45 ގައުމެއްގެ ވިޔަފާރިއާ އެކު ހޮޓަލް އޭޝިޔާ ފަށައިފި

މިއަދު ދަރުބާރުގޭގައި ފެށި "ހޮޓަލް އޭޝިޔާ އެގްޒިބިޝަން އެންޑް ކަލިނަރީ ޗެލެންޖް"ގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓޫރިޒަމް ދާއިރާގެ ތަފާތު ވިޔަފާރިތަކުގެ ޕްރޮޑަކްޓްތަކާއި ހިދުމަތްތައް ދައްކާލަން ޝައުތު އޭޝިޔާގައި ބާއްވާ އެންމެ ބޮޑު އެކްޒިބިޝަން، "ހޮޓަލް އޭޝިޔާ އެގްޒިބިޝަން އެންޑް ކަލިނަރީ ޗެލެންޖް" މިއަދު ދަރުބާރު ގޭގައި ފަށައިފި އެވެ.

މިއީ އެ އެގްޒިބިޝަން ބާއްވާތާ، 15 ވަނަ ފަހަރެވެ.

އެ އެގްޒިބިޝަން ބާއްވާ "މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސަސް" (މެކްސް) އިން ބުނި ގޮތުގައި މިފަހަރުގެ އެކްޒިބިޝަންގައި 45 ގައުމެއްގެ ވިޔަފާރިތައް ހިމެނޭ ގޮތުން، 160 ސްޓޯލް ހުންނާނެ ކަމަށެވެ. އަދި އެ ފަރާތްތަކުން 670 ޕްރޮޑަކްޓެއް ޑިސްޕްލޭ ކުރާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"މި އެގްޒިބިޝަން މިއީ ސައުތު އޭޝިޔާ ސަރަހައްދުގައި ބާއްވާ ހޮސްޕިޓާލިޓީ ދާއިރާގެ މި ޒާތުގެ އެންމެ ބޮޑު އެގްޒިބިޝަން. މީގައި މިއަހަރުވެސް އެބަ ބައިވެރިވޭ ދުނިޔޭގެ ބޮޑެތި ގައުމުތައް ޗައިނާ، އިންޑިއާ މިހެން ގޮސް ތައިލެންޑް ހިސާބުގެ ވިޔަފާރިވެރިން ވެސް،" މެކްސްގެ ޑިރެކްޓަރު އަހުމަދު ޖަމީޒް ވިދާޅުވި އެވެ.

އަންނަ ބުދަ ދުވަހުގެ ނިޔަލަށް އޮންނަ މި އެގްޒިބިޝަންގެ އެންމެ ތަފާތު ހަރަކާތަކީ، ޓޫރިޒަމުން ދާއިރާގެ ކައްކާއިންގެ މެދުގައި ބާއްވާ ކެއްކުމުގެ މުބާރާތް، ކަލްނަރީ ޗެލެންޖެވެ. މިއަހަރުގެ ޗެލެންޖްގައި ވެސް 22 ދާއިރާއަކުން 450 ކައްކާއިން ވަނީ ބައިވެރިވެފަ އެވެ.

އެބައި ޖަޖްކުރުމަށް 24 ޖަޖުންގެ ޕެނަލަކުން ބައިވެރިވި އެވެ.

comment ކޮމެންޓް