އެޗްއާރުސީއެމްއަށް އެންމެ ގިނައިން ހުށަހެޅެނީ ދުވަސްވީ މީހުންނަށް އަޅާނުލާ މައްސަލަ

އުމުރުން ދުވަސްވީ މީހުންތަކެއް -- ފައިލް ފޮޓޯ

ހިޔުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)އަށް އެންމެ ގިނައިން ހުށަހެޅޭ އެއް މައްސަލައަކީ ދޮށީ އުމުރުގެ މީހުންނަށް އަޅާނުކުމުގެ މައްސަލަތައް ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

މިއަދު ފާހަގަކުރާ ދޮށީއުމުރުގެ މީހުންގެ ދުވަހާއި ގުޅުވައިގެން އެޗްއާރުސީއެމްއިން ނެރުނު ބަޔާނުގައި ބުނީ ދޮށީ އުމުރުގެ މީހުންގެ ހައްގުތަކަށް އުނިކަންލިބިގެން ގިނަ މައްސަލަތައް އެ ކޮމިޝަނަށް ހުށަހެޅޭ ކަމަށެވެ.

އެގޮތުން އެންމެ ބޮޑަށް ފާހަގަކުރެވެނީ ދޮށީ އުމުރުގެ މީހުންނަށް ދަރިންނާއި އާއިލާގެ ފަރާތުން އެހީތެރިކަން ނުލިބޭ މައްސަލަ ކަމަށާއި ދޮށީ އުމުރުގެ މީހުންނަށް ދައުލަތުން ދޭ އިނާޔަތުގެ ބޭނުން އެމީހުން ބެލެހެއްޓުމާ ހަވާލުވެ ތިބޭ މީހުން ނާޖައިޒު ގޮތުގައި ހިފާ މައްސަލަތައްވެސް ހުށަހެޅޭ ކަމަށް އެޗްއާރުސީއެމްއިން ބުންޏެވެ.

މިފަދަ މައްސަލަތައް ހިނގިޔަ ނުދިނުމަށް ހަރުދަނާ ނިޒާމެއް ގާއިމުކޮށް ދޮށީ އުމުރުގެ މީހުންނަށް އާއިލާއާއި މުޖުތަމައުން ދޭންޖެހޭ ލޯތްބާއި އަޅާލުން އަދި އެހީތެރިކަން ދިނުމަށް އެޗްއާރުސީއެމްއިން ވަނީ ގޮވާލައިފައެވެ.

އަދި އެފަދަ ފަރާތްތައް ބާކީނުކޮށް، ބޯހިޔާވަހިކަމާއި ވަޒީފާ އަދާކުރުމުގައި ތަފާތުނުކޮށް ހަމަހަމަ ފުރުސަތުތައް ދިނުމަށްވެސް އެޗްއާރުސީއެމް އިން ވަނީ ގޮވާލައިފައެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ދޮށީ އުމުރުގެ މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެފަރާތްތައް ބަލަހައްޓާ މަރުކަޒުތަކުުގެ ވަސީލަތްތައް އިތުރުކޮށް އެ ފަރާތްތައް ބެލުމުގެ މަސައްކަތްކުރާ މުވައްޒަފުންގެ ގާބިލުކަން އިތުރު ކުރުމަށްވެސް ވަނީ ގޮވާލައިފައެވެ.

comment ކޮމެންޓް