ހުކުމް ތަންފީޒުކޮށް ނިމި އަލީ ހަމީދު މިނިވަން ވެއްޖެ

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ނެރުނު އަމުރާ ގުޅިގެން ހައްޔަރުކޮށް ޖަލަށްލި ކުރީގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މިނިވަންވެއްޖެ އެވެ.

އެކެއް ފެބްރުއަރީގެ އަމުރު ނެރުނު އިރު ފަނޑިޔާރުކަމުގައި ހުންނެވި އަލީ ހަމީދުގެ މައްޗަށް އެ މައްސަލައިގައި ދެ ދައުވާއެއް ކުރިއެވެ. އެއީ ފުލުހުންގެ ތަހުގީގަށް ފޯނު ނުދިން މައްސަލައިގައި އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާއާއި، ދަށު ކޯޓުތަކުގެ ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލައިގައި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވިކަމުގެ ދައުވާ އެވެ.

އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާއެއް ސާބިތުވެ، އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށްފައެވެ. އެހެންކަމުން، ގޭބަންދުގައި ހުންނަވައިގެން އޭނާ ތަންފީޒު ކުރައްވަމުން ގެންދެވީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލައިގެ ހުކުމެވެ.

ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އަލީ ހަމީދުގެ ހުކުމް މިދިޔަ މަހުގެ މެދު ތެރޭގައި ތަންފީޒުކޮށް ނިމިފައިވާ ކަމަށެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރުގެ އަބްދުﷲ ސައީދުވެސް މިހާރު ގެންދަވަނީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލައިގައި އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުންނެވެ. އޭނާގެ ހުކުމް ތަންފީޒުކޮށް އަދި ނުނިމެއެވެ. އެ މައްސަލައިގައި، ކުރީގެ ރައީސް މައުމޫންގެ ބައި ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ބައި ވަނީ ބާތިލުކޮށްފައެވެ.

comment ކޮމެންޓް