''ސާބަހޭ މަލް، ކެތްތެރިވެބަލަ، އަޝްކާން ނުފެނިގެން އުޅުނަސް ތީ ދެން ބޮޑުވަރުހެން މަށަށް ހީވަނީ، ތިހާވަރުން ގޮސްފަ އެކުގައި މަސައްކަތްކުރަން ފެށީމަ ކިހާވަރެއް ވާނެ، ފެއިންޓް ކަން ނޭގެ ވާނީ...'' ރޭޝަމް ދިމާކޮށްލިއެވެ.

''ފެއިންޓް ވެގެން ވިޔަސް އެދެއަތުގެ ތެރެއަށް ވެއްޓެނިކޮށް އަހަންނަށް ފުދޭނެ...'' ހީލުމަކާއެކު މަލްސާ ބުނެލިއެވެ.

''މަލްސާ!...'' ވާހަކައިގެ ތެރޭން ޖަމީލާ ގޮވާލި އަޑު މަލްސާއަށް އިވުނެވެ. ''އާދެބަލަ މަށާއެކު ފިހާރައަކަށް ގޮސްލާފަ އަންނަން!...''

''ރޭޝް، ފަހުން ގުޅާނަން އިނގޭ...''

ޖަމީލާގެ އަޑު ކަންފަތުގައި ޖެހުމާއެކު މަލްސާ ފޯނުކޯލު ކުރުކޮށްލިއެވެ. އަދި ބެލްކަނީގެ ދޮރު ހުޅުވާލަމުން ބޮޑުކޮޓަރިއަށް އަވަސް ނަޒަރެއް ދިނެވެ. އެވަގުތު ބޭރަށް ދާން ތައްޔާރުވެގެން ހުރި ޖަމީލާ ފެނުމުން މަލްސާއަށް ލިބުނީ ހައިރާންކަމެވެ. ޖަމީލާއަކީ މީގެ ކުރިން ބާޒާރު ކޮށްލަން ވިޔަސް ގެއިން ނިކުންނަ މީހެއް ނޫނެވެ. ގިނަ ފަހަރު ގެއަށް ބޭނުންވަ ތަކެތި ބާޒާރުކޮށް ހެދުމަކީ އެނަގެ ބައްޕަގެ ޒިންމާއެކެވެ. ބައެއްފަހަރު ފިހާރައެއްގައި ސޭލް އަޅުވާފައިވާނަމަ ބައްޕައާއެކީގައި ޖަމީލާ ފިހާރައަށް ގޮސްފާނެއެވެ. އެހެންނޫންނަމަ ގޭތެރޭގެ ކަންކަމުގައި އަމުރުކުރުން ފިޔަވާ އިތުރުކަމެއް ކުރާކަށް ޖަމީލާއަކަށް ނޭނގޭނެއެވެ. ކަންނެތްކަމުގެ އިންތިހާ އެވެ.

''އަވަހަށް ތައްޔާރުވެގެން އާދެބަލަ، ރޯދަޔަށް ސޭލްއެއް އަޅުވައިގެން އުޅޭ ވާހަކަ ރަފިއްޔާ ގުޅާފަ ބުނުމުން ބާޒާރުކޮށްލަން ދާން މިއުޅެނީ، ހުސޭނަށް މިއަދު ލަހުން އާދެވޭނެތީ އަހަންނާއެކު ދާން މަލްސާ ގާތު ބުނާށޭ ބުނީ!... ރޭގަޑަށް ފަސްކުރީމަ އެއްޗެހި ހުސްވެދާނެ!...''

ބޮޑުކޮޓަރީގެ ސޯފާގައި އިށީންނަމުން ޖަމީލާ ބުނެލިއެވެ. އަދި ސޯފާ ކުރިމަތީ ހުރި ކުޑަ މޭޒުމަތީ އޮތް ރިމޯޓު ނަގައި ޓީވީ ހުޅުވާލިއެވެ.

''ކިހިނެއްވެފަ ތިހުންނަނީ؟...'' ޓީވީއަށް ނަޒަރު ހުއްޓާލުމުގެ ކުރިން މަލްސާއަށް ބަލާލި ޖަމީލާ އެހިއެވެ. އޭނަގެ ހިތުގައި ފޮރުވިފައި އޮތް ނުބައި ނިޔަތާމެދު މަލްސާއަށް ޝައްކެއް ވެދާނެތީ ޖަމީލާގެ ހިތުގައި ނުތަނަވަސްކަން ވިއެވެ. މަލްސާ އޭނައަށް ބަލަން ހުރި ގޮތުން އޭނައަށް ހާސްކަން ލިބުނެވެ. ނުތަނަވަސްކަން ވަންހަނާ ކުރަން ތުންފަތުގައި ހިނިތުންވުމެއް ކުރަހާލަން އޭނަ މަސައްކަތްކުރިއެވެ.

''ހެދުން ބަދަލުކޮށްގެން އެބަ އަންނަން...'' ޖަމީލާގެ ސުވާލަށް ރައްދުދެމުން މަލްސާ ބުނެލިއެވެ. އަދި އަވަސް ފިޔަވަޅުތަކެއްގައި ގޮސް އޭނަގެ ކޮޓަރިއަށް ވަނެވެ. އެމަންޒަރު ބަލަން އިން ޖަމީލާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. އެއަށްފަހު އަވަސްއަވަހަށް އޭނަގެ ފޯނު ނަގައި މެސެޖެއް ލިޔަން ފެށިއެވެ.

މަލްސާ ނިކުންނާނެ އިރެއްގެ އިންތިޒާރުގައި އިން ޖަމީލާ މަލްސާއަށް ގޮވާލީ ގިނައިރު ވާން ފެށުމުންނެވެ. އޭރު އިރުއިރުކޮޅާ ގަޑިއަށް ވެސް ނަޒަރު ހިންގާލެވެއެވެ. ވަގުތު ކުޑަތަންވަމުން ދާތީ އެކަމުގެ ހިތްހަމަނުޖެހުން ޖަމީލާގެ މޫނުމަތިން ފެނެއެވެ.

''މާކަ ރީތި މީހެއްވެސް ނޫނެ ތައްޔާރުވާން އެހާ ގިނައިރު އެނަގަނީ!، ރީތިކަމެއް ލިބިފައި ހުރި މީހެއް ނަމަ އަދި ކިހާވަރެއް ވާނެ!... ވަރަށް ފޫހިވޭ، އަވަހަށް މިބަލާއަކުން ސަލާމަތްވާނެ ނަމައޭ ހިތަށް އެބައަރާ، އޭރަށް ލިބޭ ލާރިގަޑުން ބޭރު ގައުމަކަށް ދަތުރެއް އަޅާލާނީ...'' ހަށަންބަނދެލަމުން ޖަމީލާ ހިތާހިތުން ބުނެލިއެވެ. އަދި ތުންފަތް އަރިއަކަށް ދަމާލަމުން ޓީވީން ދައްކަމުން އައި ހިންދީ ސިލްސިލާއަށް ސަމާލުކަން ދެވޭތޯ މަސައްކަތްކުރިއެވެ. ސިލްސިލާގެ ތެރެއަށް ޖަމީލާ ގެއްލެމުން ދިޔަ ދަނޑިވަޅަކީ މަލްސާ ކޮޓަރިން ނިކުތް ވަގުތެވެ. އެކަމާ ހެދިވެސް މަލްސާ ދެކެ ޖަމީލާ ހިތްހަމަނުޖެހުނެވެ.

''ކިހާ ހިސާބެއްގަ ހުރި ފިހާރައަކަށްތަ ދަނީ؟...'' ފައިވާން ހަރުގަނޑު ކައިރިއަށް ހުއްޓިލަމުން މަލްސާ ސުވާލުކުރިއެވެ. އަދި ފައިވާން ހަރުގަނޑުން ނެގި ފައިވާން ފަޔަށް މަހާލިއެވެ.

''ތަންކޮޅެއް ދުރުގައި ހުރި ފިހާރައެއް، ބާޒާރުކޮށްލައިގެން އަންނަ މަގުމަތީގަ އެބަޖެހޭ ރައްޓެއްސެއްގެ ގެއަށްވެސް ވަދެލަން...'' ޖަމީލާ ބުނެލިއެވެ. އޭނަ ސޯފާއިން ތެދުވާން އުޅުނު ވަގުތަކީ ގޭގެ މައިދޮރު ހުޅުވާލާފައި ގިޔާން ވަން ވަގުތެވެ. ވީފޫއްސެއްގެ ބޮޑުކަމުން ޖަމީލާގެ ޠަބީއަތު ގޯހުންގޯހަށް ދިޔައެވެ. އެފަދަ ވަގުތެއްގައި ގިޔާން އައުމުން އިންތިހާއަށް ރުޅި ގަދަ ވިއެވެ. އެހެނަސް އެއިން އެއްވެސް އިހުސާސެއް ފާޅުވުމުގެ ފުރުސަތެއް އޭނަ ނުދިނެވެ. ގިޔާންގެ ނަޒަރު އޭނައަށް ހުއްޓުމުން ހިނިތުންވުމެއް ދިނެވެ.

''ހާދަ އަވަހަކަށް އިމްތިހާނު ނިންމާފަ ތިއައީ؟...'' ގިޔާން އެގަޑީގައި އައުމުން ޖަމީލާއަށް ހައިރާންކަން ލިބުނެވެ. އޭނަ ހުރިހާ ކަމެއް ރާވައިގެން ހުރީ ދުރާލައި ރާވައިގެންނެވެ. ގިޔާން އެގަޑީގައި އައުމުން ޖަމީލާގެ ރޭވުމަށް ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ.

''ދޮންތާ، މިގަޑީގަ ކޮންތާކަށް ދާންތަ ތިއުޅެނީ؟...'' ޖަމީލާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ގިޔާން މަލްސާއަށް ބަލާލިއެވެ. އެއަށްފަހު ޖަމީލާއަށް އަވަސް ނަޒަރެއް ދިނެވެ. އޭނަ ޖަމީލާއަށް ބަލާލީ ކަމެއް ހޯދައިގަންނަން އުޅޭ މީހަކު ފަދައިންނެވެ. މިއިން ޒަމާނެއްގައި ވެސް ދޮންތައާއެކު ޖަމީލާ ބޭރަށް ގޮސްފައި ނުވާތީއެވެ.

''ރޯދަ މަހާއި ދިމާކޮށް ސޭލް އަޅުވައިގެން އުޅޭތީ ބާޒާރުކޮށްލަން މިދަނީ...'' މަލްސާއަށް ވުރެ ކުރިން ގިޔާންގެ ސުވާލަށް ޖަވާބު ދިނީ ޖަމީލާއެވެ.

''ގިޔާން ދޭ އަވަހަށް ޔުނިފޯރމް ބަދަލުކޮށްގެން ކާން، ކާ އެއްޗެހި ހުންނާނީ ނަގާފަ، މަލްސާއާއި އަހަރެން އަންނާނަން އިރުކޮޅަކުން...'' ގިޔާންއަށް ހިނިތުންވެލަމުން ޖަމީލާ ބުނެލިއެވެ. ގިޔާންގެ ނަޒަރުގައި ހުރި ޝައްކުގެ ލިސާންތަކުން ޖަމީލާއަށް ނުތަނަވަސްކަން ލިބެން ފެށިއެވެ.

''މެންދުރުގެ ރައްދަކަ އަވީގައި މީހުން ބާޒާރުކުރަން ދޭތަ؟...'' ޖަމީލާއަށް ބަލާލަމުން ގިޔާން ސުވާލުކުރިއެވެ. ޖަމީލާގެ ފަރާތުން އޭނައަށް ފެންނަމުން ދިޔަ ނުތަނަވަސްކަމާއި ހާސްކަމުން ގިޔާންގެ ހިތުގައި ޝައްކުތަކެއް އުފެދިގެން ދިޔައެވެ. ޖަމީލާއަށް އައިސްފައިވާ ކުއްލި ބަދަލުތަކަކީ ދޭހަކުރަން އުނދަގޫ އަރަތަކަށް ވެއްޖެއެވެ. މިއިން ދުވަހަކުވެސް އެފަދަ ސިފައެއް ޖަމީލާގެ ފަރާތަކުން ނުފެނެއެވެ. އޭނަގެ ޒަމީރު ބުނަމުން ދިޔައީ އޭނައާއި މަލްސާއަށް ޖަމީލާގެ ހިތް ދުވަހަކު ވެސް ހެވެއް ނުވާނެކަމެވެ. މަތި އޮމާންކޮށްގެން އެހުންނަނީ ކޮންމެވެސް ނުބައި ހީލަތްތެރި ނިޔަތެއް ހިތުތެރޭގައި ވަންހަނާވެފައިވީތީއެވެ. ކޮންމެހެން ވިޔަސް ޖަމީލާއެކު ދޮންތައަށް ދިއުމުގެ ފުރުސަތު ދޭން ގިޔާންގެ ހަވަނަ ހިއްސު ދެކޮޅު ހެދިއެވެ.

''ދޮންތަ ދާނަމަ އަހަރެން ވެސް ދާނަން، ބާޒާރުކުރަން ދާއިރު ފިރިހެނަކު ދިއުމުން ފަސޭހަ ވާނީ......'' ޖަމީލާއަށް އިތުރު އެއްޗެއް ނުބުނެވެނީސް ގިޔާން ގޮސް އޭނަގެ ކޮޓަރިއަށް ވަނެވެ. ވަންތާ ގިނަ އިރެއް ނުވަނީސް ލައިގެން ހުރި ޔުނިފޯރމް ޓީޝާޓަކާއި ސޯޓަކަށް ބަދަލުކޮށްގެން ނިކުތެވެ.

''ގިޔާން ނުދިޔަސް ރަގަޅު ވާނެޔޭ...'' ޖަމީލާ ބުނެލިއެވެ. ގިޔާންގެ ސަބަބުން ޖަމީލާ ގާތަށް ރުޅިއަންނަ ގޮތް ވިއެވެ. އޭނަގެ ރޭވުން ކާމިޔާބު ނުކުރެވިދާނެ ކަމުގެ ބިރާ ހެދިއެވެ. ނަމަވެސް ވާހަކަދެއްކުމުގެ ރާގުން ރުޅިވެރިކަން އޭނަ ސިއްރުކުރިއެވެ.

''ކޮބާ އަހަރެން ދިއުމުން ޖެހޭނެ މައްސަލައަކީ؟، ކީއްވެގެންތަ ހަމައެކަނި ދޮންތަ ގޮވައިގެން ދާން ތިއުޅެނީ...'' ޖަމީލާއަށް ބަލާލަމުން ގިޔާން ބުނެލިއެވެ. އޭނަ ނުގެންދަން ވެގެން ޖަމީލާ ދައްކަމުން ދިޔަ ވާހަކަތަކުން ގިޔާންގެ ހިތުގައި އިތުރު ޝައްކުތަކެއް އުފެދުނެވެ.

ގިޔާންގެ ޖުމްލައިން ޖަމީލާއަށް ލިބުނީ ހާސްކަމެވެ. ހިތުގެ ތެޅުންވެސް އަވަސް ވިއެވެ. ގިޔާންގެ ބެލުމުން އޭނައަށް ހީވީ އޭނަގެ ހިތުގައި އޮތް ނުބައި ރޭވުން ގިޔާންއަށް ފަހުމުވީހެންނެވެ. ނުތަނަވަސްކަމުގެ ހިނިގަނޑެއް ޖަހާލެވުނީ އެހެންވެއެވެ. އޭރު މަލްސާއާއި ގިޔާން ވެސް ފަރުވާތެރިކަމާއެކު ޖަމީލާއަށް ބަލަން ތިއްބެވެ. ޖަމީލާގެ ނުވަތަނަވަސްކަމުން ދެބައިންނަށް ވާހަކަތަކެއް ކިޔައިދޭ ކަހަލައެވެ.

''އެންމެ ރަގަޅު...'' އެންމެފަހުން ޖަމީލާއަށް މަޖުބޫރުވީ ގިޔާން ގޮވައިގެން ދާށެވެ. ދެބެއިން އޭނަގެ މައްޗަށް ޝައްކުކޮށްފާނެކަމުގެ ބިރަށް ޓަކައެވެ. މަންޒިލާ ހަމައަށް ވާސިލު ނުވެވެނީސް ބޭޒާރުވާކަން ޖަމީލާ ބޭނުމެއް ނުވިއެވެ. އޭރު އޭނަގެ މުޅި ޠަބީއަތު ވަނީ ޚަރާބުވެފައެވެ. އޭނަގެ ރޭވުމާ އެއްގޮތަށް އެއްވެސްކަމެއް ނުދާނެތީ އައީ ރުޅީގައި މުށްކަވާލެވުނެވެ. ގިޔާންއަށް އޭނަ ދެމުން ދިޔައީ އަލިފާނުގެ ބެލުންތަކެވެ.

''މިއެއްޗެއްގެ މުސީބާތް ލައްވާނުލިނަމަ މިއަދު ހުރިހާކަމެއް ކާމިޔާބު ވީހޭ، މީނަގެ ގަމާރު ދައްތައަށް އެއްވެސް ކަމެއް ރޭކާނުލީހޭ... މަށަށް ލައްވާލާފަ ހުރި ބަލާއެއް މީ...'' ހިތާހިތުން ޖަމީލާ ކުދި ކިޔަމުން ދިޔަ އެވެ.

*****

ފަހަށް ރައްކާކުރަމުން އައި ފައިސާއިން ބާޒާރުކުރަން ޖެހުމުން ޖަމީލާ ވަކިން ބޮޑަށް ރުޅިގަދަވިއެވެ. އޭނަ ބާޒާރުކުރަމުން ދިޔައީ ގިޔާންއާއި މަލްސާގެ ލޮލުގައި އަނދުން އަޅުވަނަވެގެންނެވެ. އޭނައަށް ވާނަމަ އަތުން އެންމެ ފައިސާ ފޮއްޗެއްވެސް ހަރަދުނުކުރީހެވެ. އަދި ނުވީތާކަށް އޭނައަށް ޖެއްސުމަށް ގިޔާން ބޭކާރު ސާމާނުތައް ނަގަން ފެށުމުން ރުޅިން ގޮސް ރޫޅިދާނެހެން ޖަމީލާއަށް ހީވިއެވެ. އެމުސީބާތެއްގެ ތެރޭގައި ވަނިކޮށް ޝުއައިބު އޭނައަށް ގުޅިއެވެ. އެފޯނު ކޯލަށް ޖަވާބު ދޭން ޖަމީލާ އެއްފަރާތަކަށް ޖެހިލިއެވެ.

''ކީއްވެގެންތަ ލަސްވަނީ؟...'' ޝުއައިބުގެ އަޑުގައި ވަނީ ރުންކުރުކަމެވެ. ޖަމީލާ އޭނައަށް އަވާމެންދުރެއް ދައްކަނީއޭ ހިތާ ޖަމީލާ ދެކެ ޝުއައިބު ހިތްހަމަނުޖެހުނެވެ.

''މިއަދު ނުވާނެ، ކުޑަ ކަމެއް ލައިގަނެގެން މިއުޅެނީ...'' ޖާމީލާ ބުނެލިއެވެ. އޭރު އޭނަގެ ނަޒަރު ހުއްޓާލެވުނީ ދުރުގައި ހުރި ގިޔާން އަށެވެ. މުށުގައި އޮތް ފޯނަށް ބާރުކޮށްލެވުނު ހިނދު ދަތްތަކަށް ވެސް ބާރުކޮށްލެވުނެވެ.

''ނުލަފާ ޑަކައިތު... މަށަށް ބޮޑު ލަނޑެއްނު ތިދިނީ، ގަޑި ކިޔާފަ ކަލޭގެ ޚަބަރެއް ނުވި، އިންތިޒާރުގަ ހުންނަތާ އެތައް އިރެއް ވީފަހުން ވެސް ގުޅައެއް ނުލި، ކަލޭ ތިއުޅެނީ މަ މޮޔަ ހައްދަންތަ؟...'' ޖަމީލާއާއި ޝުއައިބު ހޫނު ޒުވާބަކަށް ދިޔައެވެ. މަލްސާގެ ރީތިކަމަށް މަސްތުވެފައި ހުރި ޝުއައިބަށް ލިބުނު ނާކާމިޔާބީގެ ސަބަބުން އޭނަ އިންތިހާއަށް ރުޅިގަދަވިއެވެ. މިއަދަކީ މަލްސާ އޭނައަށް ހާސިލުވާނެ ދުވަސްކަމަށް ދެކިގެން ކުރަމުން އައި ވަހުޝީ ޚިޔާލުތަކުގައި ހަޤީޤީ ކުލަ ނުޖެހުމުން ޝުއައިބު ހުރީ ހޭބުއްދިފިލާހާ ވެފައެވެ. އެކަމުގެ ހުރިހާ ރޯޅިއެއް އަމާޒުކޮށްލީ ޖަމީލާ އަށެވެ.

''ޝުއައިބު!،، އަހަންނަށް އިތުރު ފުރުސަތެއްދީ، މިފަހަރު ނާކާމިޔާބު ވިޔަސް ދެން އަންނަ ފަހަރަކުން ޝުއައިބު ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ކޮށްދޭނަން...'' ޖަމީލާ އާދޭސްކުރިއެވެ. ޝުއައިބުގެ އަތުން ލިބެން އޮތް ފައިސާކޮޅު ގެއްލިދާނެކަމުގެ ބިރާ ހެދި ޖަމީލާގެ ލޮލުން ކަރުނަ ފާޅުވިއެވެ.

''މީ ކަލެއަށް ދެވޭނެ ފަހުގެ ފުރުސަތު، ދެން ފަހަރަކުން ކަލޭ ޖެހޭނެ މަށާ ހަމައަށް މަލްސާ ގެންނަން... އިިތުރު އެއްވެސް ގޮތެއް އަހަރެން ބަލައެއް ނުގަންނާނަން...'' ޝުއައިބު އަމުރުވެރިކަމާއެކު ބުނެލިއެވެ. ވަގުތުން އެކަމާއި ޖަމީލާ އެއްބަސް ވިއެވެ. އަދި ކަންފަތާއި ފޯނު ވަކިކޮށްލަމުން ހިތަށް ލިބުނު ހާސްކަމުން ލޮލުން ފޭދެން އުޅުނު ކަރުނަ ތިކި ފޮހެލިއެވެ. އެއަށްފަހު ހަށިފުރާ ދޫކޮށްލި ނޭވާއަށް ފަހު މީހާ ހަމައަކަށް އަޅުވާލިއެވެ.

''އެހެރަ ފިރިހެން އެއްޗަކާ ހެދި އަހަރެންގެ ރޭވުން ކާމިޔާބު ނުވީ، އެހެންނޫންނަމަ އެރަންޑި އަންހެނާ ޝުއައިބުގެ އަތްދަށު ވީސް... ވަރަށް ފޫހިވޭ...'' ޖަމީލާ ތުންއަނބުރާލިއެވެ.

ބާޒާރުކޮށްގެން ފިހާރައިން ނިކުތް އިރު ޖަމީލާ ހުރީ ރުންކުރު ވެފައެވެ. އޭނަގެ މޫނުމަތި ވެސް ފެންނަނީ ބަނަވެފައިވާ ތަނެވެ. ގިޔާންއާއި މަލްސާއަށް އެކަން ފާހަގަ ވިއެވެ.

''ޝީ އިސް އެކްޓިންގް އޯލް ވިއާރޑް، ބީ ކެއާރފުލް އޮފް ހާރ...'' ގިޔާން ސިއްރުސިއްރުން މަލްސާ ގާތު ބުނެލިއެވެ. ''ކޮންމެވެސް ކަމެއް އެބަ ފޮރުވާ... ދޮންތަ އޭނައާއެކު އެކަނި ތަންތަނަށް ނުދައްޗޭ... މިއަދުވެސް އަހަރެން އައީމަކަން ޔަޤީން އެހުރިހާ ބަދަލެއް އައިސްފައި އެހެރީ... ޝީ އިޒް އީވިލް!...''

''ދޮންތަ މީހުންނަށް މާ އަވަހަށް އިތުބާރުކުރާތީ މައްސަލައަކީ، ދުވަހަކު ހެވެއް ނޭދޭނެ މީހަކު ބުނާ ކަމެއް ކޮށްދިނުމުގެ ކުރިން ޖެހޭނެ އެކަމާ މެދު ވިސްނަން، ސަބަބެއް ނެތި އެކަހަލަ ބަދަލެއް ނާންނާނެ!... ޝީ އިސް ޕްލޭނިންގް ސަމްތިންގް...'' ގިޔާން ބުނެލިއެވެ. ގިޔާންއާއި މަލްސާ ހިނގަމުން ދިޔައީ ޖަމީލާއަށް ވުރެ ފަހަތުންނެވެ.

މަލްސާއަށް ގިޔާންގެ ވާހަކަތަކާ މެދު ވިސްނާލެވުނެވެ. ގިޔާންގެ ވާހަކަތަކުން ކޮންމެވެސް ވަރެއްގެ ހަޤީޤަތެއް އެކުލެވިފައިވާކަން އޭނައަށް ޤަބޫލުކުރެވުނެވެ. މީހުންނަށް މާ އަވަހަށް އިތުބާރުކުރެވުން އެއީ މަލްސާގެ ހަށީގައިހިފާފައިވާ ކަމެކެވެ. އެއީ އޭނަގެ ބަލި ފައިވެސް މެއެވެ.

''ގެއަށްތަ ދަނީ؟...'' ޖަމީލާއަށް ގޮވާލަމުން މަލްސާ އެހިއެވެ.

''ދެން ދާން އޮތީ ވަކި ކޮންތަނެއް؟...'' ޖަމީލާއަށް އޭނަގެ ރުޅިވެރިކަން މިފަހަރު ވަންހަނާ ނުކުރެވުނެވެ. އެތެރެއިން އަނަދަމުން ދިޔައީތީ އެކަމުގެ ހޫނުކަން އަޑުން ފާޅުވިއެވެ. އެހެނަސް ދެވަނަ ސިކުންތުގައި މީހާ ހަމައަކަށް އަޅުވާލިއެވެ. އަދި މަތި އޮމާންކުރަން މަސައްކަތްކުރިއެވެ.

''އޭރު ބުނިމެއް ނޫންތަ ބާޒާރުކޮށްލައިގެން ރައްޓެއްސެއްގެ ގެއަށް ދާން ބޭނުންވާ ވާހަކަ؟...'' މަލްސާ ހަނދާންކޮށްދިނެވެ. އެއާއެކު ޖަމީލާއަށް އައި ކުއްލި ބަދަލުތަކާއި ގިޔާންގެ ވާހަތަކާއި ހުރިހާކަމެއް ގުޅުވާލެވުމާއެކު ޖަމީލާއާ މެދު މަލްސާގެ ހިތުގައި ޝައްކު އުފެދުނެވެ. ސަމާލުވެ ހުރުމަށް އޭނަގެ ޒަމީރު އެދަނޑިވަޅުގައި އޭނައަށް އިރުޝާދު ދިނެވެ.

''މިއަދު ނެތް ދެވޭކަން... ފަހުން ދުވަހަކުން ދާނީ...'' ހާސްކަމާއެކު ޖަމީލާ ބުނެލިއެވެ. އޭނައަށް އެޅުނު ޅައެއްޗެއްގެ ސަބަބުން އޭނައާ މެދު މަލްސާ ޝައްކު ކޮށްފާނެކަމުގެ ބިރު ވަކިން ބޮޑަށް ޖަމީލާގެ ހިތުގައި އުފެދުނެވެ. އެފަދައިން ކަންތައް ވެއްޖެނަމަ އޭނަގެ ރޭވުން ކާމިޔާބުކުރަން އިތުރު ހުރަސްތަކެއް ކުރިމަތި ވާނެއެވެ. މަލްސާ އަނދިރީގައި ބަހައްޓައިގެން މެނުވީ އޭނައަށް ކާމިޔާބު ލިބުމެއް ނުވެއެވެ.

*****

އަޝްކާން އޮފީހަށް އަންނާނެ އިރެއްގެ އިންތިޒާރުގައި ހުރި ވިވިއަންއަށް ލިފްޓުން ނުކުމެގެ އައި އަޝްކާން ފެނުމާއެކު އަވަސްއަވަހަށް އޭނަ އިށީދެގެން އިން ގޮނޑިން ތެދުވުނެވެ. އަދި ދުވަހުގެ ތަހުނިޔާ އަޝްކާންއަށް އަރިސްކުރިއެވެ. ޖަވާބުގައި އަޝްކާން ހަމައެކަނި ވިވިންއަށް ބަލާލިކަމެވެ. އެއަށްފަހު އާދައިގެ މަތިން ގޮސް ވަނީ އޭނަގެ ކެބިންއަށެވެ. އަޝްކާންގެ މޫނުމަތިން ފެނުނު ކުލަވަރުތަކުން ކޮންމެވެސް ކަމެއް ދިމާވެއްޖެކަން ވިވިއަންއަށް ނަގައިގަނެވުނެވެ. އެކަނެއްކާ ވެސް ގޮނޑީގައި އިށީންނަމުން އޭނަ ބަލާލީ އަޝްކާންގެ ކެބިންއަށެވެ.

''މިއަދު ރަގަޅަކަށް ނޫން ކަން ނޭގެ އިރުއެރީ...'' ވިވިއަންއަށް ބުނެލެވުނެވެ. އެއަށްފަހު އޭނަގެ ނަޒަރު ހުއްޓާލީ މޭޒު މަތީ އޮތް ފައިލަށެވެ. އެއަށްފަހު އެފައިލު އޭނަ ހުޅުވާލިއެވެ. އެއީ އޭނަގެ މަޤާމަށް އައްޔަން ކުރަން އަޝްކާން ހޮވި ކެންޑިޑޭޓުގެ ލިޔެކިޔުންތަކެވެ. ވަޒީފާގެ ރަސްމީ ލިޔެކިޔުންތަކުގައި އަޝްކާންގެ ސޮއި ބޭނުން ވާތީ އެފައިލު ހިފައިގެން ވިވިއަން ހިނގައިގަތީ ކެބިންއާއި ދިމާއަށެވެ.

''ކޮންމެހެން ވެސް ކެތްގަދަ ކުއްޖަކަށް މި މަސައްކަތް ވާނީ، އަހަންނަށް ވެސް މިހާ ދުވަހު މިއުޅެވުނީ ސެލެރީ ރަގަޅުކަމުން، އެހެންނޫންނަމަ މި ޖޮބް ދޫކޮށްލިތާ ކޮންދުވަހެއް...''

ކެބިންގެ ދޮރުގައި ވިވިއަން ޓަކި ޖަހާލަމުން ދޮރު ހުޅުވާލިއެވެ. އޭރު އަޝްކާން އޭނަ ލައިގެން ހުރި ނޫކުލައިގެ ކޯޓު ހޭންގަރުގައި އަޅުވަނީއެވެ. މަސްތައް ވަރުގަދަ ހަށިގަނޑަށް ހިފާފައިވާ ހުދުކުލައިގެ ގަމީހާއި ނޫކުލައިގެ ފަޓުލޫނުގައި އަޝްކާން ފެންނަ ގޮތް ހިތްގައިމެވެ. ވަކިން ހާއްސަގޮތެެއްގައި ކަޅުކަންގަދަ ބުމައިން ދިރުން ގެނެސްދީފައިވާ ތޫނުފިލި ދެލޮލުގައި ދަމާބާރެއް ވެއެވެ. އިރުކޮޅެއް ވަންދެން އަޝްކާންއަށް ބަލަން ވިވިއަންއަށް ހުރެވުނެވެ.

''އެކްސްކިއުޒް މީ ސާރ، ސާރގެ ސިގްނޭޗާރ މި ޑޮކިއުމެންޓްސްތަކުގައި ބޭނުންވާތީ...''

އަތުގައި އޮތް ފައިލު ދައްކާލަމުން ވިވިއަން ބުނެލިއެވެ. އަޝްކާން ލޮލުގެ އިޝާރާތުން ބުނެލީ އޭނަގެ މޭޒުމަތީގައި ފައިލު ބޭއްވުމަށެވެ. އެއާއެކު ވިވިއަން އަވަސްވެގަތީ އަޝްކާން އެދުނު ފަދައިން ކަންތައް ކޮށްދިނުމެވެ. އެދަނޑިވަޅުގައި އަޝްކާންގެ ފޯނަށް ކޯލެއް އަންނަން ފެށުމުން އަޝްކާން ގޮސް ހުއްޓުނީ އޭނަގެ ދިގު އިސްކޮޅު ހުރި ބޮޑު ކުޑަދޮރު ކަރިިއަށެވެ. އެދިމާލުގައި ހުންނައިރު މާލޭގެ މަލަމަތި ރީއްޗަށް ފެނެއެވެ. ފަޓުލޫނުގެ ޖީބުގައި އޮތް ފޯނު ނަގައި ސްކްރީނަށް އަޝްކާން ނަޒަރެއް ދިނެވެ. އެއާއެކު އޭނަގެ މޫނުމައްޗަށް އުޖާލާކަން ވެރިވެގެން ދިޔައެވެ. ފޯނަށް އަންނަމުން ދިޔަ ވީޑިއޯ ކޯލަށް އޭނަ އަވަހަށް ޖަވާބު ދިނެވެ.

''ހޭއި...''

ފޯނުން އިވުނު އަންހެންވަންތަ އަޑުން ކެބިންގެ ހިމޭންކަން ނަގާލިއެވެ. އެއަޑަށް މެޒުމަތީގައި ފައިލު ބާއްވަން އުޅުނު ވިވިއަން އަޝްކާންއަށް ބަލާލިއެވެ. އޭނައަށް އޭރު ފެންނަމުން ދިޔައީ މުޅިން ތަފާތު އަޝްކާން އެކެވެ. އެއަޑު މީގެ ކުރިން ދެފަހަރެއްގެ މަތީން އަޝްކާން ފޯނުން ވީޑިއޯ ކޯލް ކުރަނިކޮށް އޭނައަށް އިވިފައި ވެއެވެ. ނަމަވެސް އެއަޑުގެ ވެރިޔާއާއި ބައްދަލުވުމުގެ ނަސީބެއް މިއަދާ ޖެހެންދެން ވެސް އޭނައަށް ލިބިފައި ނެތެވެ. ކޮންމެހެން ވިޔަސް އެއީ އަޝްކާންއަށް ވަރަށް ހާއްސަ ކުއްޖެއްކަން ވިވިއަންއަށް ނަގައިގަނެވުނެވެ. އަޝްކާންއަށް އަންނަ ބަދަލުތަކުންނެވެ. އަޝްކާންއާއެކު އަހަރު ދުވަސް ވަންދެން މަސައްކަތް ކުރެވުނުކަމުގައި ވިޔަސް އަޝްކާންގެ ޒާތީ ދިރިއުޅުމުގެ އެއްވެސް މަޢުލޫމާތެއް އޭނައަށް ލިބިފައި ނެތެވެ. އަޝްކާންގެ ސިއްރުވެރިކަމާއި މީހުންނާއި އެކަހެރި މިޒާޖުގެ ސަބަބުން ވަޒީފާގެ ކަންތައް ފިޔަވައި އިތުރު އެއްވެސްކަމެއް އެދެމެދުގައި ހިއްސާއެއް ނުކުރެއެވެ. އަޝްކާންއަކީ ހައްލުކުރަން ދަތި އަރަތެއް ފަދައެވެ.

އަޝްކާންއަށް ވަގުތު ދެމުން ވިވިއަން ގޮސް ކެބިން އިން ނިކުތެވެ. ކެބިންގެ ދޮރު ލައްޕާލުމުގެ ކުރިން އޭނަ ފަސްއެނބުރި އަޝްކާންއަށް ބަލާލިއެވެ. އެވަގުތު މަދުން ނޫނީ ނުފެންނާނެ ފަދަ މަންޒަރެއް ދުށުމުގެ ނަސީބު އޭނައަށް ލިބުނެވެ. އަޝްކާންގެ ތުންފަތަށް ވެރިވެގެން އައި ހިނިތުންވުމާއެކު ކޮލަށް އެޅިގެން ދިޔަ އަޑިކޮޅަކީ ނަސީބު ގަދަ މީހަކަށް ނޫނީ ނުފެންނާނެ މަންޒަރެކެވެ. އެރީތި ހިނިތުންވުމުން އަޝްކާންގެ ހިތްގައިމުކަން އިތުރުކޮށްދެއެވެ.

''ކޮން ދުވަހަކުންތަ އެލީ މިކޮޅަށް އަންނަނީ... މިހާރު މިކޮޅަށް ނާންނަތާ ދެއަހަރު މިވަނީ، އެންމެފަހުން މެލޭއިން ދިމާވީ ވެސް އެހާ އުނދަގުލުން...'' އަޝްކާންގެ އަޑުގައި ޝަކުވާތައް ވިއެވެ.

''އެފަހަރު ކޮލެޖްގެ އެގްޒާމް ކަންތަކުގަ ވަރަށް އަވަދިނެތިކޮށް އުޅެން ޖެހުނީ، އަނެއްކޮޅުން ޝާން އެފަހަރު މެލޭއަށް އައީ ހަމައެކަނި އެންމެ ރެޔަކަށްނު، ތެޅެމުންފޮޅެމުން ބައްދަލުކުރަން ދާން ޖެހުނީ ވެސް، އެހާވަރުން ދިޔަ އިރުވެސް ކިރިޔާ އެއާރޕޯޓުން ބައްދަލުވިކަން... ޔޫ ނޯ ވަޓް؟... އައި ރިއަލީ މިސް ޔޫ!... މިހާރު ކުރިއަށް ވުރެ ހޭންޑްސަމް ވެއްޖެހެން ހީވަނީ... ހެހެހެ... ވަރަށް އަވަހަށް މާލެދާން ވެގެން މިއުޅެނީ!... ހީވަނީ ޝާންއަށް މިހާރު އޮންނާނީ އެނގިފަހެން، މަގޭ ދޮންބެއަކީ އަނގަގަދަ މިތުރެއް ވިއްޔާ...''

އެލީން ލުއި ހީނލުމެއްގެ އަޑާއެކު ބުނެލިއެވެ.

''ތިބުނީ ހަމަ ތެދެއް... ކައްޔިސްއަކީ އަނގަގަދަ މިތުރެއް...'' އަޝްކާން ވެސް ލުއި ހީނލުމަކާއެކު އެލީންގެ ވާހަކައިގައި ބައިވެރިވިއެވެ. އެލީންއާއި އަޝްކާންއާ ދެމެދު ތަފަތު ވާހަކަތައް ދެކެވެމުން ދިޔައެވެ. އޭރު އަޝްކާންގެ ފަރާތުން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ހިތްހަމަޖެހުމެވެ.

''ދެން ބުނެބަލަ، ކޮން ދުވަހަކު މިކޮޅަށް އަންނާނީ؟...'' އަޝްކާން އޭނައަށް ހާއްސަކުރެވިފައިވާ ގޮނޑީގައި އިށީންނަމުން ސުވާލުކުރިއެވެ.

''ޑޭޓެއް ނުބުނާނަން، އެކަމަކު ވަރަށް އަވަހަށް ދާނަން...''

އެލީން ބުނެލިއެވެ. ދެޒުވާނުން ވާހަކައިގައި ތިބެފައި ވަކިވެލީ ހެނދުނު އޮތް މީޓިންގްއަށް ދާން ވަގުތު ކުޑަތަން ވާން ފެށުމުންނެވެ. ފޯނު ކެނޑުމުން ވެސް އިރުކޮޅެއް ވަންދެން ފޯނަށް ބަލަހައްޓައިގެން އަޝްކާންއަށް އިދެވުނެވެ. ގޮނޑީގެ ތެރެއަށް ހަށިގަނޑު ދޫކޮށްލަމުން އަޝްކާން ފުންނޭވާއެއް ލިއެވެ. އޭނަގެ ސަމާލުކަން މޭޒުމަތީ އޮތް ފައިލަށް ހުއްޓުނީ އެވަގުތުއެވެ. އެލީންގެ ފޯނުކޯލު އައުމުގެ ކުރިން ވިވިއަން ބުނި ވާހަކަތައް ހަނދާންވުމާއެކު، ފައިލު ހުޅުވާލަމުން އޭގައިވާ އެއްޗިއްސަށް ސަމާލުކަމެއް ދިނުމެއް ނެތި، ސޮއެކުރަންޖެހޭ ތަންތަނުގައި ސޮއިކޮށްލިއެވެ. އަދި މީޓިންގްއަށް ދާން ނިކުންނަމުން ދިޔައީ ފައިލު ހިފައިގެންނެވެ.

*****

ދެ ހަފްތާ ފަސް...

ނާއުއްމީދުގެ ކަނޑެއްގައި ބެހެެމުން ދިޔަ މަލްސާއަށް އޭނަގެ ފޯނަށް އިރުއިރުކޮޅާ ބަލާލެވެއެވެ. ވަޒީފާ ހަމަޖެހިގެން ގުޅާފާނެކަމުގެ އުއްމީދުގައި ދުވަސް ހޭދަކުރެވެނީ ބޭޤަރާރުކަންމަތީގައެވެ. އެތައް ފަހަރު ފޯނު ނަގައި ވަޒީފާގެ ޚަބަރެއް ބަލާލަން މަލްސާގެ ހިތަށް އަރައެވެ. ނަމަވެސް ނަންބަރު ލިޔެފައި ވެސް ފޮހެލަނީ ހިތްވަރު ނުލިބިގެންނެވެ. މީހުން ހީކޮށްފަނެ އެއްޗަކާ މެދު މާބޮޑަށް ވިސްނެނީއެވެ.

''އަޅެ، ނުހޮވުނީ ކަންނޭގެ، މިހާރު ކޮންެދުވަހެއް ޚަބަރެއް ވާން ގުޅާނަމޭ ބުނިތާވެސް، ހާދަ ދެރައޭ...''

މާޔޫސްކަން ނޫން އެހެން އެއްޗެއް މަލްސާގެ ހިތުގައި ނުވެއެވެ. އަޝްކާން ގާތުން ފެންނާނެ ކަމަށް ދެކެމުން އައި ހުވަފެންތައް ބިލާހަކައަށް ވެދާނެތީ އެކަމުގެ ހިތިއަސަރު އޭނަގެ ހިތަށް ފެތުރެމުން ދިޔައެވެ. އެރީތި ސޫރަ އަދި އެންމެ ފަހަރަކު ވިޔަސް ގާތުން ދެކިލުމަށް ހިތް އެދި ގޮވަމުން ދިޔައެވެ. ނުތަނަވަސްކަން ހިތަށް ވެރިވަނީ އެފަދަ ފުރުސަތެއް އޭނައަށް ނުލިބިދާނެތީއެވެ.

*****

''ދިމްނާ!!!...''

ކޮޓަރީގައި އޮތް ދިމްނާ ސިއްސައިގެން ދިޔައީ އޭނަގެ މަންމަ ބަރްކާގެ އަޑަށެވެ. ސޯފާގައި ހަމަޖެހިލައިގެން ވާހަކަފޮތެއް ކިޔަން އޮތް ދިމްނާ އަވަސްއަވަހަސް ފޮތް ލައްޕާލަމުން ސޯފާއިން ކޮޅަށް ތެދުވުނެވެ. އެވަގުތު މަންމަ އައިސް ކޮޓަރިއަށް ވަންނަނީނެއެވެ.

''މަންމާ...'' ބަރްކާ ފެންނަ އިރަށް ދިމްނައަށް ގޮވާލެވުނެވެ.

''ކަލެއާ ހެދި ލަދުން ބޯފަޅައިގެންދާން ކައިރިވެއްޖެޔޭ، ބުނަން!، ކަލޭގެ ބައްޕަ ކޮންމެ އެއްޗެކޭ ބުންޏަސް މަށަށް ހެޔޮ!، ކަލޭ ޖެހޭނީ ހަމަ އުސައިދު ގާތަށް ދާން، ރައްޓެހިން ގާތަށް ދިޔަޔަސް ދައްކަނީ ކަލޭގެ ލަދުހަޔާތްކުޑަ ވާހަކަ، ފިރިމީހާއަސް ޤަދަރު ނުކުރާ ވާހަކަ!...''

ބާރަށް ކޮޓަރީގެ ދޮރު ލައްޕަމުން ބަރްކާ ހަޅޭއްލަވައިގަތެވެ. ވަރުގެ ކޮޅަށް ނަލަހެދިގެން ހުރި ބަރްކާ ފެނުމުން އެއައީ ބޭރަށް ގޮސްފައިކަން ދިމްނާއަށް ނަގައިގަނެވުނެވެ. މަންމަގެ ރުޅީގެ ފަހަތުގައިވާ ސަބަބަކީ އެއީކަން ވެސް ދިމްނާއަށް ދޭހަކުރެވުނެވެ.

''މަންމާ...'' މަންމަގެ އަޑުގައި ހުރި ހަރުކަށިކަމުން ދިމްނާގެ އަޑު ކުރެހުނެވެ.

''މަށަށް މަންމައައޭ ކިޔައި ގޮވާނެކަމެއް ނެތް!، ކޮބާތަ ކަލޭގެ މައްސަލައަކީ؟، އޭނ!... ދުނިޔެއިން އެހެން މީހަކަށް ނަސީބު ނުވާނެފަދަ ފަދަ މުއްސަނދި ދިރިއުޅުމެއް ހޯދައި ދިނީމަވެސް ކަލެއަށް އެނގުނީ ހަރާމްކޯރުވާންތަ؟...''

ރުންކުރު ރާގަކަށް ބަރްކާ ބުނެލިއެވެ. ޒީލަގަދަކަމާއި ގޮތްދޫނުކުރުން ބަރްކާގެ މޫނުމަތިން ފެނެއެވެ.

''މަންމާ!، އަހަރެން ބޭނުމެއް ނޫން އެކަހަލަ ދިރިއުޅުމެއް!، ފައިސާއާއި މުއްސަނދި ކަމަކީ އަހަރެންގެ ނަޒަރު އެއްވެސް އެއްޗެއް ނޫން... ފާއިތުވެ ދިޔަ ދުވަސްތަކުގައި އަހަރެން އުޅެމުން ދިޔަ ހާލު އެންމެ ފަހަރަކު ވިޔަސް ބަލާލިންތަ؟، ރުހުމުގެ ލޮލަކުން ވިޔަސް އަހަންނަށް ބަލާލިންތަ؟، ބެލިނަމަ އަހަރެން އުޅެމުން އައި ހިތްދަތި ދިރިއުޅުން މަންމައަށް ފެނުނީސް، އުސައިދުގެ ފަރާތުން އަހަންނަށް ލޯތްބެއް ނުލިބުނު، ލިބުނީ އަނިޔާއާއި ވޭން، ދެންވެސް އެއަނިޔާތަކަށް މަރުހަބާ ކިޔަން ދާން ވީތަ؟...''

ދިމްނާއަށް ރޮވުނެވެ. އުސައިދުގެ ނުބައިކަން މަންމައަށް ކިޔައިދޭން ދިމްނާ މަސައްކަތްކުރިއެވެ. އުސައިދުގެ ފަރާތުން ލިބުނު ޖިސްމާނީ އަނިޔާތަކާއި ނަފުސާނީ އަނިޔާތެކެވެ. މަންމައަށް ކިޔައިދޭން ލަދުވެތި އަނިޔާތަކެއްވެސް އުސައިދުގެ ފަރާތުން އޭނައަށް ވަނީ ލިބިފައެވެ. އެޚިޔާލުތަކުން ވެސް ހިތަށް ވެރިވެގެން އަންނަނީ ބިރުވެރިކަމެވެ. ހިތްދަތިކަމެވެ. ޖިސްމުގައިވާ ވޭނާއި ކެކުޅުންތައް އުތުރިއަރައިގެން ދެއެވެ.

''ކަލޭ ތިދައްކާ ދޮގު ވާހަކަތައް މަ ޤަބޫލުކުރާނެހެން ހީވޭތަ؟... މަގޭ ހޮވުން ގޯހެއް ނުވާނެ، އެއީ ދުވަހަކު ވާނެކަމެއް ނޫން... އެހޮވުމުގައި ޢައިބެއް ވެސް ނުހުންނާނެ!... ކަލޭ ޖެހޭނީ ހަމަ އުސައިދު ގާތަށް ދާން، އަހަރުމެންނަށް މިލިބޭ ބަދުނާމުން ސަލާމަތްވާން އިތުރުގޮތެއް ނެތް، އަހަރުމެންގެ ވިޔަފާރިއަށް ކަލޭގެ ސަބަބުން ގެއްލުމެއް ވިޔަކަ ނުދޭނަން... ހަނދާން ކުރާތި، ލޯބިން ކަލެއަށް ވިސްނައިދޭން މަަސައްކަތްކޮށްފިން... އުސައިދު ފަދަ ހިތްހެޔޮ ފިރިއަކު ކަލެއަކަށް ނުލިބޭނެ!...'' ބަރްކާ ހަޅޭއްލަވައިގަތެވެ.

ދިމްނާގެ އެއްވެސް ވާހަކައެއް އަޑުއަހާކަށް ބަރްކާ ބޭނުމެއް ނުވިއެވެ. ހުރި ހަމައެކަނި އަންހެން ދަރިފުޅުގެ ކެކުޅުންތައް ބަރްކާއަށް ނުފެންނަ ކަހަލައެވެ. ދުނިޔޭގެ ނަމާއި އިއްޒަތަށްޓަކައި އަމިއްލަ ދަރިފުޅުގެ އުފަލާއި ދިރިއުޅުން ޤުރުބާންކުރަން ވެސް ބަރްކާ ހުރީ ތައްޔާރަށެވެ.

(ނުނިމޭ...)

https://sun.mv/124556

comment ކޮމެންޓް