އިންޑިއާގައި ތުއްތު ކުއްޖަކު ދިރިއޮއްވާ ވަޅުލާފައި ވަނިކޮށް ސަލާމަތްކޮށްފި

އިންޑިއާގައި ދިރިއޮއްވާ ވަޅުލާފައި އޮތް ކުއްޖަކު ވަނީ ސަލާމަތްކޮށްފަ -- ފޮޓޯ: އަނޫޕް ކުމާރު

ދިއްލީ (އޮކްޓޯބަރު 15): އިންޑިއާގައި ތުއްތު އަންހެން ކުއްޖަކު ދިރިއޮއްވާ ވަޅުލާފައި ވަނިކޮށް ފެނިގެން ސަލާމަތްކޮށްފި އެވެ.

އުއްތަރަ ޕްރަދޭޝްގެ ބަރޭލީ ސިޓީން އެކުއްޖާ ފެނުނީ، ދުވަސް ނުފުރާ ވިހެއުމުން މަރުވި ކުއްޖެއް ވަޅުލާން ގަބުރުސްތާނަށް ދިޔަ ދެމަފިރިންނަށެވެ.

ބަރޭލީގެ ފުލުހަކު ބުނި ގޮތުގައި އެދެމަފިރިންގެ ދަރިފުޅު ވަޅުލާން ވެގެން ގަބުރުސްތާން ކޮންނަނިކޮށް، ގާތްގަނޑަކަށް ތިން ފޫޓު އަޑިން މަށިން ހަދާފައިވާ ގުޅިއެއް ފެނުނެވެ. އަދި އެގުޅިން ކުއްޖަކު ރޯ އަޑު އިވުނެވެ.

ތޮމްސަން ރޮއިޓާސް ފައުންޑޭޝަނާ ވާހަކަ ދައްކަމުން އެފުލުސް މީހާ ބުނި ގޮތުގައި، އެގުޅި ފެނުމާ އެކު ދެމަފިރިން އެކަން ގަބުރުސްތާނުގައި ހުރި ސެކިއުރިޓީ ގާޑަށް އެންގި އެވެ. އަދި ކުއްޖާ ގުޅިން ނަގާ، ފުލުހުންނަށް އެކަން އެންގި އެވެ.

ވިހެއިތާ އެންމެ ފަސް ދުވަސްވީ ކަމަށް ބެލެވޭ އެކުއްޖާއަށް މިހާރު ދަނީ ބަރޭލީގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންނެވެ. އަދި ފުލުހުން ދަނީ އެކުއްޖާގެ އާއިލާގެ މެމްބަރުން ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ރޮއިޓާސް ފައުންޑޭޝަނާ ވާހަކަ ދެއްކި ފުލުސް މީހާ ވަނީ އެކުއްޖާއަކީ އަންހެން ކުއްޖަކަށްވީތީ، ކުއްޖާ މަރާލަން އުޅުމުގެ ހާދިސާއެއް ކަމަށް ތުހުމަތުކޮށްފަ އެވެ.

އިންޑިއާއިން މިދިޔަ ޖުލައި މަހު ނެރުނު ސާވޭއެއްގައިވާ ގޮތުން އެގައުމުގެ އާބާދީގައި އަންހެން ކުދިންގެ އަދަދު ދަނީ މަދުވަމުންނެވެ. އަދި ސާވޭއިން ލަފާ ކުރާ ގޮތުގައި، އެގައުމުން އަންހެން ކުއްޖަކަށްވީތީ ދަރި ވައްޓާލުން 1994 ވަނަ އަހަރު މަނާ ކުރި ނަމަވެސް، ގިނަ ބަޔަކު އަދި ވެސް ދަނީ އެކުށަށް އަރައިގަންނަމުންނެވެ.

އެފަދަ ހާދިސާތައް މަދު ކުރުމަށް ޓަކައި އިންޑިއާއިން ވަނީ ބަނޑުގައި އޮންނަ ދަރިފުޅުގެ ޖިންސު ބެލުމަށް ޓެސްޓު ހެދުމާއި ޑޮކްޓަރުންނާއި ހެލްތު ވޯކަރުން ކުއްޖާގެ ޖިންސު ހާމަ ކުރުން މަނާކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް