ކެތަލޯނިއާ މިނިވަން ދައުލަތަކަށް ހަދަން އުޅުނު ލީޑަރުން ޖަލަށް

ކެތަލޯނިއާގެ ލީޑަރުންގެ މައްޗަށް ކުރި ހުކުމާ ގުޅިގެން ސްޕެއިންގައި ވަނީ މުޒާހަރާކޮށްފަ -- ފޮޓޯ: ގެޓީ

ބާސެލޯނާ (އޮކްޓޯބަރު 14): ސްޕެއިންގައި އަމިއްލަ ވެރިކަމެއް އޮންނަ ކެތަލޯނިއާ މިނިވަން ދައުލަތަކަށް ހަދަން 2017 ވަނަ އަހަރު މަސައްކަތް ކުރި ނުވަ ލީޑަރަކު ނުވަ އަހަރާއި 13 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލާން ސްޕެއިންގެ ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

ކެތަލޯނިއާ މިނިވަންވުމަށް ފެނޭތޯ ބެލުމަށް އެކެއް އޮކްޓޯބަރު 2017އިގައި ބޭއްވި ވޯޓާ ގުޅިގެން އެސަރަހައްދުގެ ލީޑަރުންގެ މައްޗަށް ވަނީ ދައުލަތާ ދެކޮޅު އަމަލުތައް ހިންގުމާއި ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާކޮށްފަ އެވެ. އޭގެ ތެރެއިން 13 އަހަރަށް ޖަލަށް ލާން ހުކުމް ކުރީ އޭރު ކެތަލޯނިއާގެ ނައިބު ރައީސްގެ ގޮތުގައި ހުންނެވި އޮރިއޮލް ހޮންކެރޭޒްގެ މައްޗަށެވެ.

މީގެ އިތުރުން ޖަލު ހުކުމްކޮށްފައިވާ ލީޑަރުންގެ ތެރޭގައި ކެތަލޯނިއާގެ ޕާލިމެންޓުގެ ކުރީގެ ރައީސާއި ކުރީގެ ސަރުކާރުގެ ތަރުޖަމާނާއި ކުރީގެ މިނިސްޓަރުންތަކެއް ހިމެނެ އެވެ.

ކެތަލޯނިއާގައި އެ ވޯޓު ބޭއްވި އިރު ރައީސްގެ ގޮތުގައި ހުންނެވި ކާލްސް ޕުޖިޑެމޮން ވަނީ އޭނާ ހައްޔަރު ކުރުމުގެ ކުރިން ގައުމުން ފިއްލަވާފަ އެވެ. އަދި އޭނާ ވަނީ ލީޑަރުންގެ މައްޗަށް ކުރި ހުކުމް ކުށްވެރިކުރައްވާފަ އެވެ.

ކެތަލޯނިއާ މިނިވަންވުމާ ބެހޭ ގޮތުން ނެގި ވޯޓުގައި 90 ޕަސެންޓު މީހުން ވޯޓު ދިނީ މިނިވަންވުމަށެވެ. ނަމަވެސް އެވޯޓުގައި ބައިވެރިވީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 43 ޕަސެންޓު މީހުންނެވެ.

އެއަށް ފަހު ކެތަލޯނިއާގެ ޕާލިމެންޓުން އެސަރަހައްދުގެ މިނިވަންކަން އިއުލާން ކުރި އެވެ. ނަމަވެސް ސްޕެއިންގެ ސަރުކާރުން އެއީ ޣައިރު ގާނޫނީ ނިންމުމެއް ކަމަށް ބުނެ، ކެތަލޯނިއާގެ ސަރުކާރު އުވާލާ، އެސަރަހައްދުގެ މައްޗަށް ސީދާ ވެރިކަން ހިންގި އެވެ. އޭގެ ފަހުން ކެތަލޯނިއާގައި މަޖިލިސް އިންތިހާބެއް ބާއްވާ، އާ ސަރުކާރެއް ވަނީ ގާއިމުކޮށްފަ އެވެ.

comment ކޮމެންޓް