަސްކަމަށް ބުނެ ސޯޝަލް މީޑިއާގައި މީހުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

ބައެއް ފަރާތްތަކުން ވަނީ ސީޕީ ހަމީދަށް މަރުގެ އިންޒާރުދީ ޕޯސްޓަރު ތަކެއް ސޯޝަލް މީޑިއާގައި ދައުރުކުރަމުންނެވެ.

އަދި ސީޕީ ހަމީދަކީ ކުރިން އެމްޑީއެންގައި މަސައްކަތްކޮށްފައިވާ ބޭފުޅެއް ކަމަށާއި، ހަމީދު އެމަގާމުގައި ހުންނެވިހާ ދުވަހަކު އެ ޖަމްއިއްޔާގެ މައްސަލަ ނުބެލޭނެ ކަމަށް ވެސް އަންނަނީ ބުނަމުންނެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ސީޕީ ހަމީދު ފުލުހުންގެ ވަޒީފާ އަދާކުރައްވަމުން އެމްޑީއެންގެ އެއްވެސް މަގާމެއް އަދާކުރައްވާފައި ނުވާކަމާށެވެ.

އަދި ފުލުހުންގެ ވަޒީފާއިން ދުރުގައި ހުންނެވި ދުވަސްވަރު، އަމިއްލަ ހައިސިއްޔަތުން އެމްޑީއެންގައި މަސައްކަތް ކުރައްވާފައި ވަނީ ވަރަށް ކުޑަ ދުވަސްކޮޅެއްގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

"މިހާރު ތަހުގީގު ކުރަމުންދާ އެމްޑީއެންގެ ރިޕޯޓުގެ އެއްވެސް މަސައްކަތެއްގައި ސީޕީ ބައިވެރިވެވަޑައިގެންފައެއް ނުވޭ،" ފުލުހުން ބުނެފައިވެއެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓުގެ މައްސަލަ ތަހުގީގު ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ސީޕީ ހަމީދު އަދި ފުލުހުންގެ މުއައްސަސާއިން ވެސް ކުރަމުން ދާނެކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.

comment ކޮމެންޓް