ތަފާތު އާ ފީޗާސްތަކާއެކު "ޕިކްސެލް 4" ދައްކާލައިފި

ގޫގަލް ޕިކްސެލް 4ގެ ފޯނުތައް ތިން ކުލައަކުން ލިބޭނެ --- ފޮޓޯ : އެންޑްރޮއިޑް އޮތޯރިޓީ

ގޫގަލްގެ ފްލެގްޝިޕް ފޯނު ސީރީޒްއަށް ތަފާތު އާ ޓެކްނޮލޮޖީ ހިމެނޭ "ޕިކްސެލް 4" ސީރީޒްގެ ފޯނުތައް ދައްކާލައިފި އެވެ.

މިހާތަނަށް އެންމެ ގިނަ މައުލޫމާތުތަކެއް ލީކުވެފައިވާ ޕިކްސެލް 4ގެ ފޯނުތައް ދައްކާލާފައިވަނީ ގޫގަލް އިން ރޭ ނިއު ޔޯކުގައި ބޭއްވި އިވެންޓުގަ އެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ގޫގަލް އިން ވަނީ ދެ ފޯނެއް ނެރެފަ އެވެ. އެއީ "ޕިކްސެލް 4" އާއި "ޕިކްސެލް 4 އެކްސްއެލް"އެވެ.

ގޫގަލް އިން ކޮންމެ އަހަރަކުވެސް އެންމެ ބޮޑަށް ޕްރޮމޯޓުކުރާ އެއް ފީޗާއަކީ ފޯނުގެ ކެމެރާގެ މޮޅުކަމެވެ. އެހެންނަމަވެސް މިއަހަރު ގޫގަލް އިން ވަނީ ފޯނުގައި ބޭނުންކުރާ އާ ޓެކްނޮލޮޖީއަށް ވަރަށް ބޮޑަށް އަލި އަޅުވާލާފައެވެ.

ޕިކްސެލް ފޯނުގެ ޑިޒައިން ގިނަ ބަޔަކަށް ކަމަކު ނުދޭ --- ފޮޓޯ : އެންޑްރޮއިޑް އޮތޯރިޓީ

ޕިކްސެލްގެ އާ ފޯނުތަކުގައި މިފަހަރު ހަތަރު އާ ޓެކްނޮލޮޖީއެއް ބޭނުންކޮށްފައިވާ ކަމަށް ގޫގަލް އިން ބުނެއެވެ. އެއީ ފޭސް އަންލޮކް އާއި 90 ހާޓްސް ރިފްރެޝް ރޭޓުގެ ސްކްރީނަކާއި އަޕްގްރޭޑްކޮށްފައިވާ ގޫގަލް އެސިސްޓެންޓު އަދި މޯޝަން ސެންސިން އެވެ.

އެ ހުރިހާ ޓެކްނޮލޮޖީއަކީވެސް އެހެން ކުންފުނިތަކުން ބޭނުންކޮށްފައިވާ ޓެކްނޮލޮޖީއެވެ. އެހެންނަމަވެސް ގޫގަލް އިން ވަނީ އެ ޓެކްނޮލޮޖީތައް އިތުރަށް ތަރައްގީކޮށް ތަފާތުގޮތެއްގައި ބޭނުންކޮށްފައެވެ.

މިސާލަކަށް ބަލާނަމަ ޕިކްސެލްގައި ފޭސް އަންލޮކް ބޭނުންކުރާ ގޮތް ތަފާތުވާނެއެވެ. އެއީ ފޭސް އަންލޮކް އާއެކު ރޭޑަރ ސެންސަރެއް ހިމެނޭތީއެވެ. މީގެ ސަބަބުން ފޯނާ ގާތްވުމުން ފޯނު އަމިއްލައަށް ދިއްލި ފޭސް އަންލޮކްގެ ސެންސަރުތައް ތައްޔާރުވާނެއެވެ. އަދި ފޯނު ގެންގުޅޭ ފަރާތް ފޯނު ނަގައި ނިމުމުގެ ކުރީން ފޯނު އޮންނާނީ ހުޅުވިފައެވެ.

ފޯނުގެ ކެމެރާއަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެހެން އަހަރުތަކާ ހިލާފަށް މިފަހަރުގެ ޕިކްސެލް ފޯނުތަކުގެ ފަހަތުގައި ދެ ކެމެރާ ބޭނުންކުރާނެއެވެ. ލީކުތަކުން ދެއްކި ގޮތުގައި ފޯނުގެ ފަހަތުގައި ތިން ކެމެރާ ހިމެނޭ ކަމަށް ވާހަކަ ދެކެވުނެވެ.

އާ ފޯނުގެ ފަހަތުގައި ދެ ކެމެރާ ސެންސަރާއި ލޭޒަރ ފޯކަސް ސެންސަރެއް ހިމެނޭނެ --- ފޮޓޯ : އެންޑްރޮއިޑް އޮތޯރިޓީ

އެ ފޯނުތަކުގައި ހިމެނޭނީ ދެ ކެމެރާ ސެންސަރާއި ލޭޒަރ އޮޓޯ ފޯކަސް ސެންސަރެކެވެ. ފޯނުގެ ފަހަތުގައި ހިމެނޭނީ އާދައިގެ ލެންސަކާއި ޓެލެފޯޓޯ ލެންސެކެވެ. މިއީ ގިނަ ބަޔަކު އުއްމީދުކުރި ކަންތައްތަކާ ހިލާފު ކަމެކެވެ. ގިނަ ބަޔަކު އުއްމީދުކުރަމުން ދިޔައީ މިއަހަރުގެ ގޫގަލް ފޯނުތަކުގައި ވައިޑް އޭންގްލް ކެމެރާ ބޭނުންކުރާނެ ކަމަށެވެ.

"ގަބޫލުކުރަން އަސްލު ވައިޑް އޭންގްލް ކެމެރާ ބޭނުންކުރަން މަޖާ ވާނެ ކަން. އެކަމު އަޅުގަނޑުމެން ގަބޫލުކުރަނީ ޓެލެފޯޓޯ ލެންސް މާ ބޭނުންތެރިވާނެ ކަމަށް،" ރޭ ބޭއްވި ކީނޯޓުގައި ގޫގަލް އިން ބުންޏެވެ.

ޕިކްސެލް ފޯނުތައް ތިން ކުލައަކުން ލިބޭނެއެވެ. އެއީ ހުދާއި ކަޅު އަދި އޮރެންޖެވެ. ގޫގަލް އިން ބުނީ ޕިކްސެލް 4 ވިއްކަން ފަށާނީ 799 ޑޮލަރަށް ކަމަށެވެ. އަދި ޕިކްސެލް 4 އެކްސްއެލް ވިއްކަން ފަށާ އަގަކީ 899 ޑޮލަރެވެ.

comment ކޮމެންޓް