ކުރީގެ މެމްބަރު ޔާމީން ރަޝީދާއި އިތުރު ބަޔަކު ޖޭޕީއަށް

ކުރީގެ ވެލިދޫ ދައިރާގެ މެމްބަރު ޔާމީން ރަޝީދު ޖުމްހޫރީ ޕާޓީއަށް ސޮއިކުރުން --- ސަންފޮޓޯ/ އަހުމަދު އަވްޝަން އިލިޔާސް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދާއި އިތުރު ބަޔަކު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފި އެވެ.

ޖުމްހޫރީ ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް އެޕާޓީން ކުރިއަށް ގެންދާ ހަރަކާތުގެ ތެރެއިން މިރޭ މ.ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައި ޔާމީން ރަޝީދުގެ އިތުރުން ބްރޯޑްކާސްޓިންގް ކޮމިޝަނުގެ ކުރީގެ މެމްބަރު އިސްމާއިލް ސޮފްއާންވެސް ވަނީ ސޮއި ކުރައްވާފަ އެވެ.

ޔާމީން ރަޝީދު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައި މިގަތީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ ހުންނަވައި އުފެއްދެވި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކް ޕާޓީ (އެމްޓީޑީ) ގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވުމަށް ފަހު އެވެ. ޔާމީން އެންމެ ފުރަތަމަ ސިޔާސީ ހަޔާތް ފެށީ އެމްޑީޕީއިންނެވެ. ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެ ވަޑައިގަތީ އެމްޑީޕީ މެމްބަރެއްގެ ގޮތުގަ އެވެ.

މަޖިލިސް މެމްބަރެއްގެ ގޮތުގައި ހުންނެވުމަށް ފަހު އޭރުގެ ވެރިކަން ކުރާ ޕާޓީ ޕީޕީއެމްއާ ޔާމީން ގުޅިވަޑައިގަތެވެ. ޖުމްހޫރީ ޕާޓީއަކީ ޔާމީން ގުޅިވަޑައިގަތް ހަތަރުވަނަ ޕާޓީ އެވެ.

ކުރީގެ ވެލިދޫ ދައިރާގެ މެމްބަރު ޔާމީން ރަޝީދު ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަނީ --- ސަންފޮޓޯ/ އަހުމަދު އަވްޝަން އިލިޔާސް

މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ އޭނާ ސިޔާސީ ހަޔާތް ފަށައިގެން އައިއިރުވެސް އޭނާއަށް ފެންނަ ރޯލް މޮޑެލްއަކަށް ގާސިމް އިބްރާހިމް ވެފައިވާ ކަމަށެވެ. އަދި ގާސިމް އިބްރާހިމާއެކު ސިޔާސީ މަސައްކަތް ކުރުމަށް އަބަދުވެސް ހުވަފެން ދެކެމުން އައި ކަމަށް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވަނީ މިރޭގެ ޖަލްސާގައި ގާސިމް އިބްރާހިމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފަ އެވެ. ވިދާޅުވީ އެއްވެސް މީހަކަށް އަނިޔާއެއް ވާކަށް ގާސިމް ނޭދޭނެ ކަމަށާއި އަބަދުވެސް ހައްގުބަސް ބުނާނެ ކަމަށެވެ.

"އަޅުގަނޑު މިޕާޓީއާ މި ގުޅުނީ ފިސާރި ރަނގަޅަށް ސިޔާސީ ހަރަކާތް ހިންގާލަން،" ޔާމީން ރަޝީދު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީ އެއް ނަމްބަރު ޕާޓީއަށް ވެގެންދާތަން ފެނިގެންދާނެ ކަމަށާއި އެ ޕާޓީއާ ގުޅުނީ އެމަސައްކަތުގައި ބައިވެރިވުމަށް ކަމަށް ޔާމީން ރަޝީދު ވިދާޅުވި އެވެ.

މީގެ ކުރިން މަޖިލިސް މެމްބަރުކަން ކުރި މެމްބަރުންތަކެއްވެސް ވަނީ ދާދި ފަހުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ. އެގޮތުން ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި ތިއްބެވި އޭރުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކާއި، ކުރީގެ އިގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު އާއި ކުރީގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފްވެސް ހިމެނެ އެވެ.

comment ކޮމެންޓް