ޝިމާ ގެއްލުމުގައި ތުހުމަތުވާ ފަޒީލް ބަންދު ކުރަން ނެރުނު އަމުރެއް ހައިކޯޓުން ބާތިލުކޮށްފި

ގެއްލުނު ޝިމާ ގޮވައިގެން ދިޔަ ޑިންޑީ ދުއްވަން އިން ފަޒީލް: އޭނާ ބަންދު ކުރަން ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓުން ކުރި އަމުރެއް ަހައިކޯޓުން ވަނީ ބާތިލުކޮށްފައި --

ޑިންގީއެއް ބަންޑުން ޖަހާލައި ގެއްލުނު ކަމަށް ބުނާ އައިމިނަތު ޝިމާ ނާފިޒު ގެއްލުނު މައްސަލައިގައި އެންމެ ބޮޑަށް ތުހުމަތު ކުރެވޭ އިބްރާހިމް ފަޒީލް ހައްޔަރު ކުރަން ހުޅުމާލޭ ކޯޓުން ނެރުނު އަމުރެއް ހައިކޯޓުން ބާތިލުކޮށްފި އެވެ.

މި އަހަރުގެ މެއި މަހުގެ ތެރޭގައި ފަޒީލް ހައްޔަރު ކުރީ މީހަކު ރަހީނުކޮށް ފޭރުމުގެ އަމަލެއް ހިންގި ކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވުނީ، މި އަހަރުގެ މެއި މަހުގެ ދެ ވަނަ ދުވަހު އިތުރު ދެ މީހަކާ ގުޅިގެން، ލ. ގަމުގައި މީހަކަށް ކަތިވަޅިން ބިރުދައްކައި، ކަނު ބަނދެ، އަތް އެއްސުމަށް ފަހު، ވަލު ތެރެއަށް ގެންގޮސް، އެ މީހާ އަންދާލާނެ ކަމުގެ ބިރު ދައްކައިގެން އެއް ލައްކައަށް ވުރެ ގިނަ ރުފިޔާ ދިނުމަށް އެ މީހާއަށް މަޖުބޫރި ކުރި ކަމަށެވެ.

އެ މައްސަލައިގައި ފަޒީލް ހައްޔަރު ކުރުމަށް ގަމު މެޖިސްޓްރޭޓު ކޯޓުން ނެރުނު އަމުރަށް އޭނާ ހައްޔަރު ކުރަން ހޯދަމުން ދަނިކޮށް ފެނުނީ ހުޅުމާލެއިންނެވެ. އޭނާ ހައްޔަރުކޮށްގެން ބަންދުގެ މުއްދަތު ޖަހަން މި އަހަރުގެ މެއި މަހުގެ 7 ވަނަ ދުވަހު ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓަށް ގެންދިޔުމުން އެ ކޯޓުން ވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ބުނެ ފަޒީލްގެ ބަންދަށް 10 ދުވަސް ޖަހައިފަ އެވެ. ފަޒީލް ވަނީ ބަންދުގައި 10 ދުވަސް ހޭދަކޮށްފަ އެވެ.

ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓުން ފަޒީލް ބަންދު ކުރަން ނެރުނު އަމުރަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފަށް ނެރުނު އަމުރެއް ކަމަށް ބުނެ ޖުލައި 11ގައި އޭނާގެ ފަރާތުން އެ އަަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރި އެވެ.

އެ މައްސަލައިގައި މިދިޔަ އަންގާރަ ދުވަހު ހައިކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ލ. ގަމު މެޖިސްޓްރޭޓު ކޯޓުން ނެރުނު އަމުރުގެ ދަށުން ފަޒީލް ހުޅުމާލޭގައި ހުއްޓާ ހައްޔަރު ކުރުމަކީ ގާނޫނާއި ގަވައިދާ ހިލާފަށް ކުރި ކަމެއް ނޫން ކަމަށެވެ.

އެހެންނަމަވެސް، އެ ހުކުމުގައި ވަނީ، މާލޭ ސަރަހައްދުން ހައްޔަރު ކުރެވޭ މީހުން ބަންދުގެ މުއްދަތު ޖަހަން ގެންދަން ޖެހޭނީ ކްރިމިނަލް ކޯޓަށް ކަމަށް ޖުލައި 7، 2016 ގައި ސުޕްރީމް ކޯޓުން ނެރުނު ސާކިއުލާއެއްގައި ކަނޑައަޅާފައިވާކަން ފާހަގަކޮށްފަ އެވެ. އަދި އެ ނިންމުމަށް މި އަހަރުގެ ޖުލައި މަހާ ހަމައަށް ބަދަލެއް އައިސްފައި ނުވާކަން ފާހަގަކޮށްފައިވެ އެވެ.

ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓަށް ބަންދު އަމަރުގެ މައްސަލަތައް ބެލުމުގެ އިހްތިސޯސް ދިނީ، ޝަރީއަތް ކުރުމާ ބެހޭ ޖިނާއި އިޖުރާއަތުގެ ގަވައިދަށް ސުޕްރީމް ކޯޓުން ގެނައި ފުރަތަމަ އިސްލާހުންކަން ހައިކޯޓުގެ ހުުކުމުގައި ފާހަގަކޮށްފައިވެ އެވެ. އަދި ސުޕްރީމް ކޯޓުން އެގޮތަށް އެ ގަވައިދު އިސްލާހު ކުރީ ޖުލައި 7، 2019 ގައިކަން ހައިކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

https://sun.mv/124254

އެހެންކަމުން، ހައިކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ފަޒީލްގެ ބަންދު މުއްދަތު މެއި 7ގައި ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓުން ޖަހާފައި ވަނީ ބަންދު އަޑުއެހުންތައް ބޭއްވުމުގެ އިހްތިސާސް ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓަށް ލިބިގެން ނުވާ ދުވަސްވަރެއްގައި ކަަމަށެވެ. އަދި ހުޅުމާލޭ ކޯޓުން ފަޒީލް ބަންދު ކުރަން ނެރުނު އަމުރަކީ ބާތިލު އަމުރެއް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

ފަޒީލް އަކީ ޖިނާއީ މައްސަލަތަކުގައި ބޮޑެތި ތުހުމަތުތަކެއް ކުރެވޭ މީހެކެވެ. ޝިމާ ގެއްލުނު މައްސަލައިގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ އިރު އޭނާ ވަނީ އެ ތުހުމަތުތައް މީގެ ކުރިން ދޮގުކޮށްފަ އެވެ. އެފަހުން ޝިމާގެ ކޮއްކޮ ރަހީނުކޮށްގެން ގެންދަނިކޮށްވެސް އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ވަނީ ދައުވާވެސް އުފުލައިފަ އެވެ.

comment ކޮމެންޓް