އިސްރާއީލްގެ އާ ސަރުކާރު އެކުލަވާލުމުގެ ޒިންމާ ނަތަންޔާހޫއަށް

އިސްރާއިލްގެ އާ ސަރުކާރު އެކުލަވާލުމުގެ ޒިންމާ އެގައުމުގެ ރައީސް ރިއޮވިން ރިވްލިން ވަނީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ހަވާލު ކުރައްވާފަ -- ފޮޓޯ: އީޕީއޭ

ގުދުސް (ސެޕްޓެމްބަރު 26): އިސްރާއިލްގެ އާ ސަރުކާރު އެކުލަވާލުމުގެ ޒިންމާ އެގައުމުގެ ރައީސް ރިއޮވިން ރިވްލިން، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ހަވާލު ކުރައްވައިފި އެވެ.

ރައީސް ރިވްލިން އެފަދައިން ނިންމެވީ، މިދިޔަ ހަފްތާ ތެރޭ އިސްރާއީލުގައި ބޭއްވި މަޖިލިސް އިންތިހާބުގައި އެންމެ ގާތުން ވާދަ ކުރެއްވި ދެ ޕާޓީގެ ލީޑަރުން ކަމަށްވާ ނަތަންޔާހޫ އާއި ބެނީ ގަންޓްޒްއާ ބައްދަލު ކުރެއްވުމަށް ފަހު އެވެ. އަދި އެދެ ޕާޓީން ގުޅިގެން ސަރުކާރެއް އެކުލަވާލަން ރައީސް ލަފާ ދެއްވި ނަމަވެސް، ދެ ލީޑަރުން އެކަމަށް އެއްބަސްނުވުމުންނެވެ.

މިދިޔަ ހަފްތާގެ އަންގާރައިގައި ބޭއްވި އިންތިހާބުގައި ނަތަންޔާހޫގެ ލިކުދު ޕާޓީއަށް ލިބުނީ 32 ގޮނޑި އެވެ. އަދި އިސްރާއީލް އަސްކަރިއްޔާގެ ކުރީގެ ވެރިޔާ ކަމަށްވާ ގަންޓްޒްގެ ބްލޫ އެންޑް ވައިޓަށް 33 ގޮނޑި ލިބުނެވެ.

ނަމަވެސް ވަކި މަޖިލިސް މެމްބަރުންގެ ތާއިދަށް ބެލި އިރު، ނަތަންޔާހޫއަށް 55 މެމްބަރުންގެ ތާއިދު އޮތެވެ. އަދި ގަންޓްޒްއަށް ތާއިދު ކުރީ 54 މެމްބަރުންނެވެ. އަދި ސަރުކާރު އެކުލަވާލުމަށް ބޮޑުވަޒީރާ ހަވާލު ކުރީ، ސަރުކާރު އެކުލަވާލުމުގެ ފުރުސަތު ބޮޑީ ނަތަންޔާހޫ ކަމަށް ބެލެވޭތީ ކަމަށް ރިވްލިން ވިދާޅުވި އެވެ.

މީގެ ކުރިން އިސްރާއީލްގެ އަރަބި ޕާޓީތައް ހިމެނޭ ޖޮއިންޓް ލިސްޓުން ވަނީ ގަންޓްޒްއަށް ތާއިދު ކުރަން ނިންމާފައިވާކަން އިއުލާންކޮށްފަ އެވެ. އެއީ 1992ގެ ފަހުން، އެ އެލަޔަންސުން އެގައުމުގެ ބޮޑުވަޒީރު ކަމަށް ވާދަ ކުރައްވާ ކެންޑިޑޭޓަކަށް ތާއިދު ކުރި ފުރަތަމަ ފަހަރެވެ.

މިދިޔަ ހަފްތާގެ އިންތިހާބުގައި ޖޮއިންޓް އެލަޔަންސަށް ލިބުނީ 13 ގޮނޑި އެވެ. އެހެންކަމުން އެ އެލަޔަންސުން ގަންޓްޒްގެ ޕާޓީއާ އެކު ކޯލިޝަން ހެދި ނަމަވެސް، ސަރުކާރު އެކުލަވާލަން ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބޭނެ އެވެ.

އިސްރާއީލުގައި ވަނީ މިދިޔަ އޭޕްރިލް މަހު ވެސް މަޖިލިސް އިންތިހާބެއް ބާއްވާފަ އެވެ. އެއިންތިހާބުގައި ލިކުދް ޕާޓީ އާއި ބްލޫ އެންޑް ވައިޓް ޕާޓީއަށްވެސް ލިބުނީ 35 ގޮނޑި އެވެ. އަދި ޔަހޫދީ ހަރުކަށި ފިކުރުގެ "ޔިސްރެއިލް ބެއިޓެއިން" ޕާޓީން ނަތަންޔާހޫގެ ޕާޓީއާ ގުޅި ކޯލިޝަން ހެދުމުން، އެކޯލިޝަނަށް ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ހަވާލު ކުރެވުނެވެ.

ނަމަވެސް ސަރުކާރު އެކުލަވާލުމާ ބެހޭ އެއްބަސްވުމަކަށް ކޯލިޝަނަށް ނާދެވުމުން، އެގައުމުގެ ޕާލިމެންޓުން ފާސް ކުރީ އާ އިންތިހާބެއް ބާއްވާށެވެ.

comment ކޮމެންޓް