ދީނަށް ފުރައްސާރަކުރުމުގެ ޖާގައެއް ރައީސް ނުދެއްވާނެ: ގާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް -- ސަން ފޮޓޯ: ފަޔާޒު މޫސާ

އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ ޖާގަ ރައީސް ނުދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މ. ކުނޫޒުގައި މިރޭ ބޭއްވި ޖުމްހޫރީ ޕާޓީގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އިސްލާމްދީނަށާއި ކީރިތި ގުރުއާން އަދި ރަސޫލާ އަށް ފުރައްސާރަކޮށް ޖޯކު ޖެހުމުގެ ފުރުސަތު ރާއްޖޭގައި ނުލިބޭނެ ކަމަށާއި އެފަދަ އަމަލުތައް ކުރާ މީހުންނަކީ ބާކީވާނެ ބަޔެއް ކަމަށެވެ. އަދި ފުލުހުންނާއި ރައީސުލްޖުމްހޫރިއްޔާވެސް އެފަދަ މީހުންނާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް މިފަދައިން ވިދާޅުވެފައިމިވަނީ "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ގެ ނަމުގައި އެމްޑީއެން އިން އާންމުކުރި ރިޕޯޓުގައި އިސްލާމް ދީނާ ހިލާފު ގިނަ ވާހަކަތަކެއް ހުރުމުން އެކަމާމެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ. އެ ރިޕޯޓުގެ މައްސަލާގައި ސަރުކާރުން ފިޔަވަޅު ނާޅާތީ އިދިކޮޅުންވެސް މިއަދު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"އަޅުގަނޑު ދަންނަވާނީ ކުރަންވީ ކަންތައް ކުރާނެ މުވައްސަސާތައް މިތާކު މަދެއް ނޫނޭ. ރާއްޖޭގެ ސިފައިންނާއި ފުލުހުން އަދި ރައީސުލްޖުމްހޫރިއްޔާ އަށް މަތިކޮށްފައިވާ ވާޖިބާ ފަރުލާ ސުންނަތް އެބޭފުޅުން އަދާނުކޮށްފާނެކަމަށް ގަބޫލުކޮށްގެންތޯ މިތިބީ؟ ނޫން އެއްގޮތަކަށްވެސް ނޫން. އަޅުގަނޑަށް ކަށަވަރު އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ އެފަދަ ފުރުސަތެއް ރާއްޖޭގެ އެއްވެސް މީހަކަށް ނޫނީ ޖަމްއިއްޔާ އަކަށްވެސް ނުދެއްވާނެ ކަން،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ރައީސް ގޮތް ނިންމަވާނީ ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާ އެކު ކަމަށެވެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ފުލުހުން ބަލަމުންދާއިރު ގިނަ ބަޔަކު ދަނީ އެ ރިޕޯޓު ކުށްވެރިކޮށް ވާހަކަ ދައްކަމުންނެވެ. އެންޑީއެމް އުވާލުމަށް ގޮވާލަ ސޯޝަލް މީޑިއާގައި ވަނީ ކެމްޕެއިނެއްވެސް ފަށައިފައެވެ.

comment ކޮމެންޓް