ޓެރަރިސްޓު ޖަމާއަތްތައް ޕްރޮމޯޓްކުރާ ކަމަށް ބުނެ މީހަކު ހައްޔަރުކޮށްފި

ފުލުހުން މީހަކު ހައްޔަރު ކުރަނީ --- ފޮޓޯ ފުލުހުން

ޓެރަރިޒަޓް ޖަމާއަތްތަކުގެ ޕޯސްޓްތައް ސޯޝަލް މީޑިއާގައި އާންމުކޮށް ޕްރޮމޯޓް ކުރާ ކަމަށް ބުނެ މީހަކު ހައްޔަރުކޮށްފި އެވެ.

އެންމެ ފަހުން ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުތަކުގައ ވާގޮތުން ޓެރަރިސްޓް ޖަމައާތަތްތަަކަށް ތާއީދުކޮށް، އެފަދަ ޖަމާއަތްތަށް ޕްރޮޕޯޓު ކުރުމަކީ ގާނޫނީ ކުށެކެވެ.

ފުލުހުން ބުނީ މުޖުތަމައުގައި ބިރުވެރިކަން އުފެދޭ ގޮތަށް މީހުންގެ ފުރާނަޔަށް ގެއްލުން ދިނުމަށް ގޮވާލި 27 އަހަރުގެ ފިރިހެނަކު މިރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

ޓެރަރިޒަމް ގާނޫނުގެ އިސްލާހުތަކުގައި ޓެރަރިޒަމްގެ އަމަލުތައް ވަނީ ވަރަށް ފުޅާ ދާއިރާއެއްގައި މާނަކޮށްފައެވެ. އެގޮތުން، މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުން، ކުށް ކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިކުރުވުން، ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުން، މުދަލަށް ބޮޑެތި ގެއްލުން ދިނުން، ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދެއް ހައިޖެކްކުރުން، އާންމުންނަށް ނުވަތަ އާންމުންގެ ބައެއްގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ބޮޑު ނުރައްކަލެއްވާފަދަ ހާލަތެއް ކުރިމަތިކުރުން، މުހިންމު އުމްރާނީ ވަސީލަތަކަށް ބޮޑު ގެއްލުމެއް ދިނުން ނުވަތަ އަސާސީ ހިދުމަތެއް މެދުކަނޑުވާލުން އެއީ ޓެރަރިޒަމްގެ އަމަލުތަކުގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

ހަނގުރާމައަށް މީހަކު ފޮނުވުން، އެކަމަށް މަސައްކަތްކުރުން ނުވަތަ އެކަމަށް ހިތްވަރުދިން އަދި ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކޮށް ކުރެވޭ އެންމެހާ ކަންކަމަކީ ވެސް ކުށެއްގެ ގޮތުގައި ގާނޫނުގައި ވަނީ ހިމަނާފައެވެ.

comment ކޮމެންޓް