ޖަލުގެ އޮޑިޓް ރިޕޯޓްގައި ހުރި ގިނަކަންކަން އިސްލާހްކޮށްފިން: މުނާޒް

މާލޭ ޖަލުގެ ހާލަތު އިމްރާން ބައްލަވާލައްވަނީ--- ފޮޓޯ: ހޯމް މިނިސްޓްރީ

ޖަލުގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރެއިން ގައިދީންނާ ބަންދު މީހުންގެ ހައްގުތަކާ ބެހޭ ގިނަ ކަންކަން އިސްލާހްކޮށްފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސާސްއިން ބުނެފި އެވެ.

ކަރެކްޝަނަލް ސާވިސާސްގެ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ މާފުށީ ޖަލުގައި ބޭއްވި ހަފްލާގައި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވަނީ އެގޮތުން އިސްލާހްކުރި ގިނަ ކަންތައްތަކެއް ތަފްސީލްކޮށް ވިދާޅުވެފަ އެވެ.

އެގޮތުން ޖަލުތަކުގައި ސާފު ބޯފެން ލިބޭނެ އިންތިޒާމް މިހާރު ހަމަޖައްސައި މީހުން ޖަލުގައި ބަންދުކުރާތާ 24 ގައިޑިއިރު ތެރޭ އާއިލާއަށް އެކަން އެންގުމަށް ގައިދީއަށް ކޯލް ކުރުމުގެ ފުރުސަތު ދޭން ފަށައި ކޮންމެ 15 ދުވަހަކުން އެއް ފަހަރު އާއިލާއަށް ހިލޭ ގުޅާލުމުގެ ފުރުސަތުދޭން ހަމަޖެއްސިކަން މުނާޒް ވަނީ ފާހަގަކުރައްވައިފަ އެވެ.

ގައިދީންގެ އާއިލީ ބައްދަލުވުންވެސް ދެ ގަޑިއިރަށް ވަނީ މިހާރު އިތުރުކޮށްދީފަ އެެވެ.

އޭގެ އިތުރުން ހާއްސަ ބައްޔެއް ހުންނަ ގައިދީންއަށް ޖަލު ކޮއްތުގައި ނުހިމެނޭ ކާނާވެސް ވިޔަފާރި އުސޫލުން މިހާރު ލިބޭގޮތް ވަނީ ހަދައިފަ އެވެ.

އޭގެ އިތުރުން ޕެރޯލްގެ ދަށުން ދޫކުރާ މީހުން އެމީހުންގެ ޕެރޯލްގެ މުއްދަތު މޮނިޓާ ކުރުމުގެ ގޮތުން އައސީއާރުސީގެ އެހީގައި 10 އޮފިސަރުން ތަމްރީންކޮށް އަމިލީގޮތުން ޕެރޯލް އޮފިސަރުންގެ ޒިންމާ މިހާރު ހަވާލުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ޖަލުތަކުގައި އުޅޭ މީހުންނަށް ޑޮކްޓަރަށް ދެއްކުމުގައި އިހުމާލްވާކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ. މުނާޒް ވިދާޅުވީ މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް 9785 ގައިދީން ޑޮކްޓަރަށްވެސް ދައްކައިފައިވާ ކަމަށެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ގައިދީންނަށް އެކި މަސައްކަތްތައް ދަސްކޮށްދިނުމަށް ރިހިބިލިޓޭޝަން ޕްރޮގްރާމްތަކެއްވެސް ފަށައިފައިވާ ކަން މުނާޒް ވަނީ ފާހަގަކުރައްވައިފަ އެވެ.

comment ކޮމެންޓް