ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ޖުމްހޫރީ ޕާޓީ އަށް ސޮއިކުރައްވައިފިއެވެ.
މިރޭ މ. ކުނޫޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވައްޑެ ވަނީ ޖޭޕީ އަށް ސޮއިކުރައްވައި މެންބާޝިޕް ފޯމު ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ހަވާލު ކުރައްވައިފައެވެ.
ވައްޑެ އަކީ ކުރީގެ ރައީސް މައުމޫނުގެ އަރިހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ގާނޫނީ ދާއިރާ އިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ވައްޑެ މިހާރު ގެންދަވަނީ ޕީއެޗްޑީ އަށް ކިޔަވާ ވިދާޅުވަމުންނެވެ.
މިރޭގެ ރަސްމިއްޔާތުގައި ވައްޑެ ވަނީ ތުލުސްދޫ ދާއިރާ އިން ޖޭޕީ އަށް ސޮއިކޮށްފައިވާ 300 މީހުންގެ މެންބާޝިޕް ފޯމުވެސް ޖޭޕީގެ ލީޑަރު ގާސިމާ ހަވާލު ކުރައްވައިފައެވެ.
ވައްޑެ އެންމެ ފަހުން މަސައްކަތް ކުރެއްވީ ޕީޕީއެމްގައެވެ. ނަމަވެސް އޭރު ޕިޕީއެމްގެ އެތެރޭގައި އުފެދުނު މައްސަލަތަކާއެކު ޕާޓީ އިން ވަކިވެ ވަޑައިގެން މަސައްކަތް ކުރެއްވީ ރައީސް މައުމޫނު އަރިހުއެވެ.
މީގެ ކުރިން މަޖިލިސް މެމްބަރުކަން ކުރި މެމްބަރުންތަކެއްވެސް ވަނީ ދާދި ފަހުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ. އެގޮތުން ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި ތިއްބެވި އޭރުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކާއި، ކުރީގެ އިގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު އާއި ކުރީގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް އާއި ވެލިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު ވަނީ ޖޭޕީ އާއި ގުޅިވަޑައިގެންފައެވެ.