ބްރެޒިލް އެއްވަރުވި އިރު އާޖެންޓީނާއަށް ބޮޑު މޮޅެއް

އާޖެންޓީނާއާއި އެކުއެޑޯ ބައްދަލު ކުރި މެޗުގައި ގޯލު ޖެހުމަށްފަހު އާޖެންޓީނާގެ ކުޅުންތެރިން ސެލަބްރޭޓް ކުރަނީ: އެ މެޗުން އާޖެންޓީނާ މޮޅުވީ 1-6 ގެ ނަތީޖާ އަކުން --- ފޮޓޯ// ރަޔާން ބެންސަން

އިއްޔެ ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ނައިޖީރިއާއިން ވަރުގަދަ ބްރެޒިލް މޮޅުވިޔަ ނުދީ ހިފެހެއްޓި އިރު އެކުއެޑޯ އަތުން އާޖެންޓީނާ ބޮޑު މޮޅެއް ހޯދައިފިއެވެ.

އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުރުމަށްފަހު އަލުން ގައުމީ ސްކޮޑުގައި ހިމެނެން ފެށި ނޭމާ ޖޫނިއާވެސް ފުރަތަމަ އެގާރައިގައި ހިމަނައިގެން އިއްޔެ ބްރެޒިލް ކުޅުނު މެޗުން އެ ޓީމު ވަނީ ނައިޖީރިއާ އަތުން 1-1 ގެ ނަތީޖާ އަކުން އެއްވަރުވެފަ އެވެ. މިފަހަރުގެ ކޮޕާ އެމެރިކާ ކާމިޔާބުކޮށް ރަނގަޅު ފޯމެއްގައި ކުޅެމުން އައި ބްރެޒިލަށް މި ނަތީޖާއަކީ ހިތްހަމަޖައްސާލެވޭނެ ނަތީޖާއެއް ނޫން ކަމަށްވާ އިރު އެ ޓީމާއި އެންމެ ވާދަވެރި އާޖެންޓީނާއިން އިއްޔެ ވަނީ 6-1 ގެ ނަތީޖާއަކުން އެކުއެޑޯ ބަލިކޮށްފައެވެ.

އިއްޔެގެ މެޗަށް ބްރެޒިލް ނުކުތީ ވަރުގަދަ ސްކޮޑަކާއެކުއެވެ. ލިވަޕޫލަށް ކުޅެމުން އަންނަ ރޮބާޓޯ ފިރްމީނިއޯއާއި މެންޗެސްޓާ ސިޓީގެ ގެބްރިއަލް ޖީސުސް އަދި ޕެރިހުގެ ނޭމާ ފޯވާޑު ލައިނުގައި ހިމަނައިގެން އެ ޓީމުން މެޗު ވަރުގަދައަށް ފެށި ނަމަވެސް މެޗުގެ 12 ވަނަ މިނަޓުގައި ނޭމާއަށް ލިބުނު އަނިޔާއަކާއެކު އޭނާ ވަނީ ބަދަލުކޮށްފައެވެ. ނޭމާއަށް ލިބުނީ ކިހާވަރެއްގެ އަނިޔާއެއްކަން އަދި ޔަގީން ނުވާއިރު އެ ޓީމުގެ ކޯޗު ޓިޓޭ ބުނީ ނޭމާ އެހާ އަވަހަށް ބަދަލުކުރީ އަނިޔާގެ ސީރިއަސްކަން ނޭންގޭތީ ރިސްކެއް ނުނަގަންވެގެން ކަމަށެވެ.

ބްރެޒިލްއާއި ނައިޖީރިއާ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ/ މެޓް ޑޯމަން

އިއްޔެގެ މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ނައިޖީރިއާއިންނެވެ. ފުރަތަމަ ހާފުގެ 35 ވަނަ މިނަޓުގައި ޖޯ އަރީބޯ އެ ޓީމަށް ލީޑު ނަގައިދިން ނަމަވެސް ދެވަނަ ހާފު ފެށިގެން ބްރެޒިލްގެ މިޑްފީލްޑަރު ކަސެމީރޯ ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ރެއާލްގެ މިޑްފީލްޑަރަށް އިއްޔެގެ މެޗުން ބްރެޒިލް މޮޅުކޮށްދިނުމަށް އޭގެ ފަހުން ވެސް ރަނގަޅު ފުރުސަތެއް ލިބުނު އިރު، ބޮލުން ފޮނުވާލި އެ ހަމަލާ އަމާޒުވީ ހުރަސް ދަނޑީގައެވެ.

އިއްޔެގެ މެޗުގެ ނަތީޖާއާއެކު ބްރެޒިލް ވަނީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުންވެސް މޮޅެއް ލިބޭ ގޮތް ނުވެފައެވެ. ފޯމު ކަޓަމުން އަންނަ ބްރެޒިލް ދެން މެޗެއްގައި ވާދަކުރާނީ އެ ޓީމާއި ފެށުނީއްސުރެން އެންމެ ވާދަވެރި އާޖެންޓީނާއާއެވެ.

އާޖެންޓީނާއާއި ދެކޮޅަށް ބްރެޒިލް އަންނަ މަހު ނުކުންނަ އިރު އެ ޓީމު އޮތީ މިވަގުތު ރަނގަޅު ފޯމެއްގައެވެ. އެގޮތުން އިއްޔެ ކުޅުނު މެޗުންވެސް އެ ޓީމު ވަނީ އެކުއެޑޯ އަތުން ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ. އޭގެ ކުރީ މެޗުގައި އާޖެންޓީނާއިން ވަނީ ޖަރުމަނުވެސް ހިފަހައްޓައިފައެވެ.

އިއްޔޭގެ މެޗަށް އާޖެންޓީނާއިން ނުކުތީ އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީއާއި ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ނުހިމަނައެވެ. ނަމަވެސް އެ ޓީމުގެ ފޯވާޑް ލައިން ބެލެހެއްޓި ކުޅުންތެރިން ރޭގެ މެޗުގައި ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

އެ މެޗުގައި އާޖެންޓީނާއިން ފުރަތަމަ ގޯލު ޖެހީ 20 ވަނަ މިނެޓުގައެވެ. ލޫކަސް އަލާރިއޯގެ އެ ގޯލާއެކު އެކުއޭޑޯއަށް ހަމަޖެހިނުލެވި އުޅެނިކޮށް އޭގެ ހަތް މިނެޓު ފަހުން ވަނީ ބައިކޮޅަށް ގޯލެއް ވަދެ އާޖެންޓީނާގެ ލީޑު ފުޅާވެފައެވެ.

އާޖެންޓީނާއަށް ތިންވަނަ ގޯލު ފުރަތަމަ ހާފުގެ 32 ވަނަ މިނަޓުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ލިއަންޑްރޯ ޑެނިއަލް ޕަރޭޑެސްއެވެ. ދެވަނަ ހާފު އެކުއެޑޯއިން ގޯލަކާ އެކު ފެށި ނަމަވެސް އާޖެންޓީނާއިން ވަނީ އެ ހާފު ނިމުމުގެ ކުރިން އިތުރު ތިން ގޯލު ޖަހައިފައެވެ. އެ ހާފުގައި އާޖެންޓީނާއަށް ގޯލުތައް ޖަހައިދިނީ ޖާމަން ޕެޒެއްލާއާއި ނިކޮލަސް ޑޮމިނިކުއެޒް އަދި ޖަރުމަނު މެޗުގައި ޑެބިއުޓެންޓެއްގެ ގޮތުގައި އަރައި ގޯލު ޖެހި ލޫކަސް އޮކަމްޕޮސްއެވެ.

އަންނަ މަހު އާޖެންޓީނާއާއި ބްރެޒިލް ބައްދަލު ކުރާ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ސައުދީ އަރަބިއްޔާގަ އެވެ. އެ މެޗުގައި އާޖެންޓީނާގެ ތަރި މެސީއާއި އަގުއޭރޯ ކުޅޭނެ ކަމުގެ ފެހި ސިގްނަލް އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކެލޮނީ ވަނީ ދީފައެވެ.

comment ކޮމެންޓް