އަނިޔާކުރުމަށްފަހު އެއްލާލާފައި އޮތް މީހަކު އައްޑޫ ސިޓީ ހުޅުދޫ އިން ފެނިއްޖެއެވެ.
ފުލުހުން ބުނީ އެ މީހާ ފެނިފައި ވަނީ މިރޭ 7:00 އެހައިކަންހާއިރު ހުޅުދޫގައި އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ސަރަހައްދުން ކަމަށެވެ. އޭނާ އަކީ 35 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އަނިޔާ ލިބިފައިވާ މީހާގެ ބޮލުގައި އެއްޗަކުން ޖަހައި ބޯ ފަޅާލައި، ގައިގެ އެކި ތަންތަން ތަޅާފައިވާ ކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެމީހާއަށް ހުޅުދޫ ސިއްހީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމަށެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. ނަމަވެސް މިހާތަނަށް އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.