އިންޑިއާ - މޯލްޑިވްސް ކެރަމް ޓެސްޓް ސީރިސް މުލީގައި ފަށައިފި

މ. މުލީގައި މިއަދު ފެށި އިންޑިއާ - މޯލްޑިވްސް ކެރަމް ސީރިސްގެ ތެރެއިން -- ފޮޓޯ// ކެރަމް އެސޯސިއޭޝަން

އިންޑިއާ އިން ރާއްޖޭގެ ގައުމީ ކެރަމް ޖޫނިއާ އަދި ސީނިއާ ޓީމްތަކާ އެކު ކުޅޭ ފަސް މެޗްގެ ޓެސްޓް ސީރީސް މިއަދު މ. މުލީގައި ފަށައިފި އެވެ.

މިއަދު ހެނދުނު ފެށި މި ސީރީސްގައި ރާއްޖޭގެ ކުޅުންތެރިންނާ ވާދަކުރުމަށް އިންޑިއާގެ ކެރަމް ޓީމުގައި ޖުމްލަ 20 ކުޅުންތެރިންނާއި ފަސް އޮފިޝަލުން ވަނީ ރާއްޖެ އައިސްފަ އެވެ. އެއީ ސީނިއާ 10 ކުޅުންތެރިންނާއި ޖޫނިއާ 10 ކުޅުންތެރިންނެވެ.

ރާއްޖެއާ ދެކޮޅަށް ޓެސްޓް ސީރީސް މެޗުތައް ކުޅުމަށް އައިސްފައިވާ އިންޑިއާގެ ޓީމުގައި މޮޅެތި ކުޅުންތެރިންތަކެއް އެކުލެވެ އެވެ. އޭގެ ތެރޭގައި ދުނިޔޭގެ ސިންގަލްސް ރޭންކްގެ އެއް ވަނަ ޕްރަޝާންތް މޯރޭ އާއި ގިނަ ފަހަރުތަކެއްގައި ދުނިޔޭގެ ތަށި ހޯދައިފައިވާ ރަޝްމީކުމާރީ ވެސް ހިމެނެ އެވެ.

މ. މުލީގައި މިއަދު ފެށި އިންޑިއާ - މޯލްޑިވްސް ކެރަމް ސީރިސްގެ ތެރެއިން -- ފޮޓޯ// ކެރަމް އެސޯސިއޭޝަން

ރާއްޖެ އާއި އިންޑިއާއާ ދެމެދު ކުޅޭ ޓެސްޓް ސީރީސް މެޗުތައް މިއަދާއި މާދަމާ ކުރިއަށް ދާނެ އެވެ. އަދި އެއަށް ފަހު ލަންކާގެ މޮޅުކުޅުންތެރިން ވެސް ހިމަނައިގެން ކުޅޭ ޕްރެޒިޑެންޓްސް ކެރަމް ލީގް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ކެރަމް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

ޓެސްޓް ސީރީސްގައި ޖުމްލަ ފަސް މެޗު ކުޅޭ އިރު، އޭގެ ތެރެއިން ތިން މެޗު ގެންދާ ޓީމެއް މޮޅުވާނެ އެވެ. ޓެސްޓް ސީރީސްގެ މަގްސަދަކީ 2024 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ދިވެހި ކުޅުންތެރިންނަށް ދުނިޔޭގެ އެންމެ މޮޅު ކެރަމް ކުޅުންތެރިންނާ އެކު ގިނަ މެޗްތަކެއް ކުޅުމުގެ ފުުރުސަތު ހޯދައި ދިނުމެވެ.

ސަރުކާރުގެ އެންމެ ބޮޑެތި ވައުދުތަކުގައި ހިމެނޭ ކުޅިވަރުތައް މާލެއިން ބޭރު ކުރުމުގެ ސިޔާސަތުގެ ތެރެއިން މިފަހުން އަންނަނީ ގިނަ ބައިނަލް އަގުވާމީ މުބާރާތްތަކެއް ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވަމުންނެވެ. އެގޮތުން 21 އަހަރުން ދަށުގެ ސައުތު އޭޝިއަން ރީޖަނަލް ބެޑްމިންޓަން މުބާރާތް އައްޑޫ ސިޓީގައި އިއްޔެ ވަނީ ފަށައިފަ އެވެ.

ރާއްޖޭގެ ކެރަމް ޓީމުން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ގިނަ ކާމިޔާބީތަކެއް މިހާރު ވެސް ދަނީ ހޯދަމުންނެވެ. އެގޮތުން އެންމެ ފަހުން ބޭއްވި ވޯލްޑް ކެރަމް ޗެމްޕިއަންޝިޕްގައި ދިވެހި އަންހެން ޓީމް ވަނީ ތިން ވަނަ ހޯދައިފަ އެވެ. އަދި 23 އަހަރަށް ފަހު ދިވެހި ފިރިހެންޓީމް ވެސް ވަނީ ލޯ މެޑަލް ހޯދައިފަ އެވެ.

comment ކޮމެންޓް