ކާށިދޫ ދާއިރާގެ ގޮނޑީގެ މައްސަލަ:
އިލްތިމާސް ކުރުމުގެ ހުއްދައަށް އިސްމާލް އަބްދުލް ހަމީދު ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފި

ދަށު ކޯޓުން އިސްމާއީލް އަބްދުލް ހަމީދު އަރުވާލަން ކުރި ހުކުމަށް ތާއީދުކޮށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުގެ ހުއްދައަކަށް އޭނާގެ ގާނޫނީ ވަކީލު ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފި އެވެ.

ހަމީދުގެ ގާނޫނީ ވަކީލުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ކްރިމިނަލް ބޮޑެތި މައްސަލަތަކުގައި ވަކާލާތު ކުރައްވާ އަބްދުﷲ ޝާއިރު ވިދާޅުވީ އެ މައްސަލަ ސުޕްރީމް ކޯޓަށް މިއަދު ހަވީރު ހުށަހެޅުއްވީ ހައިކޯޓުގެ ހުކުމުގެ ޚުލާސާ ރިޕޯޓުގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި ވިދާޅުވީ ހައިކޯޓުން އެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ލިބުމުން އިތުރު ނުކުތާތައް ހުށަހަޅުއްވާނެ ކަމަށް އިލްތިމާސްކުރުމުގެ ހުއްދައަށް އެދިވަޑައިގެންނެވި ފޯމްގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.

ހަމީދު މަޖިލީހުން މެންބަރުކަމުން ވަކިވެއްޖެކަން ނުވަތަ ނޫންކަން ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅިފައިވާ މައްސަލައިގެ އިއްޔެގެ ޝަރީއަތުގައި ހަމީދުގެ ވަކީލު ވިދާޅުވެފައި ވަނީ ހައިކޯޓުގެ ހުކުމް އިލްތިމާސް ކުރުން ފުރިހަމައަށް ހުށަހެޅޭނީ ހައިކޯޓުގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓު ލިބުމުން ކަމަށެވެ.

ހަމީދު އިއްޔެގެ ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެފައިވަނީ ދަށު ކޯޓުން ކުރި ހުކުމަށް ތާއީދުކޮށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިލްތިމާސް ނުކުރެވި އޮތީ ހައިކޯޓުގެ ރިޕޯޓް ލިބުން ލަސްވެގެން ކަމަށެވެ. ނަމަވެސް ހައިކޯޓުން މިއަދު ބުނީ ހަމީދުގެ ފަރާތްޕުޅުން ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓު ހޯއްދެވުމަށް ހައިކޯޓުގައި އެދިވަޑައިގެންފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށެވެ.

އިސްމާއިލް އަބްދުލްހަމީދުގެ މައްޗަށް ދަށު ކޯޓުން ކުރި ހުކުމްގައި ބުނަނީ 2008 ވަނަ އަހަރު ވޭސްޓް މެނޭޖްމަންޓަށް ގަން ކޮޅުވެއްޓިއެއް އިސްމާއިލް އަބްދުލްހަމީދު މަގާމުގެ ބާރާއި ނުފޫޒު ބޭނުންކުރައްވައި އެ އުޅަނދު ވޭސްޓް މެނޭޖްމަންޓަށް ނުލިބެނީސް ލިބުނު ކަމަށް އެބަސްވެ އެލްސީގެ ފައިސާ އުޅަނދު ވިއްކި ފަރާތަށް ހޯއްދަވައި ދެއްވާފައިވާ ކަމަށެވެ. އަދި އުޅަނދުގެ ބާކީ 50 ޕަސެންޓް ފައިސާ ދިނުމަށް އެއްބަސްވެފައި ވަނީ އުޅަނދު ދައުލަތަށް ލިބޭތާ 14 ދުވަހުގެ ތެރޭގައި ކަމަށާއި ކޮޅުވެއްޓި ވޭސްޓް މެނޭޖްމެންޓަށް ލިބުނު ކަމަށް ބުނެ، އެޕްރީލް 28، 2008ގައި އެ ފައިސާ އެ ކުންފުންޏަށް ހޯދާދީފައި ވަނީ ކޮޅުވެއްޓި ރާއްޖެ އައުމުގެ އެއް އަހަރު ކުރިން ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު