ފިނޭންސްގެ 25 ބުރީގެ އިމާރާތާ ގުޅިގެން ކަންބޮޑުވުންފާޅުކޮށްފި

ފިނޭންސް މިނިސްޓްރީގެ އާ އިމާރާތުގެ ނަކަލެއް-- ސަން ފައިލް ފޮޓޯ

ރާއްޖެއިން މެލޭޝިއާގެ ކުންފުނިތަކާ ދެކޮޅަށް މަސައްކަތްކުރާތީ ކަމަށް ބުނެ އެގައުމުގެ ކުރީގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ދާތޯ ރީޒަލް މެރިކަން ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ވީޒެޑްއާރު ޕްރޮޕަޓީ އެސްޑީއެން ބަރުހާދު ގުރޫޕާ ހަވާލުކޮށްފައިވާ ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އޮފީސް އިމާރާތުގެ މަސައްކަތް ކުރިއަށް ނުދާތީ އެކުންފުނިން ދާދި ފަހުން ވަނީ ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 30 މިލިއަން ޑޮލަރު (462 މިލިއަން ރުފިޔާ) ހޯދުމަށް އާބިޓަރޭޝަނަށް މައްސަލައެއް ހުށަހަޅައިފައެވެ.

އެ ހާދިސާއަށް އިޝާރާތްކުރައްވައި މެލޭޝިއާގެ ކުރީގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ޑަޓުކް ވިދާޅުވީ ގައުމުން ބޭރުގައި ހަރަކާތްތެރިވާ މެލޭޝިއާ ކުންފުނިތައް ހިމާޔަތްކޮށް އެފަދަ ވިޔަފާރީގެ މުއާމަލާތްތައް ކުރިއަށްދަނީ އިންޓަނޭޝަނަލް ސްޓޭންޑަޑާއެއްގޮތަށްތޯވެސް ބަލަން ކުރިއަށްއަށްވުރެ ބޮޑަށް މަސައްކަތްކުރަންޖެހޭ ކަަމަށް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑު މިހާރު މި ގޮވާލަނީ މެލޭޝިއާގެ ކުންފުނިތަކުގެ ހައްގުގަ އެކަންޏެއް ނޫން. މެލޭޝއާގެ މުސްތަގިއްލުކަން ރައްކާތެރިކުރުމަށްވެސް،" އޭނާ ވިދާޅުވިއެވެ.

އަދި ރާއްޖެއިން މެލޭޝިއާ ކުންފުނިތައް "ބުލީ" ކުރުމަކީ ބަލައިގެނެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މެލޭޝިއާއާ ރާއްޖެއާ ދެމެދު އޮންނަ ގުޅުމަށް އަލިއަޅުވާލައްވައި އޭނާ ވިދާޅުވީ މިހާރުވެސް ރާއްޖޭގެ ދަރިވަރުންނާއި ރައްޔިތުންނަށްވެސް ފަސޭހައިން މެލޭޝިއާއަށް ދަތުރުކޮށް ތިބުމަށް ހާއްސަ އިމްތިޔާޒްތަކެއް ހަމަޖައްސައިދީފައިވާ ކަމަށެވެ.

ޑެޕިއުޓީ ފޮރިން މިނިސްޓަރު އިތުރަށް ވިދާޅުވީ މެލޭޝިއާގެ ކުންފުނީގެ މައްސަލައިގައި ރާއްޖޭގެ ސަރުކާރަށް ފޮނުވި ސިޓީތަކަށްވެސް އެދެވޭ ޖަވާބެއް ލިބިފައިނުވާ ކަމަށެވެ. އަދި އެ މައްސަލައިގައި އެގައުމުގެ ޑެޕިއުޓީ ފައިނޭންސް މިނިސްޓަރަށް ރާއްޖެއިން ބައްދަލުކުރުމުގެ ފުރުސަތު ލިބުނީ ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު ވިސާމް އަލީއާއެކަނިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވީޒެޑްއާރު ޕްރޮޕަޓީ އެސްޑީއެން ބަރުހާދު ގުރޫޕާ ހަވާލުކުރީ، 2016 ވަނަ އަހަރުގެ މާޗު މަހު އެވެ. އަދި އޭގެ ފަހުން އެ މަޝްރޫއުގެ އެގްރިމަންޓްގައި އެޗްޑީސީއާއެކު ސޮއި ކުރީ، 123 މިލިއަން ރުފިޔާއަށް 2017 ވަނަ އަހަރު މާޗު މަހު އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 32،500 އަކަފޫޓުގެ ސަރަހައްދެއްގައި ހަދާ އެ އިމާރާތް ނިންމުމަށް ރައީސް ޔާމީންގެ ސަރުކާރުން ރާވާފައި އޮތީ، 36 މަސް ތިން އަހަރު ދުވަހުގެ ތެރޭގަ އެވެ.

އެ އެއްބަސްވުމާ މެދު "އެއްބަސްނުވެވޭ" ކަންކަން ހުރުމުން އެފަރާތާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ދާދި ފަހުން ވަނީ ބުނެފައެވެ.

މެލޭޝިއާގެ ނޫހެއް ކަމަށްވާ މެލޭ މެއިލްއިން ބުނި ގޮތުގައި، އެ މަޝްރޫގެ 20 ޕަސެންޓް ނިމި، ޕައިލިން މަސައްކަތުގެ 60 ޕަސަންޓް ވަނީ ނިމިފަ އެވެ. ނަމަވެސް މިހާތަނަށް އައި އިރު، އެ މަސައްކަތުގެ އެއްވެސް ފައިސާއެއް ލިބިފައި ނުވާކަމަށް ކުންފުނިން ބުނެ އެވެ.

comment ކޮމެންޓް