ޑާކްރެއިންގެ "ވަކިން ލޯބިން" ބައިސްކޯފުން ބަލައިލެވޭނެ

ވަކިން ލޯބިން ގެ ޕޯސްޓަރެއް---

ޑާކްރެއިން އެންޓަޓެއިންމަންޓް އިން މިދިޔަ އަހަރު ގެނެސްދިން ފިލްމު ވަކިން ލޯބިން ބައިސްކޯފުން ސްޓްރީްކުރަން ފަށައިފިއެވެ.

ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ ކޮންމެ ބޭފުޅަކަށްވެސް މިހާރު އެ ފިލްމު ބަލައިލެވޭނެ ކަމަށެވެ. ފިލްމު ބެލޭނީ ބައިސްކޯފު އެޕްލިކޭޝަން މެދުވެރިކޮށް ކަމަށްވެސް އޭނާ ބުންޏެވެ.

އައިޝަތު ފުއާދު ތައުފީގުގެ ސްކްރީން ޕްލޭ އަކަށް ތައްޔާރު ކުރި ވަކިން ލޯބިންގެ ޑައިރެކްޓަރަކީ އެންމެ ފަހުން ބޭއްވި އަށް ވަނަ ދިވެހި ފިލްމު އެވޯޑްސްގައި އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވުނު އަލީ ޝިފާޢު (ޗިއްޕެ) އެވެ.

ވަކިން ލޯބިންގެ ދެވަނަ ބައިގެ ލީޑް ތަރިންގެ ގޮތުގައި ފެނިގެންދާނީ ޖުމައްޔިލް ނިމާލް، މަރިޔަމް މަޖުދާ އަދި ނުޒުހަތު ޝުއައިބު އެވެ.

ފިލްމުގައި ފެނިގެންދަނީ ޒުވާން ދެމަފިރިއެއްގެ އުފާވެރި ކައިވެންޏަށް ދަރިއަކު ލިބި، އެކައިވެނީގެ އުފާވެރި ދުވަސްތައް ހޭދަކުރަމުންދަނިކޮށް، ކުރެވޭ ކުޑަ ކުށްހީއެއްގެ ސަބަބުން އެ ދެމަފިރިންގެ ދިރިއުޅުން ހަލާކުވެ، ދަރިފުޅަށް ކުރާ އަސަރެވެ. މީގެ އިތުރުން އާމްދަނީ ހޯދުމަށް ވަޒީފާ އަދާކުރި ނަމަވެސް އަނބިދަރިންނަށް ދޭން ޖެހޭ ވަގުތު ދިނުމުގެ މުހިއްމުކަން، ކައިވެންޏެއް ބާއްޖަވެރިކުރުމަށް އެކަކު އަނެކަކަށް އިތުބާރު ކުރުމުގެ މުހިއްމުކަން، ވަރި ފަދަ ބޮޑު ކަމެއް ނިންމާ އިރު ދެމަފިރިންގެ ދަރިއެއް ހުރި ނަމަ އޭގެ ސަބަބުން އެކުއްޖާއަށް ކުރާނެ އަސަރު ފިލްމުން ފެނިގެންދެ އެވެ.

ވަކިން ލޯބިން ބައިސްކޯފުން ސްޓްރީމްކުރިއިރު މުއާގެ "ލީނާ" ވެސް ވަނީ ބައިސްކޯފަށް ދޫކޮށްލާފައެވެ.

ބައިސްކޯފު އަކީ އެންޓަޓެއިންމަންޓްގެ ހުރިހާ ދާއިރާތަކެއް ހިމެނިފައިވާ އެޕްލިކޭޝަނެކެވެ. އޯޑިއޯ، ވީޑިއޯ އަދި ދިވެހި ފިލްމު ތަކާއި ގިނަ އަމިއްލަ ސީރީޒްތައްވެސް ބައިސްކޯފު އެޕްލިކޭޝަނުން ބަލައިލެވެއެވެ. އަދި ޓޯކް ޝޯފަދަ ޝޯތަކާއެކު އެންޓަޓެއިންމަންޓް ދާއިރާގައި ހިމެނޭ ދިވެހި ހުރިހާ ފަންނާނުންގެ މައުލޫމާތުތަކާ ހުރިހާ މަސައްކަތެއް ވެސް އެ އެޕްލިކޭޝަނުން ފެންނަން ހުންނާނެ އެވެ.

comment ކޮމެންޓް