އިންޓަނެޓު އަގުހެޔޮކުރުމުގައި އުނދަގޫކަންތައް އެބަހުރި: ސަރުކާރު

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނުވަގަޑި އިވެންޓު-- ސަން ފޮޓޯ: ފަޔާޒު މޫސާ

އިންޓަނެޓުގެ އަގުހެޔޮކުރުމުގައި އުނދަގޫކަންތައްތަކެއް އެބަހުރިކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނުވަގަޑި އިވެންޓުގައި ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި އިންޓަނެޓު އަގުހެޔޮކުރުން ހިމަނާފައި ނުވަނީ ކީއްވެތޯ ސުވާލު ކުރުމުން އެ އޮފީހުގެ އަންޑަ ސެކްރެޓަރީ އަހުމަދު ހަމްދާން ވިދާޅުވީ އިންޓަނެޓުގެ އަގު މި އަހަރު ހެޔޮކުރަން ސަރުކާރުން ނިންމާފައި ނުވާ ކަމަށެވެ.

ހަމްދާން ވިދާޅުވީ އިންޓަނެޓް އަގުހެޔޮކުރުން އަވަސް ނުވެގެން އުޅެނީ އެކަމުގައި އުނދަގުތަކެއް ހުރުމުން ކަމަށެވެ. އެގޮތުން އެކަން ނިންމުމަށް އިތުރަށް ބަލަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް ހަމްދާން ވިދާޅުވި އެވެ.

"އޭގައި ކޮމްޕްލެކްސިޓީގެ ބޮޑުކަމުންހެން އަޅުގަނޑަށް ހީވަނީ އެކްސްޕެކްޓު ކުރާ މިންވަރަށް، އެހާ އަވަހަށް އިންޓަނެޓުގެ އަގު ހެޔޮ ނުކުރެވި ވަނީ. އެއަށް ވުރެ ބޮޑަށް ހޯލިސްޓިކްކޮށް ކަންނޭނގެ އިންޓަނެޓުގެ އަގުހެޔޮކުރުމާ ގުޅޭ ގޮތުން ސަރުކާރުގެ ވިސްނުން އޮތީ،"

ހަމްދާން ވިދާޅުވީ އަވަސްއަރުވާލައިގެން އިންޓަނެޓުގެ އަގުހެޔޮކުރުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭ ކަމަށެވެ.

އެކަމުގައި ސަރުކާރަށް އިތުރު ހަރަދުތަކެއް ވެސް އަންނާނެ ކަމަށެވެ.

އެސްއޭޕީގައި އައިސީޓީ އަށް ހާއްސަ ކޮށްފައިވާ ދާއިރާގައި ބުނެފައި ވަނީ، މޯބައިލް ޑޭޓާ އާއި އައިސީޓީގެ އެހެނިހެން ވަސީލަތްތައް ބޭނުން ކުރާ މިންވަރު ރާއްޖޭގައި އިތުރުވެގެން ގޮސްފައިވާ ކަމަށެވެ. އެއާ އެކު، ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ހާލަތު ބަދަލުވެ، ރަށްތައް ފެތުރިފައިވާ ގޮތުގެ ސަބަބުން ކުރިމަތިވެފައިވާ ތަރައްގީގެ ގޮންޖެހުންތަކާ ކުރިމަތިލުމަށް އިތުރު ފަސޭހަކަމެއް ލިބިފައިވާ ކަމަށެވެ.

އަދި ޑިޖިޓަލް ދުނިޔޭގެ ފަސޭހަތަކާ އެކު ހިންގުމުގެ ނިޒާމު ހަރުދަނާ ކުރެއްވިޖެ ނަމަ، ރައްޔިތުންނަށް ހިދުމަތްކުރުމުގައި ގިނަ ފަސޭހަތަކެއް ލިބި، ހިދުމަތުގެ ސްޕީޑް އަވަސްވެގެންދާނެ ކަމަށް ވެސް ޕްލޭންގައި ބުނެފައިވެ އެވެ.

އިންޓަނެޓުގެ އަގުހެޔޮކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. އިންޓަނެޓުގެ އަގުހެޔޮކުރުމާ ގުޅޭ ގޮތުން ޓެކްނޮލަކީ މިނިސްޓަރު މަލީހު ޖަމާލު މީގެ ކުރިން ވިދާޅުވީ އިންޓަނެޓްގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ފުޅާ މާނައެއްގައި އެސްއޭޕީގައި ލިޔެފައިވާ ކަމަށެވެ.

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޓެކްނޮލަޖީ މިނިސްޓްރީ އިން އިއްޔެ ބުނީ ބްރޯޑްބޭންޑް ޕޮލިސީ ކަނޑައެޅުމާ އެކު ރާއްޖޭގައި ބޭނުންކުރާ އިންޓަނެޓް ޚިދުމަތުގެ އެންމެ ދަށް ސްޕީޑް 30 އެމްބީޕީއެސްއާ ހަމައަށް ހެދުމަށް މަސައްކަތް ކުރާ ކަމަށެވެ.

comment ކޮމެންޓް