އައިޓީއެފްސީއިން ރާއްޖެއަށް 1.5 ބިލިއަން ޑޮލަރުގެ އެހީ ދެނީ

އައިޓީއެފްޓީސީން ރާއްޖެއަށް އެހީ ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރަނީ -- ފޮޓޯ/ ފިނޭންސް މިނިސްޓްރީނ

އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އިން ރާއްޖެއަށް 1.5 ބިލިއަން ޑޮލަރުގެ އެހީދިނުމުގެ ފްރޭމްވޯކް އެގްރިމެންޓެއްގައި ސޮއިކޮށްފި އެވެ.

މިއަދު ކުރުނބާ މޯލްޑިވްސް ގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން މި އެއްބަސް ވުމުގައި ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އައިޓީއެފްސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަނުގެ ސީއީއޯ އިންޖިނިއާ ހާނީ ސަލީމް ސޮންބޮލް އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ އައިޓީއެފްސީއަކީ 2008 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ގިނަ ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ މާލީ އިދާރާއެއް ކަމަށެވެ.

"ރާއްޖޭގައި އުފައްދާ ކަރަންޓަށް ބޭނުންވާ 80 ޕަސެންޓް ތެލަކީ އައިޓީއެފްސީގެ އެހީގައި ގަންނަ ތެލުން އުފައްދާ ކަރަންޓް. ރާއްޖެއަށް އެތެރެކުރާ ތެޔޮ އެތެރެ ކުރުމަށް އައިޓީއެފްސީ އިން ދީފައިވާ އެހީއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ހިއްސާއެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިއަދު ސޮއިކުރި އެގްރިމެންޓަކީ އަގު ނުކުރެވޭނެ ވަރުގެ އެގްރިމެންޓްއެއް ކަމަށެވެ. އައިޓީއެފްސީއިން ރާއްޖެއަށް ދޭ ޓްރޭޑް ފައިނޭންސް އާއެކު ރާއްޖޭގެ އިގްތިސާދު ކުރިއަރާ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ކުރިއަރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މި އެގްރިމެންޓްގެ ދަށުން ލިބޭ އެހީ ދަނޑުވެރިކަން ކުރިއެރުން ވުމަށް ބޭނުން ކުރާނެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އެހީދިނުމަށް ބޭނުން ކުރާނެ. ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށް އެމީހުންގެ ގާބިލްކަން އެކްސްޕްލޯކުރުމަށް މި އެހީ ފޯރުކޮށްދެވޭނެ. މީގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް ކުރިއެރުން އަންނާނެ،"

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އައިޓީއެފްސީގެ ސީއީއޯ ސަލީމް ވިދާޅުވީ ރާއްޖޭގެއަކީ އެ ކޯޕަރޭޝަނުން އެންމެ ބޮޑު އެހީ ދޭ އެއްގަމު ކަމަށެވެ. ރާއްޖޭގައި އުފައްދާ ހަަކަތައިގެ 80 ޕަސެންޓް އުފައްދަނީ އެ ކޯޕަރޭޝަނުގެ މާލީ އެހީގައިކަން ފާހަގަކުރައްވައި ސަލީމް ވަނީ އިތުރު ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާކަމަށް ވިދާޅުވެފަ އެވެ.

"މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ބޭނުންވާ ފަންނީ މީހުން އުފެއްދުމަށް އައިޓީއެފްސީއިން ރާއްޖެއަށް އެހީދޭން މަޝްވަރާ ކުރެވޭނެ. މިފްކޯގެ ކެޕޭސިޓީ އިތުރު ކުރުމަށް އެހީ ދޭން މަޝްވަރާ ކުރަލާނެ،," ސަލީމް ވިދާޅުވިއެވެ.

ސަލީމް ވަނީ އައިޓީއެފްސީގެ މެންބަރު ގައުމަކަށް ވުމަށް ރާއްޖެއަށް ދައުވަތު ދެއްވައިފަ އެވެ. އައިޓީއެފްސީއަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ ދަށުން ހިންގާ ޓްރޭޑް ފައިނޭންސް ކޯޕަރޭޝަނެކެވެ.

comment ކޮމެންޓް