އަނިޔާކޮށް އެއްލާލާފައި އޮއްވާ ފެނުނު މީހާގެ މައްސަލާގައި ބަޔަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ ފްލެޓް ސަރަހައްދު: މި ސަރަހައްދުން ވަނީ އަނިޔާކޮށް އެއްލާލާފައި އޮތް މީހަކު ވަނީ ފެނިފައި --- ސަން ފޮޓޯ/

އަނިޔާކުރުމަށްފަހު އެއްލާލާފައި އޮއްވާ އިއްޔެ އައްޑޫ ސިޓީ ހުޅުދޫ އިން މީހަކު ފެނުނު މައްސަލާގައި ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނެއްގެ އިތުރުން 22 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ރޭ އައްޑޫ ހުޅުދޫ އިން އަނިޔާތަކަކާއެކު އެއްލާލާފައި އޮއްވާ ފެނުނީ 35 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ފެނިފައި ވަނީ ރޭ 7:00 ހާއިރު ހުޅުދޫގައި އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ސަރަހައްދުން ނެވެ.

އަނިޔާ ލިބިފައިވާ މީހާގެ ބޮލުގައި އެއްޗަކުން ޖަހައި ބޯ ފަޅާލައި، ގައިގެ އެކި ތަންތަން ތަޅާފައިވާ ކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް