ޝަރުތުތަކަކާއެކު ޕްރޭމަދާސައަށް ރިޔާސީ ކެންޑިޑޭޓުކަން ހުށަހަޅަނީ

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ (ކ) އަދި ހައުސިންގް މިނިސްޓަރު ސަޖިތު ޕްރޭމަދާސަ ---

ސްރީލަންކާގައި ވެރިކަން ކުރާ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)އަށް ނިސްބަތްވާ ހައުސިންގް މިނިސްޓަރު ސަޖިތު ޕްރޭމަދާސައަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުކަން ޝަރުތުތަކަކާއެކު ހުށަހެޅުމަށް ނިންމާފައިވާކަމަށް ލަންކާގެ މީޑިއާގައި ރިޕޯޓުކޮށްފިއެވެ.

އަންނަ ނޮވެމްބަރު މަހު ސްރީލަންކާގައި ބާއްވާ ރިޔާސީ އިންތިހާބަށް، ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ލީޑަރުކަން ކުރައްވާ ޔޫއެންޕީއިން މިހާތަނަށް ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅާފައެއް ނުވެއެވެ.

ޔޫއެންޕީގެ ފަރާތުން ރިޔާސީ އިންތިހާބަށް ނުކުންނާނެ ބޭފުޅަކު ނިންމާފައި ނުވާ އިރު، 1995 އަދި 2005 ގައިވެސް ރިޔާސީ ރޭހުގައި ވާދަކުރެއްވި މިހާރުގެ ބޮޑުވަޒީރު ވިކްރަމަސިންހަ މިފަހަރުގެ އިންތިހާބުގައި ވާދަކުރައްވަން ޝައުގުވެރިވެވަޑައިގަންނަވާ ކަމުގެ އަޑު ފެތުރުނެވެ.

އެހެން ނަމަވެސް ލަންކާގެ "ޑެއިލީ މިރާ" ނޫހުން މިއަދު ރިޕޯޓުކުރި ގޮތުގައި، ޔޫއެންޕީގެ ޑެޕިއުޓީ ލީޑަރުކަން ކުރައްވާ ސަޖިތު ޕްރޭމަދާސައަށް ޝަރުތުތަކަކާއެކު ރިޔާސީ ކެންޑިޑޭޓުކަން ދިނުމަށް ބޮޑުވަޒީރު ވިކްރަމަސިންހައާއި ޔޫއެންޕީގެ އިސް ބޭފުޅުން ވަނީ އިއްޔެ މަޝްވަރާކުރައްވާފައެވެ.

ޑެއިލީ މިރާއިން ބުނި ގޮތުގައި ރިޔާސީ ކެންޑިޑޭޓުކަން ޕްރޭމަދާސައަށް ދިނުމަށް ބޮޑުވަޒީރު ވިކްރަމަސިންހަ އެއްބަސްވެވަޑައިގަންނަވަނީ ޕާޓީގެ ލީޑަރުކަމުގައި ވިކްރަމަސިންހަ ދެމިހުންނަވާ ގޮތަށެވެ. އަދި ޕްރޭމަދާސައަށް ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެ ނަމަ ސްރީލަންކާގައި އޮތް އެގްޒެކެޓިވް ޕްރެޒިޑެންސީގެ ނިޒާމު އުވާލުމަށް އެއްބަސްވުމަށްވެސް ވިކްރަމަސިންހަ ޝަރުތުކުރެއްވިކަމަށް ޑެއިލީ މިރާއިން ރިޕޯޓުކުރެއެވެ.

އެގްޒެކެޓިވް ޕްރެޒިޑެންސީ އުވާލައިފިނަމަ ސަރުކާރު ހިންގުމުގެ ބޮޑެތި ބާރުތައް ލިބޭނީ ބޮޑުވަޒީރަށެވެ. މިވަގުތު ސްރީލަންކާގައި އޮތީ ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމު މަސްހުނިވެފައިވާ ނިޒާމެކެވެ.

ސަޖިތު ޕްރޭމަދާސައަކީ ސްރީލަންކާގައި 1989 ވަނަ އަހަރުން ފެށިގެން މެއި 1993 އާ ހަމައަށް ރައީސްކަން ކުރެއްވި ރަނަސިންހަ ޕްރޭމަދާސަގެ ދަރިކަލުންނެވެ. ރައީސްކަމުގައި ހުންނަވަނިކޮށް ރައީށް ރަނަސިންހަ ޕްރޭމަދާސަ އަވަހާރަވީ 1 މެއި 1993 ވަނަ ދުވަހު ކޮލޮމްބޯގައި އެލްޓީޓީއީއިން ޖާނުން ފިދާވެ ދިން ހަމަލާއެއްގައެވެ.

ސްރީލަންކާގައި ރިޔާސީ އިންތިހާބު ބާއްވާ ދުވަސް ކައިރިވެފައިވާ އިރު، ގިނަ ބައެއްގެ ފާޑުކިޔުމާއި ނުރުހުން އަމާޒުވެފައިވާ މިހާރުގެ ރައީސް މައިތުރިޕާލަ ސިރިސޭނާ ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން ނުވަތަ ނޫންކަން އިއުލާނުކުރައްވާފައެއް ނުވެއެވެ.

އިންތިހާބުގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާނުކުރައްވާފައިވާ ބޭފުޅުންނަކީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ލީޑުކުރައްވާ ސްރީލަންކާ ޕޮޑުޖަނަ ޕާޓީ (އެސްއެލްޕީޕީ)ގެ ފަރާތުން ގޯޓާބަޔަ ރާޖަޕަކްސައާއި، ކޮމިއުނިސްޓް ފިކުރުގެ ޖަނަތަ ވިމުކްތި ޕެރަމުނަ (ޖޭވީޕީ)ގެ ލީޑަރު އަނޫރަ ކުމާރަ ޑިސާނާޔަކައެވެ.

މީގެ ތެރެއިން އެންމެ ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވަނީ ކުރީގެ ރައީސް ރާޖަޕަކްސަގެ ޕާޓީއިން ވާދަކުރައްވާ އެމަނިކުފާނުގެ ކޮއްކޯފުޅު ގޯޓާބަޔައަށެވެ.

(މަސްދަރު: ޑެއިލީމިރާ)

comment ކޮމެންޓް