38 ޕަސެންޓް މަރުކަޒުތަކުގައި އޮބްޒާވަރުންނާއި މޮނީޓަރުން ސުލޫކީ މިންގަނޑާ ޚިލާފުވި: އެޗްއާރްސީއެމް

އެޗްއާރްސީއެމުން ބުނީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ %38 ވޯޓުލާ މަރުކަޒުތަކުގައި އޮބްޒާވަރުންނާއި މޮނިޓަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުން ސުލޫކީ މިންގަނޑާ ޚިލާފުވި ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ 38 ޕަސެންޓް ވޯޓުލާ މަރުކަޒުތަކުގައި އޮބްޒާވަރުންނާއި މޮނިޓަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުން ސުލޫކީ މިންގަނޑާ ޚިލާފުވި ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)އިން ބުނެފިއެވެ.

އެޗްއާރްސީއެމުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުމުގެ ތެރެއިން ފާހަގަ ކުރެވުނު އިބްތިދާއީ 32 ކަމެއް ފާހަގަކޮށްފައެވެ.

އޭގެ ތެރޭގައި 38 ޕަސެންޓް ވޯޓުލާ މަރުކަޒުތަކުގައި ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާކަން ފާހަގަކޮށް، އެޗްއާރްސީއެމްއިން ބުނެފައިވަނީ މުއާސަލާތު ކުރުމާއި އެހެނިހެން ބޭނުންތަކަށް ވޯޓުލާ މަރުކަޒުތަކުގައި ފޯން ބޭނުންކޮށްފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ވޯޓުލާ މަރުކަޒުތަކުގައި ފޮޓޯ ނެގުމުގެ ހުއްދަ އޮންނަނީ ހަމަ އެކަނި މޮނީޓަރުންނަށް ކަމުގައިވީ ނަމަވެސް އޮބްޒާވަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުން ވެސް ފޮޓޯ ނަގައި، ވީޑިއޯ ކޮށްފައިވާ ކަމަށާއި، އަދި ވޯޓު ބޫތު ކައިރިން ވެސް ފޮޓޯ ނަގާފައިވާކަން ފާހަގަ ކުރެވުނު ކަމަށް އެ ބަޔާނުގައި ވަނީ ފާހަަގަ ކޮށްފައެވެ.

އެޗްއާރްސީއެމުން ބުނީ މި ކަންކަން މި ގޮތަށް ހިނގިއިރު، މި އަމަލުތައް ހުއްޓުވުމަށް ފިޔަވަޅު އަޅާފައިވަނީ މަދު މަރުކަޒުތަކަކުން ކަމަށެވެ. އަދި ވޯޓުލާ މީހުންގެ ލިސްޓުތައް ގެންގުޅުމާއި، ވޯޓުލީ މީހުންގެ އަދަދު ބެލުމުގެ އިތުރުން ޕާޓީތަކާ ގުޅުންހުރި މަޝްވަރާތައް ވެސް ވޯޓުލާ މަރުކަޒުތަކުގެ ތެރޭގައި ހިނގަމުންދިޔަ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެ ތެރޭގައި ސިޔާސީ އެކިއެކި ބޭފުޅުން ވޯޓުލާ ސަރަހައްދުގެ ތެރޭގައި މީޑިއާއަށް އިންޓަވިއު ދީފައިވާ ކަމާއި، އެ އިންޓަވިއުތަކުގެ ތެރެއިން ވަކި ކެންޑިޑޭޓަކަށް ވޯޓުލުމަށް ބާރުއަޅާ ފަދަ ގޮތަކަށް ވާހަކަ ދައްކާފައިވާ ކަމަށް ވެސް އެޗްއާރްސީއެމްއިން ބުނެފައިވެއެވެ.

ވޯޓާ ގުޅިގެން ފާހަގަކުރެވުނު އިތުރު ކަންތައްތައް ބަޔާންކޮށް އެޗްއާރްސީއެމްއިން ބުނެފައިވަނީ ވޯޓުގެ ސިއްރުކަން ގެއްލޭ ފަދަ އަމަލުތައް އަށް މަރުކަޒެއްގެ ތެރޭގައި ހިނގާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ވޯޓު ކަރުދާސް އެންމެނަށް ފެންނާނެހެން ދެއްކުމާއި، އޮފިޝަލެއް ވޯޓުލާ ބޫތަށް ވަނުމުގެ ހާދިސާއެއް ވެސް ހިމެނޭ ކަމަށް ފާހަގަކޮށްފައިވެއެވެ.

ވޯޓުލުން ކުރިޔަށް ދިޔަ ވަގުތު ވޯޓު ކަރުދާސް ދެއްކުމުގެ ސަބަބުން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދިޔައެވެ.

އެޗްއާރްސީއެމްއިން ބުނި ގޮތުގައި ވޯޓުލުމުގެ އިންތިޒާމުތައް އެންމެ ފުރިހަމައަށް ހަމަޖެހޭނެ ފަދަ އެކަށީގެންވާ ޖާގަ 15 ޕަސެންޓް މަރުކަޒުތަކުގައި ހަމަޖެހިފައެއް ނެތެވެ. އޭގެ ސަބަބުން 34 މަރުކަޒެއްގައި ވޯޓުގެ ސިއްރުކަން ގެއްލުމުގެ ފުރުސަތު އޮތްއިރު، ފުރޮޅުލީ ގޮނޑީގައި ވޯޓުލީ މީހުންގެ ވޯޓުގެ ސިއްރުކަން ގެއްލުމުގެ ފުރުސަތު ވަކިން ބޮޑަށް އޮތް ކަމަށް ވެސް ބުނެފައިވެއެވެ.

އެޗްއާރްސީއެމްގެ ބަޔާނުގައި ވަނީ މަޖިލިސް އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަން (އީސީ)އިން ކޮށްފައިވާ މަސައްކަތްތަކާއި އިންތިޒާމުތައް ނިސްބަތުން ވަރަށް ރަނގަޅުކަން ފާހަގަކޮށްފައެވެ. އަދި ނިމިދިޔަ އިންތިޚާބަކީ ޖުމްލަ ގޮތެއްގައި މައްސަލަތައް މަދު، އަމާން އޮމާން އިންތިޚާބެއްކަން ވެސް ފާހަގަ ކޮށްފައިވެއެވެ.

މަޖިލިސް އިންތިޚާބުގައި ޖުމްލަ 93 ދާއިރާއަކަށް މެންބަރުން އިންތިޚާބުކުރިއިރު، ވޯޓުލާފައިވަނީ ވޯޓުލުމުގެ ހައްގު ލިބުނު މީހުންގެ 75 ޕަސެންޓެވެ. މި އަދަދަކީ 2019އިން ފެށިގެން ބޭއްވުނު މަޖިލިސް އިންތިޚާބުތަކުގައި ވޯޓުލީ މީހުންގެ އަދަދަށްވުރެން ދަށް އަދަދެއްކަން އެޗްއާރްސީއެމުން ފާހަގަ ކުރެއެވެ.

comment ކޮމެންޓް