ދީނީ އަދި އިޖްތިމާއީ މައްސަލަތައް ހައްލުކުރަން ނ. އަތޮޅުގައި ކޭމްޕެއް ފަށައިފި

އިސްލާމިކް މިނިސްޓްރީއާއި ފުލުހުން ގުޅިގެން ކުރިއަށްގެންދާ އޯގާ ކޭމްޕް ހަރަކާތުގެ ތެރެއިން -- ފޮޓޯ/ ޕޮލިސް މީޑިއާ

އާންމުންގެ މެދުގައި ހުރި ދީނީ އަދި އިޖްތިމާއީ މައްސަލަތައް ހައްލުކުރަން ކުރިއަށްގެންދާ އޯގާ ކޭމްޕްގެ ހަރަކާތްތައް ނ. އަތޮޅުގައި ފަށައިފި އެވެ.

މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ ހަރަކާތަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އިސްލާމިކް މިނިސްޓްރީން ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. އައްޝައިޚް އަހްމަދު މައުމޫނާއި އައްޝައިޚް އަހްމަދު ފަހުމީ ދީދީ މައުލޫމާތު ދެއްވާ އެ ހަރަކާތް ނ. އަތޮޅުގައި ފެށީ މަނަދޫންނެވެ. އަދި އެއަށްފަހު އެ އަތޮޅުގެ މާފަރާއި ލަންދޫގެ އިތުރުން ޅޮހީގައި ވެސް އޯގާ ކޭމްޕް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފަ އެވެ.

އޯގާ ކޭމްޕާ ގުޅޭގޮތުން ފުލުހުން ބުނީ އެ ކޭމްޕުގެ ދަށުން ސަރުކާރުގެ މުއައްސަސާތަކާއި ސްކޫލްތަކުގެ ވެރިންނާއި މުވައްޒަފުން އަދި ސްކޫލްތަކުގެ މުދައްރިސުންނާއި ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ޖަމިއްޔާތަކަށް އަމާޒުކޮށްގެން ސެމިނާތަކާއި ވަރކްޝޮޕްތައް ކުރިއަށްގެންދާނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީއާއި ފުލުހުން ގުޅިގެން ކުރިއަށްގެންދާ އޯގާ ކޭމްޕް ހަރަކާތުގެ ތެރެއިން -- ފޮޓޯ/ ޕޮލިސް މީޑިއާ

އާންމުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިއަށްގެންދާ އެ ކޭމްޕުގައި ދީނީ ގޮތުން މައުލޫމާތު އޮޅުންފިލުވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ. އަދި ދީނީ ކައުންސިލިންގް ބޭނުންވާ ފަރާތްތަކަށް ކައުސިލިންގް ދިނުމާއި މިސްކިތްތަކުގައި ދީނީ ދަރުސްތައް ވެސް އެ ކޭމްޕުގެ ތެރެއިން ކުރިއަށް ގެންދާނެއެވެ.

އޯގާ ކޭމްޕުގެ ތެރެއިން ރަށްރަށުގައި ހުރި ދީނީ އަދި އިޖްތިމާއީ މައްސަލަތަކަކީ ކޮބައިކަން ދެނެގަނެ، އެމައްސަލަތައް ހައްލު ކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ރަށްރަށުގެ ވެރިންނާއެކު މަޝްވަރާ ކުރާނެއެވެ.

އޭގެ އިތުރުން ސްކޫލްތަކުގެ އެސެމްބްލީގައި ދީނީ އަދި އިޖްތިމާއީ މައުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދީ، މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ޒިންމާތަކާއި މަސްއޫލިއްޔަތުތައް ރަނގަޅަށް އަދާކުރާ ޒުވާނެއްގެ ފަރާތުން ފެންނަން ޖެހޭ ސިފަތަކާ ބެހޭގޮތުން ޕްރެޒެންޓޭޝަންތަކެއް ދިނުމަށް ވަނީ ރާވާފައެވެ.

މުދައްރިސުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ސެމިނަރތަކުގައި ސްކޫލްތަކުގައި ހުރި އެކިއެކި މައްސަލަތައް ހައްލު ކުރާނެ ގޮތްތައް ކިޔައިދިނުމާއި މުޖުތަމައުގައި ހުރި މައްސަލަތަކަކީ ކޮބައިކަން މުދައްރިސުންނަށް އޮޅުންފިލުވައިދޭނެ އެވެ.

ހަމައެއާއެކު ބެލެނިވެރިންނަށް ކުރިއަށްގެންދާ ސެމިނަރތަކުގައި ދަރިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިންނަށް ހެދޭ ގޯސްތައް ދެނެގަނެ އެކަންކަން ރަނގަޅު ކުރާނެ ގޮތް ކިޔައިދޭނެ އެވެ.

އާންމުންގެ މެދުގައި ހުރި ދީނީ މައްސަލަތައް ދެނެގަތުމަށާއި އާންމުންނަށް ދީނީ މައުލޫމާތު ފޯރުކޮށްދީ، ދީނީ ނަސޭހަތާއި ދަރުސްތައް ދިނުމަށް އޯގާ ކޭމްޕްގެ ނަމުގައި ހަރަކާތެއް ފަށާފައިވާއިރު، ދީނާ ޚިލާފު ވާހަކަތަކެއް ހިމަނައިގެން 2016 ވަނަ އަހަރު މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވަރކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައިވާ އިސްލާމްދީނާ ގުޅޭ ކަމަށް ބުނާ ބައެއް ކަންތައްތަކުގެ މައުލޫމާތު އާންމުންނަށް ނޭނގޭ ކަމަށް އެ ރިޕޯޓުގައި ވަނީ ތުހުމަތުކޮށްފަ އެވެ.

comment ކޮމެންޓް