އެމްއާރުއެމް އުފެއްދުމުގެ ޖަލްސާ އަންނަ މަހު 7 ގައި

އެމްއާރުއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ސަން ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް

ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމު އިސްވެ ހުންނަވާ އުފައްދާ މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރުއެމް) އުފެއްދުމަށް ބާއްވާ ޖަލްސާ އަންނަ މަހު ހަތްވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސަވައިފިއެވެ.

ރައީސް މައުމޫން ސިޔާސީ ޕާޓީއެއް އުފެއްދުމަށް ނިންމެވިކަން އިއުލާން ކުރެއްވީ، މިދިޔަ ޖެނުއަރީ ފަހުކޮޅުއެވެ. ދެފަހަރެއްގެ މަތިން ޕާޓީ އުފެއްދުމަށް ހުއްދަ ދިން އިރު، އެންމެ ފަހުން އެ ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް ހުއްދަ ދީފައިވަނީ، މިމަހުގެ ދެވަނަ ދުވަހުއެވެ.

އެމްއާރުއެމް އުފެއްދުމުގައި އިސްކޮށްއުޅުއްވާ، އަބްދުލްއަލީމް އާދަމް މިއަދު "ސަން"އަށް ވިދާޅުވީ، ޕާޓީ އުފެއްދުމުގެ ޖަލްސާއަށް މިހާރު ތައްޔާރުވަމުންދާ ކަމަށާއި އަންނަ މަހު ހަތްވަނަ ދުވަހު ޖަލްސާ ބޭއްވުމަށް ތާވަލުކުރެވިފައި ވާ ކަމަށެވެ.

އެ ޖަލްސާގައި ޕާޓީގެ އަސާސީ ގަވާއިދު ފާސްކުރުމާއި، ދިދަ އަދި ލޯގޯ ފާސްކުރުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޕާޓީ ހިންގުމަށްޓަކައި ވަގުތީ ކައުންސިލެއްވެސް އެކުލަވާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖަލްސާ ބޭއްވި މިހާތަނަށް ތާވަލު ކޮށްފައިވަނީ ދަރުބާރުގޭގައި ކަމަށް އަލީމް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނާ ގޮތުން ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ ސޮއި، އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށްފަހު ލަސްވެގެން ހަ މަސް ދުވަހުގެ ތެރޭގައި، އެ ޕާޓީގެ އަސާސީ ގަވާއިދާބެހޭ ގޮތުންނާއި، އެ ޕާޓީގެ މައިގަނޑު މެނިފެސްޓޯއާ ބެހޭގޮތުން ނިންމުންތައް ނިންމުމަށް ބައްދަލުވުމެއް ބާއްވަން ވާނެއެވެ.

މި ބައްދަލުވުމުގައި، ޕާޓީއެއްގެ މެންބަރަކަށްވުމަށް އެދިފައިވާ، މީހުންގެ ތެރެއިން މަދުވެގެން 300 މީހުން ބައިވެރިވާން ޖެހޭނެއެވެ. އަދި މި 300 މީހުންގެ ނަމާއި، އެޑްރެހާއި، އައިޑެންޓިޓީ ކާޑު ނަންބަރާއި، ފޯނު ނަންބަރާއި ސޮއި އޮތް ލިސްޓެއް ބައްދަލުވުމުގެ ޔައުމިއްޔާގައި ހިމަނަން ޖެހެއެވެ.

comment ކޮމެންޓް