ކަނޑުހުޅުދޫ ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ހިދުމަތް ފަށައިފި

ގއ. ކަނޑުހުޅުދޫ ސިއްހީ މަރުކަޒު -- ފޮޓޯ: ހެލްތް މިނިސްޓްރީ

ގއ. ކަނޑުހުޅުދޫ ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ހިދުމަތް ފަށައިފި އެވެ.

އެކަމަށް ހާއްސަކޮށްގެން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ލެބޯޓްރީގެ ހިދުމަތް ތައާރަފު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އެވެ.

ހެލްތް މިނިސްޓްރީން ބުނީ މީގެ ކުރިން ކަނޑުހުޅުދޫގެ ރައްޔިތުން ލެބޯޓްރީގެ ހިދުމަތް ހޯދަމުން ދިޔައީ 20 މިނެޓުގެ ދަތުރެއް ކުރުމަށްފަހު އެ އަތޮޅު ގެމަނަފުށީގެ ސިއްހީ މަރުކަޒުންނާއި ގދ. ގައްދޫ ސިއްހީ މަރުކަޒުން ކަމަށެވެ.

ކަނޑުހުޅުދޫ ސިއްހީ މަރުކަޒުގައި އަލަށް ހުޅުވި ލެބޯޓްރީ -- ފޮޓޯ: ހެލްތް މިނިސްޓްރީ

އެ ހިދުމަތް ކަނޑުހުޅުދޫގެ ސިއްހީ މަރުކަޒުން ލިބެން ފެށުމުން އެ ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ލިބިގެންދާނެ ކަމަށް ހެލްތް މިނިސްޓްރީން ބުންޏެވެ.

ކަނޑުހުޅުދޫގައި މިއަދު ލެބޯޓްރީގެ ހިދުމަތް ފަށާފައިވާއިރު، އެ ހިދުމަތް ފެށުމަށްޓަކައި ބޭނުންވާ މެޝިންތަކާއި ޓެސްޓްތައް ހަދަން ބޭނުންވާ އެހެނިހެން ވަސީލަތްތައް ހުސްވި ސެޕްޓެމްބަރު މަހުގެ ތެރޭގައި ސިއްހީ މަރުކަޒަށް ވަނީ ގެންގޮސްފަ އެވެ.

ކަނޑުހުޅުދޫއާއެކު ގއ. އަތޮޅުގައި ދެން ލެބޯޓްރީގެ ހިދުމަތް ފޯރުކޮށްދެމުން ގެންދަނީ ވިލިނގިލި، ދާންދޫ، ގެމަނަފުށި އަދި ދެއްވަދޫގެ އިތުރުން ކޮލަމާފުށީގައި އެވެ.

comment ކޮމެންޓް