މަގޫދޫ ކަތީބާއި ކުޑަތީބާއި ސެކެއްޓަރީ ދައުލަތުގެ ފައިސާއަށް ހިޔާނާތް ނުވާ ކަމަށް ނިންމި މައްސަލަ އިސްތިއުނާފުކޮށްފި

ދައުލަތުގެ ފައިސާ އަށް ޚިޔާނާތްވި ކަމަށް ބުނެ ކުރީގެ ފ. މަގޫދޫ ރަށު އޮފީހުގެ ބޮޑުކަތީބު މަގޫދޫ ހުސްނުހީނާގޭ، މިގުދާދު އާދަމާއި، ކުޑަކަތީބު އެރަށު ޖަވާހިރުމާގޭ، ސައުދު އަލީ، ސެކްރެޓަރީ، އެރަށު ނަޝީދާ މަންޒިލް، ނަޝީދާ މޫސާގެ މައްޗަށް ކުރި ދައުވާ ސާބިތު ނުވާކަމަށް ކުރީގެ ޖިނާއީ ކޯޓުން ކުރި ހުކުމް ދައުލަތުން މިއަދު ހައިކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.

ދައުލަތުގެ ފަރާތުން ދައުވާ ހުށަހަޅުއްވަމުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ވަކީލު ވިދާޅުވީ އެ ބޭފުޅުންގެ ބެލުމުގެދަށުގައިވާ ދައުލަތުގެ ފައިސާ އެ އޮފީހުގައި ތިޖޫރިއެއް ހުއްޓައި ތިޖޫރީގައި ނުބަހައްޓައި ފައިލިން ކެބިނެޓްގައި ބަހައްޓާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ ފައިސާ ފައިލިން ކެބިނެޓްގައި ބަހައްޓާފައި ހުއްޓާ ރަށު އޮފީސް ފަޅާލައި އެ ފައިސާތައް ވަގަށް ނަގާފައިވާކަމަށާއި، އެފައިސާ ވަގަށް ނެގިފައިވަނީ އެތިން ބޭފުޅުންގެ އިހުމާލުންކަމަށްވާތީ އެއީ ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުން ކަމަށެވެ. ދައުވާ ކުރަނީ 10000ރ. އަށް ވުރެ ގިނަ އަދަދަކުން ދައުލަތުގެ ފައިސާއަށް ހިޔާނާތް ވެފައިވާތީ ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ އެ ބޭފުޅުން ތިޖޫރީގައި ފައިސާ ނުބަހައްޓާ ފައިލިން ކެބިނެޓްގައި ބެހެއްޓީ ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ހޭދަކުރުމާއި ހިސާބު ލިޔެ ބެލެހެއްޓުމުގެ ގަވާއިދާއި ޚިލާފަށް ކަމަށެވެ. އަދި ވިދާޅުވީ ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އެ ބޭފުޅުންގެ ވަޒީފާ ބަޔާނުގައި ވާނެކަމަށެވެ.

ދައުވާއަށް ޖަވާބުދާރީ ވަމުން އެތިން ބޭފުޅުންގެ ގާނޫނީ ވަކީލު ވިދާޅުވީ އެ ފައިސާއަކީ ކޮންމެހެން ތިޖޫރީގައި ބަހައްޓަންޖެހޭ ފައިސާއެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ހޭދަކުރުމާއި ހިސާބު ލިޔެ ބެލެހެއްޓުމުގެ ގަވާއިދަކީ އާ ގާނޫނު އަސާސީ ތަސްދީގުކުރުމުގެ ކުރީގެ ގަވާއިދެއްކަމަށާއި، އެ ގަވާއިދަކީ ގާނޫނީ ބާރު ލިބިގެންވާ ގަވާއިދެއް ނޫންކަމަށެވެ.
ނަމަވެސް ދައުލަތުގެ ވަކީލު ވިދާޅުވީ އެގަވާއިދަށް ގާނޫނީ ބާރު ލިބިފައި ނުވިޔަސް އެގަވާއިދަކީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ޝާއިއުކޮށްފައިވާ ގަވާއިދަކަށްވުމުން އެ ގަވާއިދަކީ އަމަލުކުރެވޭނެ ގަވާއިދެއް ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ހައިކޯޓުގެ ފަނޑިޔާރު ޑރ. އަޒުމިރާލްދާ ޒާހިރު ވަނީ އެއީ ކޮން ފައިސާއެއްތޯ އާއި ތިޖޫރީގައި އެ ފައިސާ ނުބެހެއްޓީ ކީއްވެތޯއެ ތިން ބޭފުޅުންނާއި ސުވާލުކުރައްވާފަ އެވެ.

އެ ބޭފުޅުންގެ ތެރެއިން ސައުދު ވިދާޅުވީ އޭނާގެ އަތުގައި ހުރި ފައިސާއަކީ އެކި ފަރާތްތަކާއި ހަވާލުކުރުމަށް ތިޖޫރިން ނެގި ފައިސާ ކަމަށާއި، އެފައިސާ ހަވާލުކުރަންޖެހޭ ފަރާތްތަކާއި ހަވާލު ނުކުރެވިވަނީ ހަވާލުކުރަންޖެހޭ މީހުން އެވަގުތު ރާއްޖެއިން ބޭރުގައި ތިބުމުން ކަމަށެވެ.

މިގުދާދު ވިދާޅުވީ އޭނާގެ އަތުގައިހުރީ ރައްޔިތުންގެ ފައިސާ ކަމަށާއި، އެފައިސާ ތިޖޫރިއަށް ނުލެވި ހުރީ ފައިސާގެ ހިސާބުތަށް ނުނިމި ހުރުމުން ކަމަށެވެ.

ނަޝީދާ ވިދާޅުވީ އޭނާގެ އަތުގައިހުރީ އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފައިސާ އާއި މުވައްޒަފުންގެ މުސާރަ ފައިސާ ކަމަށެވެ. އަދި އެފައިސާ އަކީ ތިޖޫރީގައި ބަހައްޓަންޖެހޭ ފައިސާއެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ހައިކޯޓުގެ ފަނޑިޔާރު ޑރ. އަޒުމިރާލްދާ ޒާހިރު ވަނީ އެތިން ބޭފުޅުންގެ ވަޒީފާބަޔާންތައް ކޯޓަށް ހުށަހެޅުމަށް ދެ ހަފްތާގެ މުއްދަތެއް ދައުލަތަށް ދީފައެވެ. ފަނޑިޔާރު ވިދާޅުވީ މައްސަލަ ދިރާސާ ކުރެއްވުމުގައި އިތުރުކަމެއް ސާފުކުރަން ޖެހިއްޖެނަމަ އަޑުއެހުމެއް ބާއްވާނެ ކަމަށާއި އެހެން ނޫނީ ދެން އޮންނާނީ ނީޔާ ކަނޑައެޅުން ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު