މުހައްމަދު ޖުމައްޔިލް ނިމާލްއަކީ މިހާރު ދިވެހި ފިލްމު އިންޑަސްޓްރީގައި ހުރި އެންމެ ވަރުގަދަ އެކްޓަރުންގެ ތެރޭގައި ހިމެނޭނެ ފަންނާނެކެވެ.
ރޮމޭންޓިކް ކޮމެޑީތަކުން ފިލްމް އިންޑަސްޓްރީއަށް ވަތް ޖުމައްޔިލްއަކީ ކޮންމެ ކަހަލަ ރޯލަކަށްވެސް ފިޓު ފަންނާނެއްކަން އޭނާ ވަނީ ސާބިތުކޮށްދީފައެވެ.
"ވާށޭ މަށާ އެކީ" ފަދަ ފިލްމުތަކުން ފަށައިގެން އިންޑަސްޓްރީގައި މަގުބޫލުކަން ހޯދާފައިވާ ޖުމައްޔިލު ވަނީ ތަފާތު ރޯލުތައް ކުޅެފައެވެ. އެކަން އެންމެ ބޮޑަށް ފާހަގަވެގެންދާނީ "ގޮށްރާޅު"ންނެވެ.
މިހާރުވެސް ފިލްމެއްގެ ޝޫޓިންގައި އުޅޭ ޖުމައްޔިލުގެ ޝެޑިއުލް ވަރަށް ބިޒީއެވެ. އެހެން ނަމަވެސް ޝޫޓިންތަކުގެ ވަރުބަލިކަމުން ވަގުތުކޮޅެއް ހޯދުމަށްފަހު ޖުމައްޔިލް "ސަން"ގެ ރެޕިޑް ފަޔާ ޗެލެންޖުގައި ބައިވެރިވިއެވެ.
ޖުމައްޔިލް ވަނީ ފިލްމު އިންޑަސްޓްރީގެ ތަފާތު ގިނަ ފަންނާނުންނާއެކު މަސައްކަތްކޮށްފައެވެ. އަދި އެއިން ގިނަ ފަރާތްތަކާ އެކުވެރިވެސް މެއެވެ. ޖުމައްޔިލް ބުނީ ދިވެހި ފިލްމު އިންޑަސްޓްރީން އެންމެ ކަމުދަނީ ނުޒުހަތު ޝުއައިބު (ނުޒޫ) ކަމަށެވެ.
ރެޕިޑް ފަޔާ ޗެލެންޖުގައި ޖުމައްޔިލް ވަނީ އަމިއްލަ ދިރިއުޅުމާ ގުޅޭގޮތުންވެސް ވާހަކަ ދައްކާފައެވެ. އެގޮތުން އޭނާ ހުރީ މިވަގުތު ސިންގަލްކޮށް ކަމަށް އޭނާ ބުންޏެވެ.
އަދި ކައިވެނިވެސް ކުރިއަށް އޮތް މުސްތަގުބަލެއްގައި ކުރަން ބޭނުންވާ ކަމަށް އޭނާ އިޝާރާތްކޮށްފައިވެއެވެ.
ބަރިބަރިއަށް ކުރި ސުވާލުތަކަށް ޖުމައްޔިލު ވަރަށް ހަމަޖެހިލައިގެން ދިން ޖަވާބުތައް ދެން ވީޑިއޯއިން ބައްލަވާލައްވާށެވެ.