ސަރުކާރު ވައްޓައެއްވެސް ނުލެވޭނެ، ބަރުލަމާނީ ނިޒާމްވެސް ނުގެނެވޭނެ: ގާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މުސާ

ރައީސް އިބްރާހިމްގެ މުހައްމަދު ސޯލިހްގެ ސަރުކާރު ވައްޓައި ނުލެވޭނެ ކަމަށާއި އަދި ރާއްޖެއަށް ބަރުލަމާނީ ނިޒާމްވެސް ނުގެނެވޭނެ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިރޭ ޖުމްހޫރީ ޕާޓީގެ މައި އިދާރާ، މާފަންނު ކުނޫޒުގައި އެ ޕާޓީއަށް ބައެއް ބޭފުޅުން ސޮއި ކުރުމަށް ބޭއްވި ޖަލްސާގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް މިރޭ ވެސް ވަނީ، ސަރުކާރުގެ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އާންމު އުސޫލުގެ މަތިން ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

ގާސިމް ވިދާޅުވީ، މި ސަރުކާރުން ކަންތައްތައް ނުކުރެވޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ސަރުކާރަށް ދަތިކުރަމުންދާ ކަމަށާއި ނަމަވެސް ޖުމްހޫރީ ޕާޓީން އެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.

"އާދެ، ސަރުކާރު ވައްޓައެއްވެސް ނުލެވޭނެ. އަދި މިހާރު މިއޮތް ނިޒާމް، ބަރުލަމާނީއަކަށް ބަދަލެއްވެސް ނުކުރެވޭނެ،" ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، ރައީސް ސޯލިހްގެ ސަރުކާރުން މިހާތަނަށް މަސައްކަތް ކުރަމުން ދަނީ، ގާނޫނީ އިމުގެ ތެރެއިން ކަމަށާއި އިސްލާމްދީނާ ޚިލާފު ނުވާހާ ހިނދަކު ޖުމްހޫރީ ޕާޓީގެ ފުރިހަމަ އެއްބާރުލުން މިއަދުގެ ސަރުކާރަށް އޮންނާނެ ކަމަށެވެ.

"ބަޔަކު ކޮންމެ ވާހަކައެއް ދެއްކިޔަސް އަޅުގަނޑުމެން މިއުޅެނީ ސަރުކާރު ވައްޓާލައި، އިބްރާހިމް މުހައްމަދު ސޯލިހަށް ލޮޓިދީ، ލަނޑު ދޭކަށް ނޫން،" ގާސިމް ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މުސާ

ގާސިމް ވިދާޅުވީ، މަޖިލިސް ތެރެއިން ބައެއް ބޭފުޅުން ސަލާމަތީ ބާރުތަކަށް ފާޑު ވިދާޅުވެ، އެ މުއައްސަސާތަކުގެ އަގު ވައްޓާލަމުންދާ ކަމަށެވެ.

"އަޅުގަނޑަކަށް ނޭނގެ ފުލުހުންގެ މުއައްސަސާއަށް ހަދަންވީ ކިހިނެތް ކަމެއް. ނޫނީ ޖުޑިޝަރީއަށް ހަދަންވީ ކިހިނެތް ކަމެއް. ނޫނީ އެމްއެންޑީއެފަށް ހަދަންވީ ކިހިނެތް ކަމެއް،" ރައީސް ނަޝީދަށް ނުސީދާކޮށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވިއެވެ.

"އަނެއްކާ އެމްއެންޑީއެފް އާއި ފުލުހުން މިހެން ބުނެފިއޭ. ވަކި ބޭފުޅެއްގެ ފަހަތުން ފާރަވެރިވަނީއޭ. އިރުކޮޅަކުން އެ މުއައްސަސާތަކުން ނޫސް ބަޔާން ނެރޭ އެއީ ދޮގެކޭ ކިޔާ. މިކަހަލަ ވާހަކަ މި ދައްކަނީ. އަޅުގަނޑު ހިތަށް އަރަނީ [ރައީސް ނަޝިދަށް] ދެއްކޭ ނުދެއްކޭ ވާހަކަ އެނގިވަޑައިނުގަންނަވަނީއޭ،" ރައީސް ނަޝިދުގެ ނަން ވިދާޅުނުވެ އެމަނިކުފާނަށް ފާޑުވިދާޅުވެ ވާހަކަ ދައްކަމުން ގާސިމް ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މުސާ

ރައީސް ނަޝީދާ ޖައްސަލައިގެން "ސަރުކާރަށް ވައި އަޅުވައިގެން" ސަރުކާރުން ކަންތައްތަކެއް ހޯދަން ގާސިމް އުޅުއްވާކަމަށް ބައެއް މީހުން ވާހަކަ ދައްކާ ކަމަށް ގާސިމް ވިދާޅުވިއެވެ.

"އެކަން ބޭނުން ނުވާ އެއްވެސް އިންސާނަކު އެބަ އުޅޭތޯ،" ގާސިމް ސުވާލު އުފެެއްދެވިއެވެ.

"އަޅުގަނޑު އެކަމާ ދެބަހެއް ނުވަން. އަޅުގަނޑު ބޭނުން ކަންތައްތަކެއް [ސަރުކާރު ތެރެއިން]. އެހެން ނަމަވެސް ނުހައްގު ގޮތުގައި، ނަހަމަ ގޮތުގައި، ދޭތެރެ ޖައްސައިގެން މާތްވެެގެންވާ އިސްލާމް ދީނުގައި ދޭތެރެ ޖެއްސުން އެއީ ކިހާވަރެއްގެ ކަމެއް ކަން އަޅުގަނޑަށް ސާފުކޮށް އެނގޭ،" ގާސިމް ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މުސާ

ޖުމްހޫރީ ޕާޓީއާ ގުޅޭ ގޮތުން ޖަލްސާގައި ގާސިމް ވިދާޅުވީ، އަމާޒަކީ ކުރިއަށް އޮތް ދެއަހަރެއްހާ ދުވަސް ތެރޭ އެ ޕާޓީގެ މެމްބަރުންގެ އަދަދު 30،000 އަށް އެރުވުން ކަމަށެވެ. އަދި ޕާޓީއަށް ގޮފިތައް އިތުރު ކުރުމަށް ގާސިމް ވަނީ އެ ޕާޓީގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

މިރޭގެ ޖަލްސާގައި އިދިކޮޅު ޕީޕީއެމްގައި ކުރިން މަސައްކަތް ކުރެއްވި ބައެއް މެމްބަރުންނާއި، ބައެއް ޒުވާނުން ވަނީ ޖުމްހޫރީ ޕާޓީއަށް ސޮއި ކޮށްފައެވެ.

comment ކޮމެންޓް