މިހާރު ކުރިއަށްދާ 19 އަހަރުން ދަށުގެ އޭއެފްސީ ޗެމްޕިއަންޝިޕް ކޮލިފިކޭޝަނުގެ ފަހު މެޗުގައި ކުޑަ ތަފާތަކުން ރާއްޖޭގެ ޒުވާން ޓީމު ލުބުނާނު އަތުން ބަލިވެއްޖެ އެވެ.
އޭޝިއާ ބައްރުގެ ގަދަބާރެއް ކަމުގައިވާ ލުބުނާނާ ދެކޮޅަށް މިއަދު ހަވީރު ރާއްޖެ ކުޅުނު މެޗުން ބަލިވީ 0-2 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާ އެކު ކުޅުނު ތިން މެޗުންވެސް ބަލިވެ ރާއްޖެ ވަނީ ކޮލިފިކޭޝަން ގުރޫޕު ސީ ގެ ފުލަށް ގޮސްފަ އެވެ. އެހެން ކަމުން ރާއްޖެއަށް ވަނީ އޭއެފްސީގެ ޖާގަ ގެއްލިފަ އެވެ. މި ގުރޫޕުން ތާވަލުގެ އެއްވަނައަށް ދާނެ ޓީމެއް އެނގޭނީ ދެން ކުޅޭ މެޗުގައި ތަޖިކިސްތާނާއި ސީރިއާ ބައްދަލު ކުރާ މެޗުންނެވެ.
ގްރޫޕްގެ އެއްވަނަ ހޯދާ ޓީމަކަށް 2020 ވަނަ އަހަރު ބާއްވާ 19 އަހަރުން ދަށުގެ އޭއެފްސީ ޗެމްޕިއަންޝިޕުން ޖާގައެއް ލިބިގެންދާއިރު، ދެވަނައަށްދާ ޓީމަކަށް ޖާގައެއް ލިބުމުގެ ހަނި ފުރުސަތެއް އޮންނާނެއެވެ.
ތަޖިކިސްތާނުގެ ވެރިރަށް ޑުޝާންބޭގައި ކޮލިފިކޭޝަން ކުރިއަށްދާއިރު، މިފަހަރުގެ ކޮލިފިކޭޝަނަށް ރާއްޖެ އައީ ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ކުރިއަށްދިޔަ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުން ތިންވަނަ ހޯދުމަށްފަހު އެވެ. ނަމަވެސް ދިގު ދަތުރުކަށް ފަހު ޓީމު ފުރަތަމަ މެޗަށް ދިޔަ އިރު ކުޅުނީ އެއްވެސް ވަރަކަށް ރެސްޓެއް ނުލިބި އެވެ. އެ މެޗުން ތަޖިކިސްތާން އަތުން ރާއްޖެ ބަލިވީ 0-9 ގެ ނަތީޖާ އަކުންނެވެ.
ފުރަތަމަ މެޗުން ބޮޑު ތަފާތަކުން ރާއްޖެ ބަލިވި ނަމަވެސް ދެވަނަ މެޗުގައި ސީރިއާއާއި ދެކޮޅަށް ރާއްޖެ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. އެ މެޗުގައި ފުރަތަމައިން ގޯލު ޖަހައި ރާއްޖެ ލީޑު ނެގި ނަމަވެސް ފަހަތުން އަރައި ސީރިއާއިން ވަނީ މޮޅު ހޯދައިފަ އެވެ.
މިއަދުގެ މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ ލުބުނާނުންނެވެ. އެޓީމުން ރާއްޖޭގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފެއްދި އިރު ރާއްޖެއިން ވަނީ މޮޅު ޑިފެންސެއް ކޮށް، ލުބުނާނުގެ ގިނަ ހަމަލާތަކެއް މި ހާފްގައި ދިފާއުކޮށްފައެވެ. ލުބުނާނުން މެޗުގެ ލީޑު ނެގީ 17 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އާދަމް ހިޖާޒީއެވެ.
ދެވަނަ ހާފް ފެށިގެންވެސް ލުބުނާނުގެ ފަރާތުން އެޓޭކިންގ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފްގައިވެސް ރާއްޖެއިން ވަނީ މޮޅު ޑިފެންސެއް ކޮށްފައެވެ. މި ހާފްގައި ރާއްޖެ ކޮޅަށް ލެބްނާނުން ލަނޑު ޖެހީ 76 ވަނަ މިނެޓުގައެވެ.