އެންމެ އަނިޔާކުރީ ރައީސް ޔާމީން، މައާފުކޮށްފިން: ލޯޔަރު ވައްޑެ

ކުރީގެ މެންބަރު ލޯޔަރު ވައްޑެ ޖޭޕީއަށް -- ސަން ފޮޓޯ: ފަޔާޒު މޫސާ

އެންމެ އަނިޔާކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކަމަށާއި ނަމަވެސް އެމަނިކުފާނަށް މައާފުކޮށްފައިވާކަމަށް ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީ އަށް ސޮއިކުރެއްވުމަށްފަހު މިރޭ ވާހަކަފުޅު ދައްކަވަމުން ވައްޑެ ވިދާޅުވީ އެއްވެސް މީހަކާމެދު ހަސަދަވެރިކަމެއް ނެތް ކަމަށާއި ކުރީގެ ސަރުކާރުގެ ދުވަސްވަރު ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރިއިރު އެކަމާ އެއްޗެއް ބުނަން ނުކެރި މަޑުން ތިބި މީހުންނަށްވެސް މައާފުކޮށްފައިވާ ކަމަށެވެ.

"ދަންނަވާލަން ބޭނުންވަނީ އަޅުގަނޑު މި ޕޯޑިއަމްގައި ހުރެ ކުރިން ދެއްކި ވާހަކަ އަކުން ފަހަރުގައި ހިތަށް އަސަރެއް ކޮށްފާނެ. އެހެންނަމަވެސް ދަންނަވާނީ އެންމެ އަނިޔާކުރީ ރައީސް ޔާމީން ކަމަށްވީއިރުވެސް އެމަނިކުފާނު އަޅުގަނޑުގެ ކިބައިން މައާފަށް ނޭދުނު ކަމަށްވިޔަސް އަޅުގަނޑު އެމަނިކުފާނަށް މައާފު ކޮށްފިން،" ވައްޑެ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އަނިޔާ ކުރީ ރައީސް ޔާމީން ކަމަށް އަޅުގަނޑުމެން ވަރަށް ފާޅުގައި ބުނީމު. އެހެން ނަމަވެސް އަޅުގަނޑުމެން ނިކުތީ ވަރަށް ގިނަ ބަޔެއްގެ ވާހަކަ ތަކެއްގެ މައްޗަށް ބިނާކޮށް،" ވައްޑެ ވިދާޅުވިއެވެ.

ގޮނޑިގެއްލުނު މެންބަރުންގެ ތެރޭގައި ހިމެނޭ ވައްޑެ ވިދާޅުވީ ކުރިން އެބޭފުޅުންނަކީ ބޮޑުތަކުރުފާނުން ކަމަށް ބެލި ކަމަށާއި ނަމަވެސް މިހާރު އެ 12 ބޭފުޅުންގެ އެއްވެސް އަގެއް ނެތް ކަމަށެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވައްޑެ އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަނު ކުރުމަށް މަސައްކަތް ކުރެއްވީ އިސްލާމްދީން ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކަމަށެވެ.

"އަޅުގަނޑުމެންގެ މާހައުލުން މިހާރު ފެންނަމުންދާ ކަންތައްތަކުގައި މާޔޫސްވާ ކަންތައްތަކުގެ ޖަވާބު ހަނު ހުންނަވައިގެން ދެއްވުމަކީ އަޅުގަނޑުމެން ކަންބޮޑުވެ ހިތާމަ ކުރާ ކަމެއް،" ވައްޑެ ވިދާޅުވިއެވެ.

ވައްޑެ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހުންނެވީ މި ސަރުކާރު ދަމަހައްޓަން ތައްޔާރަށް ކަމަށާއި ވައްޑެވެސް ހުންނަވާނީ ގާސިމްގެ ފަހަތްޕުޅުގައި ކަމަށެވެ. ގާސިމް އަށް ތައުރީފު ކުރައްވާ ވައްޑޭ ވިދާޅުވީ ލީޑަރެއްގެ ފަރާތުން ފެންނަންޖެހޭ ހުރިހާ ސިފައެއް ގާސިމްގެ ކިބާގައި އެބަހުރި ކަމަށެވެ.

އެގޮތުން ގާސިމް އަކީ ހިތްހެޔޮ ހުލްގު ހެޔޮ ބޭފުޅެއް ކަމަށާއި މީހުންނަށް މައާފުކުރާ ބޭފުޅެއް ކަމަށެވެ. ކުރިން އިދިކޮޅުގައި މަސައްކަތްކުރި ސިޔާސީ ބޭފުޅުން ގާސިމް އާއި ގުޅިވަޑައިގެން މަސައްކަތް ކުރެއްވުމަކީ އޭގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ގާސިމް އަކީ މީހުންނަށް އެހީވާ، ހިތްހެޔޮ މީހުންނަށް މައާފު ކުރެއްވުމުގައި ވެސް ނަމޫނާ ބޭފުޅެއް ކަމަށް ވައްޑެ ވިދާޅުވިއެވެ.

"މިފަދަ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގަންނަވައިފި ކަމަށްވާނަމަ، އެންމެ އުފާވާނެ ބަޔަކީ އެ ނިކަމެތި ރައްޔިތުން. އެއީ ސައްތައިން ސައްތަ ޔަގީންވާ ކަމެއް،" ވައްޑެ ވިދާޅުވިއެވެ.

comment ކޮމެންޓް