ރ. އަތޮޅުގެ ފަޅުރަށެއް ކަމުގައިވާ ރ. ގާއުނޑޫދޫގައި ބަނދެފައި އޮއްވާ ފެނުނު ވެލައެއް ސަލާމަތްކުރުމުގެ މަސައްކަތް އެންވަޔަރަމެންޓް މިނިސްޓްރީ އިން ފަށައިފިއެވެ.
އެމިނިސްޓްރީ އިން ބުނީ ފަޅުރަށެއްގައި ވަރަށް އިހާނެތިކޮށް ބަނދެފައިވާ ވެލަޔެއް ސަލާމަތްކޮށް ދޫކޮށްލުމުގެ މަސައްކަތް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި އެންވަޔަރަމެންޓް މިނިސްޓްރީ ގުޅިގެން ކުރަމުންދާ ކަމަށެވެ.
މި ޓީމުގައި އެ މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު މުޖުތަބާވެސް ހަރަކާތްތެރިވެލައްވަމުންދާ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.
އެންވަޔަރަމެންޓު މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދަޅުވީ ވެލާ ބަނދެފައި އޮއްވާ ފެނުނީ އެރަށަށް ސާވޭއަކަށް ދިޔަ އެންވަޔަރަމެންޓު މިނިސްޓްރީގެ ޓީމަކަށް ކަމަށެވެ.
ވެލަޔަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ އެއްޗެކެވެ. ވެލާ ކަހަނބަށް އެއްވެސް ގޯނާއެއް ކުރުމާއި އަދި އެ ތަކެތި އާންމުކޮށް އުޅޭ މާޙައުލަށް ގެއްލުން ލިބޭ ފަދަ ކަންކަން ކުރުމަކީ އެ ގާނޫނުގެ ދަށުން މަނާ ކަމެކެވެ.