އިންޓަނެޓް އަގުހެޔޮ ކުރުމުގެ ބާރު އޮތީ ރައީސް އޮފީހުގައި: މަލީހް

މިނިސްޓަރު މަލީހް: އިންޓަނެޓް އަގުހެޔޮ ކުރުމަށް މިނިސްޓްރީން ކުރަން ޖެހޭ ކަންތައް ނިމިފައިވާ ކަމަށް ވިދާޅުވި --- ސަން ފޮޓޯ: ފަޔާޒު މޫސާ

އިންޓަނެޓް އަގު ހެޔޮ ކުރުމަށް މިނިސްޓްރީން ކުރަން ޖެހޭ ކަންތައް އޮތީ ނިމިފައި ކަމަށާއި ދެން އޮތީ ރައީސް އޮފީހުގެ ޕޮލިސީ އޮފީހުން ކުރަން ޖެހޭ ކަންތައް ކަމަށް ކޮމިނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

އިންޓަނެޓް އަގު ހެޔޮ ކުރުމަކީ، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ރިޔާސީ ވައުދެކެވެ. ރައީސް ސޯލިހްގެ ސަރުކާރަށް 10 މަސް ވެގެން ދިޔައިރު، އަދިވެސް އިންޓަނެޓް އަގު ހެޔޮ ނުކުރެވޭތީ ބައެއް ފަރާތްތަކުން ދަނީ ސަރުކާރަށާއި މިނިސްޓްރީއަށް ފާޑުކިޔުން އަމާޒު ކުރަމުންނެވެ.

އެކަން ސާފުކޮށްދެއްވައި، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލު މިރޭ "ސަން" އަށް ވިދާޅުވީ، މީގެ ތިން މަހެއްހާ ދުވަސް ކުރިން އިންޓަނެޓް އަގުހެޔޮ ކުރުމަށް މިނިސްޓްރީއިން ކުރަން ޖެހޭ މަސައްކަތް ނިންމައި، ސަރުކާރުގެ ޕޮލިސީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އެކަމުގައި ދެން ގޮތެއް ނިންމަވާނީ ޕޮލިސީ އޮފީހުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އިންޓަނެޓް އަގުހެޔޮ ކުުރުމުގެ މަސައްކަތް ނިންމައި، ޖޫން 19 ވަނަ ދުވަހު ރައީސް އޮފީހުގެ ޕޮލިސީ އޮފީހާ އަޅުގަނޑުމެން ވާނީ ހިއްސާ ކުރައްވާފައި. މިހާރު އިންތިޒާރު ކުރަމުން މިދަނީ އެ ބޭފުޅުންގެ އިރުޝާދަކަށް. އެއާއެކޮށް އެކަން ވެގެން ދަނީ،" މިނިސްޓަރު މަލީހު ވިދާޅުވި އެވެ. "ވަރަށް ގިނަ ބޭފުޅުން ފާޑު އެބަ ކިޔާ މިނިސްޓްރީން ކުރަން ޖެހޭ ކަމެއް ނުކުރެވިގެންނޭ. އިންޓަނެޓް އަގު ހެޔޮ ކުރުމަށް މިނިސްޓްރީން އިތުރަށް ކުރަން ޖެހޭ ކަމެއް ނެތް،"

މިނިސްޓަރު ވިދާޅުވީ، އިންޓަނެޓް އަގުހެޔޮ ކުރަން ނިންމި ކަމުގައިވިޔަސް އެކަމާ ގުޅިގެން ދިގު ރާސްތާ އަދި މެދު ރާސްތާގައި ކުރަން ޖެހޭ ކަންތައް އެބަހުރި ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އޭގެ ތެރޭގައި ބްރޯޑްބޭންޑް ޕޮލިސީ ތައާރަފް ކުރުމާއި ސްޓޭކް ހޯލްޑަރުންގެ ކަންބޮޑުވުންތަކައް ހައްލު ހޯދުން ހިމެނޭ ކަމަށެވެ.

"މި ދާއިރާގެ ވާދަވެރިކަން އިތުރު ކުރުމަކީވެސް ސަރުކާރުގެ ވައުދެއް. މިހާރު ދިރާގާއި އުރީދޫ އަދި އާރުއޯއެލް [ރާއްޖެ އޮންލައިން]، މިހާރަށްވުރެ ކޮމްޕެޓިވް ވިޔަފާރިއަކަށް ހެދުމަށްޓަކައި އެބޭފުޅުންނަށްވެސް ކޮށްދެވެން ހުރި ކަންތައްތަކަށް ކޮށްދިނުމަށް ސަރުކާރުން މި ތިބީ ތައްޔާރަށް. އަދި އޭގެ އިތުރުން އިތުރު ވިޔަފާރިވެރިންނަށް މި ސެކްޓާ ހުޅުވާލާނެ ކަމަށް ސަރުކާރުން މީގެ ކުރިންވެސް ވަނީ ހާމަ ކުރައްވާފައި،" އިންޓަނެޓް އަގު ހެޔޮ ކުރުމަށް ސަރުކާރުގެ ވިސްނުން ހާމަ ކުރައްވައި، މަލީހް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ އަމިއްލަ ސަބްމެރިން ކޭބަލްއެއް އެޅުމަށް މިހާރުވެސް އިކޮނިމިކް ކައުސިލްގައި މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ރޭ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް އިފްތިތާހުކޮށްދެއްވި އެމަނިކުފާނުގެ ވައުދުތައް ފުއްދުމުގެ ތަސައްވަރު ހިމެނޭ އެކްޝަން ޕްލޭންގައި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލިޖީ (އައިސީޓީ) ދާއިރާ އަށް ޖުމްލަ ހަ ކަމެއް ހިމެނިފައިވާއިރު، ކަނޑައެޅިގެން އިންޓަނެޓް އަގު ހެޔޮ ކުުރުމަށް ހިމަނާފައެއް ނުވެ އެވެ.

މަލީހް ވިދާޅުވީ، ސީދާ އިންޓަނެޓް އަގު ހެޔޮ ކުުރުމަށް އެ ޕްލޭންގައި ނެތް ނަމަވެސް އިންޓަނެޓްގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ފުޅާ މާނައެއްގައި އެ ޕްލޭންގައި ލިޔެފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ރަސްމީ ބަހެއް އަދި ނުލިބައެވެ.

comment ކޮމެންޓް