އަމިނިއްޔާ ސްކޫލަށް މިއަހަރު 75 އަހަރު ފުރުމާ ގުޅިގެން ބާއްވާ ބޮޑު ޕެރޭޑް އަންނަ ހޮނިހިރު ދުވަހު ހުޅުމާލޭގައި ބާއްވަން ނިންމައިފިއެވެ.
އެ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ސުވައިބަތު ސައީދު "ސަން" އަށް މިރޭ ވިދާޅުވީ އެ ޕެރޭޑަކީ އަލިމަސްޔޫބީލްގެ މުނާސަބަތުގައި ބާއްވާ އެންމެ ފަހު ހަރަކާތް ކަމަށެވެ.
އެ ޕެރޭޑް ކުރިއަށް ދަނީ އަންނަ ހޮނިހިރު ދުވަހު ހަވީރު 4:00 އިން 6:00 އަށް ހުޅުމާލެ ރެހެންދި ސްކޫލުން ފެށިގެން ސެންޓްރަލް ޕާކާހަމައަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ޕެރޭޑްގައި އަމީނިއްޔާ ސްކޫލުގެ ބޭންޑްގެ މިހާރުގެ ދަރިވަރުންނާއި ކުރީގެ މުސްކުޅި ދަރިވަރުންނާއި ސްޓާފުން ހިމެނޭގޮތަށް 1700 -2000 އާ މީހުން ބައިވެރިވާނެ ކަަމަށް ސުވައިބަތު ވިދާޅުވިއެވެ.
"ޕެރޭޑްގައި ބޭންޑްގެ ހަރަކާތް ކުރިއަށްދާނީ އަމީނިއްޔާގެ ތާރީހުވެސް ދައްކުވައިދޭގޮތަށް. އެގޮތުން ކުރިން އަމީނިއްޔާގެ ބޭންޑް ޔުނީފޯމާއި ދިދަތައްވެސް ފެނިގެންދާނެ،" ސުވައިބަތު ވިދާޅުވިއެވެ.
އަމީނީއްޔާ ސްކޫލްގެ އަހަރީ ދުވަހަކީ ނޮވެމްބަރު 28 އެވެ.