މިދިޔަ މަހު 58 މައްސަލައެއް ނުބަލަން ނިންމާފައިވޭ: ޖޭއެސްސީ

-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ މިދިޔަ މަހުގެ ތިން ވަނަ ދުވަހު ތަސްދީގު ކުރެއްވިފަހުން ފާއިތުވި މަސް ދުވަހުގެ ތެރޭގައި 58 މައްސަލައެއް ނުބަލަން ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އެ ގާނޫނުގެ ދަށުން ވަނީ ކޮމިޝަންގެ ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ "މައްސަލަ ބެލުމާ މެދު ގޮތް ނިންމާ ކޮމިޓީ" އެއް އެކުލަވާލައިފައެވެ.

ޖޭއެސްސީން މިއަދު ބުނީ އެއް މަސް ތެރޭގައި އެ ކޮމިޓީއަށް 73 މައްސަލަ ހުށަހެޅުނު ކަމަށެވެ. އޭގެތެރެއިން 66 މައްސަލާގައި ވަނީ ގޮތެއް ނިންމާފައެވެ. އެގޮތުން އޭގެތެރެއިން އަށް މައްސަލަ ބެލުމަށް ނިންމިއިރު، 58 މައްސަލައެއް ނުބަލަން ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ޖޭއެސްސީން ބުނީ އެ ކޮމިޓީން އެ މައްސަލަތައް ނުބަލަން ނިންމީ ސުލޫކީ މައްސަލައެއް ބަލަންޖެހޭ ފަދަ ކަމެއް ފާހަގަވެފައިނުވާތީއެވެ. ނަމަވެސް އެ ނިންމުން ފައިނަލްވާނީ ކޮމިޝަނުން ނިންމުމުންނެވެ.

މައްސަލަތައް ނުބަލަން އެ ކޮމިޓީން ނިންމި ނިންމުންތައް ދިރާސާ ކުރަމުން އަންނަ ކަމަށް ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީން ބުނީ އެ ކޮމިޓީން ބަލަން ނިންމި މައްސަލަތަކާ ގުޅިގެން ތަހުގީގު ކޮމިޓީތައް އެކުލަވާލައި އެ މައްސަލަތަކުގެ ތަހުގީގު ފަށާފައިވާ ކަމަށެވެ.

comment ކޮމެންޓް