ނަހުލާގެ ދިފާއުގައި ގާސިމް: ގަނޫނާ ހިލާފުވާނަމަ ވަޒީފާއިން ވަކި ކުރެވޭނެ

ގާސިމްއާއި ނަހުލާ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ޓްރާންސްޕޯޓް މިނިސްޓްރީގައި މަސައްކަތްކުރާ މުވައްޒަފުން ފަރުވާކުޑަ ވެގެން މުވައްޒަފުންނާ ބައްދަލުކޮށް ދެއްކި މިނިސްޓަރު އައިޝަތު ނަހުލާ ދެއްކެވި ވާހަކަފުޅު އާންމު ކުރި މުވައްޒަފުންނަށް އެކަމަނާގެ ފިރިކަލުން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފާޑު ވިދާޅުވެއްޖެ އެވެ.

ޓްރަންސްޕޯޓް މިނިސްޓްރީގެ މުވައްޒަފުންނާ ނަހުލާ ވާހަކަ ދައްކަވާ ވީޑިއޯގައި އޭނާ ވިދާޅުވެފައިވަނީ ފަރުވާކުޑަކޮށް މަސައްކަތްކުރާ މުވައްޒަފުން އެ މިނިސްޓްރީގައި އުޅޭ ކަމަށެވެ.

ޖުމްހޫރީ ޕާޓީއަށް ބަޔަކު ސޮއިކުރަން މިރޭ ކުނޫޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ވަހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ އޭނާގެ އަނބިކަނބަލުން އައިޝަތު ނަހުލާ ބަދުނާމު ކުރުމަށް އޯޑިއޯ އާންމު ކުރި މީހުން "އަތަށް ގޮވާފައިވާ" ކަމަށެވެ.

"މިއަދު ޓްރާންސްޕޯޓް މިނިސްޓަރަށް މި މައްސަލަ ދިމާވެގެން އެބަދޭ. މީހުން ސޯޝިއަލް މީޑިއާގައި އަޑު ފެތުރުމުން މިފަހަރު މި ގޮވީ ހަމަ އަތަށް،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ނަހުލާ ބަދުނާމު ކުރުމަށް އޯޑިއޯ ނެރުމުން ރައްޔިތުންގެ ލޯތްބާއި ތައުރީފު ލިބުނީ ނަހުލާއަށް ކަމަށެވެ. "މޭވާ ނާޅާ ގަހަކަށް ގަޅިއެއް ނޫކާނެ" ކަން ފާހަގަކޮށް ގާސިމް ވިދާޅުވީ ރަނގަޅަށް މަސައްކަތް ކުރާ މީހަކަށް ދިމާކުރުންތައް ވެސް އަންނާނެ ކަމަށެވެ.

ގާސިމް ވިދާޅުވީ ބައެއް މީހުންގެ ވިސްނުމުގައި ސިވިލް ސާވިސް މުވައްޒަފަކަށް ވީމަ ވަޒީފައިން ވަތްކެއް ނުކުރެވޭނެ ކަމަށެވެ. އެހެންނަމަވެސް ގާނޫނާ ގަވައިދާ ހިލާފަށް މަސައްކަތް ކުރާ މީޙުން ވަޒީފައިން ވަކި ކުރެވޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

"އެމީހުން ކަނޑަނުލެވޭނެ ބައެއް ނޫނޭ އެއީ އިނގޭތޯ. އެމީހުން ވަކިވެސް ކުރެވޭނެ. ފަރުވާކުޑަ ކުރަންޏާ އަދި އެމީހުންނަށް ހެދިފައި ހުރި ގާނޫނާ ގަވައިދުތަކުގެ އިމުން މިނުން ބޭރުވާ ކަމަށް ވަންޏާ ބޭރުވެސް ކުރެވޭނެ. ބޭރު ކުރަންވެސް ޖެހޭނެ." ގާސިމް ވިދާޅުވި އެވެ.

ގާސިމް ވަނީ ނަހުލާ ޓްރާންސްޕޯޓް މިނިސްޓްރީގައި ކުރައްވާ މަސައްކަތްތަކަށް ތައުރީފު ކުރައްވާ ވާހަކަފުޅު ދައްކަވާފަ އެވެ. ޓްރާންސްޕޯޓް މިނިސްޓްރީގައި ކޮރަޕްޝަންގެ ކަންކަން ހިނގާ ކަމަށާއި އެހެން ނަމަވެސް އެކަން ކުރައްވަނީ އޭނާގެ އަނބި އައިޝާ ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ.

"މީހަކަށް އަނިޔާއެއްދޭކަށްވެސް [ނަހުލާ] ކަމެއް ނުކުރައްވާނެ ކަން އަޅުގަނޑަށް ކަށަވަރު." ގާސިމް އިބްރާހިމް ވިދާޅުވި އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގައި ގިނައީ، ވަރަށް ދަށް ފެންވަރުގައި މަސައްކަތް ކުރާ މުވައްޒިފުން ކަމަށާއި އެފަދަ މުވައްޒިފުންނާ މެދު ފިޔަވަޅު އެޅަން ޖެހުނަސް ފަހަތަށް ނުޖެހޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް