ލ. އަތޮޅުގައި އަޅާ ތިން ކޯޒްވޭގެ އެންވާރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް ނުވަތަ ތިމާވެއްޓަށް ކުރާނެ އަސަރު ދެނެގަންނަ ރިޕޯޓް ހަދައި އެތަނުގެ ތަފްސީލީ ކުރެހުން ހަދަން ބަޔަކާ ހަވާލުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ މަސައްކަތް ހަވާލުކޮށްފައިވަނީ ފޯސައިޓް ސާވެއާސް ޕްރައިވެޓް ލިމިޓެޑްއާ އެވެ.
އެކަމާ ގުޅޭ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ޑިރެކްޓަރު ޖެނެރަލް ފާތުމަތު ޝަނާ ފާރޫގު ސޮއިކުރެއްވިއިރު މިނިސްޓްރީގެ ފޯސައިޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނުއައިމް އެވެ.
އެ މަސައްކަތް ފޯސައިޓްއާ ހަވާލުކޮށްފައިވަނީ ދެ މަސްދުވަހުން ނިންމާ ގޮތަށް 388،916.12 ރުފިޔާ އަށެވެ.
ކޯޒްވޭ އަޅަން ނިންމާފައިވާ ރަށްތައް
- ލ. މެންދޫ އާއި ލ. ހިތަދޫޫއާ ދެމެދު
- ލ. ކަލައިދޫއާއި ލ. ދަނބިދޫއާ ދެމެދު
- ލ. ކުނަހަންދޫއާއި ލ. މެންދޫއާ ދެމެދު