ފަނޑިޔާރުންގެ ޖަމްއިއްޔާގެ ޖަލްސާ ވައިބާ ގްރޫޕުގައި ބާއްވަނީ

ފަނޑިޔާރުންގެ ޖަމްއިއްޔާގެ ރައީސް ޝުއައިބު ހުސައިން ޒަކަރިއްޔާ

ދިވެހި ފަނޑިޔާރުންގެ ޖަމްއިއްޔާގެ ފުރަތަމަ އާންމު ޖަލްސާ ވައިބާ ގުރޫޕުގައި ބޭއްވުމަށް ނިންމައިފި އެވެ.

އަންނަ މަހުގެ ފަސް ވަނަ ދުވަހު، އެ ޖަމްއިއްޔާގެ އާންމު ޖަލްސާ ބޭއްވުމަށް އެ ޖަމްއިއްޔާގެ ފަރާތުން މިހާރު ވަނީ މެމްބަރުންނަށް ދައުވަތު އަރުވާފައެވެ.

ދައުވަތުގައި ބުނާގޮތުން، ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ، އެކަމަށްޓަކައި ހާއްސަ ކުރެވިފައިވާ "DFJ General Meeting" ވައިބާ ގުރޫޕުގައި އެދުވަހު 10:00 ގައެވެ. ޖަލްސާގެ ހާޒިރީ ބަލާ ގޮތަކީ، ޖަލްސާ އޮންނަ ވަގުތު ވައިބާ ގުރޫޕުގައި މެމްބަރު އިނުމެވެ.

ވޯޓު ދޭނެ ގޮތް ކަމަށް ބަޔާންކޮށްފައިވަނީ، އެ ގްރޫޕުގައި ނެގޭ ޕޯލް އަކުން ކަމަށެވެ.

ފުރަތަމަ އާންމު ޖަލްސާގައި އެޖެންޑާ ކޮށްފައިވަނީ، އެ ޖަމްއިއްޔާގެ ނިޝާނާއި ދިދަ ފާސްކުރުމެވެ.

ވައިބާ ގުރޫޕުގައި ޖަލްސާ ބޭއްވުމަށް ފާސްކޮށްފައިވަނީ، އެ ޖަމްއިއްޔާގެ ހިންގާ ކޮމިޓީ އިންނެވެ. އެ ކޮމިޓީން ވަނީ ޖަލްސާ ވައިބާ ގުރޫޕުގައި ކުރިއަށް ދާނެ އުސޫލުތަކެއްވެސް ފާސްކޮށްފައެވެ.

comment ކޮމެންޓް