ހަނގުރާމަ ހުއްޓާނުލަނީސް ސައޫދީއަށް ސަލާމަތެއް ނެތް: ހޫތީން

ސަންއާ (ސެޕްޓެމްބަރު 19): ސައޫދީ އަރަބިއާއަށް ހުށަހަޅާފައިވާ ސުލްހައިގެ ފުރުސަތުގެ ބޭނުން ހިފައި ޔަމަނުގެ ހަނގުރާމަ ހުއްޓާލުމަށް ޔަމަންގެ ހޫޘީ ޖަމާއަތުގެ ޒައީމު އަބްދުލްމަލިކް އަލް ޙޫޘީ ސައޫދީ އަރަބިޔާއަށް ގޮވާލައްވައިފިއެވެ.

ޔަމަންގެ ރައީސް އަބްދުރައްބު މަންސޫރު ހާދީ ސަރުކާރާއި ހޫޘީންނާ ދެމެދު ޖެހުނު ދާޚިލީ މައްސަލަތަކަކާ ގުޅިގެން 2014 ވަނައަހަރު ޔަމަންގެ ވެރިކަން ފޮރޮޅާލުމަށް ހޫޘީން ގެނައި އޮހޮރުވުމެއްނެތް އިންގިލާބަށް 5 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދެއްވި ބަޔާނެއްގައި އަބްދުލްމަލިކް އަލްޙޫޘީ ވިދާޅުވީ އެމެރިކާގެ ބާރުގަދަ ހަތިޔާރުން ސައޫދީން ޔަމަނަށް ދޭ ގަދަފަދަ ހަމަލަތާކުގެ ރައްދުގައި އަމިއްލަ ނަފްސު ދިފާއުކުރުމުގެ ހައްގު ޔަމަނަށްވެސް އޮންނާނެކަމަށާ ސައޫދީ އަށް ހަމަލާދިނީ އަމިއްލަ ނަފްސުގެ ދިފާއުގައި ކަމުގައެވެ. ނަމަވެސް ސައޫދީން ޔަމަނަށް ޙަމަލާނިނުން ހުއްޓާލައިފިނަމަ އަމިއްލަ ނަފްސުގެ ދިފާއުގައި ސައޫދީ އަށް ދޭ ޑްރޯން އާއި މިސައިލް ހަމަލާތައް ހޫޘީން ހުއްޓާލާނެ ކަމަށް އަބްދުލްމަލިކް އަލްޙޫޘީ ވިދާޅުވިއެވެ.

އަނެއްކޮޅުން ހޫޘީންގެ ސިޔާސީ މަޖިލީހުގެ ރައީސް މަހްދީ އަލްމުޝާތު ވަނީ ސައޫދީ އަމާޒުތަކަށް ޑްރޯނާއި މިސައިލް ހަމަލާތައް ދިނުން ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށް ވިދާޅުވެފައެވެ. ސައޫދީން ޔަމަނަށް ދޭ ހަމަލާތައް ހުއްޓާލައިފިނަމަ ދެން ހޫޘީން ސައޫދީއަށް ހަމަލާ ނުދޭނެކަމަށްވެސް މުޝާތު ވިދާޅުވިއެވެ.

ސައޫދީން ޔަމަނަށް ދޭ ހަމަލާތައް ހުއްޓާލައި ސުލްޙައިގެ ވާހަކަތައް ފަށާނެކަން އިއުލާން ކުރާނެ ވަގުތަކަށް ހޫޘީން ތިބީ އިންތިޒާރުގައި ކަމަށްވެސް މުޝާތު ވިދާޅުވިއެވެ. ނަމަވެސް ހޫޘީންގެ ސުލްހައިގެ މި އިސްނެގުމަށް އިޖާބަ ނުދީ ސައުދީން އަނެއްކާވެސް ޔަމަނަށް ހަމަލާ ދޭންފަށައިފިނަމަ ސައޫދީ އިގްތިސާދީ އަދި އަސްކަރީ ތަންތަނަށް ރައްދު ހަމަލާ ދިނުމުގެ ހައްގު ހޫތީންނަށް ލިބިގެންވާ ކަމަށް މުޝާތު ވިދާޅުވިއެވެ.

ހޫތީންގެ ސުލްހައިގެ މި އިސްނެގުމަށް ސައޫދީން އިޖާބަ ދީފައިނުވާއިރު އެމެރިކާއިން ގަންނަ އެތަށް ސަތޭކަ ބިލިޔަން ޑޮލަރެއްގެ ހަތިޔާރުން ޙޫޘީންގެ ހަމަލާތައް ދިފާއުކުރުމުގައި ސައޫދީ ނާކާމިޔާބުވެފައިވާ މައްސަލަ އެގައުމުގެ ވެރިކަމުގެ ދާއިރާތެރޭގައި ވަރަށް ހޫނުވެފައިވާ ކަމަށް ހުޅަނގުގެ ބައެއް ނޫސްތައް ބުނެއެވެ. މިގޮތުން ސައޫދީ ދިފާއު ކޮށްދިނުމުގައި އެމެރިކާ ނާކާމިޔާބުވެފައިވާއިރު ސައޫދީ އަށް އެންމެ ފައިދާހުރި ގޮތަކީ އެތަށް ބިލިޔަން ޑޮލަރެއް އަނެއްކާ އެމެރިކާއަށް ދީގެން އެމެރިކާގެ އިތުރު ހަތިޔާރު ގަތުންތޯ ނޫނީ ޙޫޘީންނާ ސުލްހައިގެ ވާހަކަތައް ފަށައި ޔަމަންގެ ހަނގުރާމަ ނިމުމަކަށް ގެނައުންތޯ މިސުވާލުވަނީ ސައޫދީގެ އެތެރޭގައި އުފެދިފައި ކަމަށް ހުޅަނގުގެ ނޫސްތައް ބުނެއެވެ.

ސައޫދީ އިސްވެ އޮވެގެން ޔަމަންގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީގެ ވެރިކަން އަލުން އަނބުރައި އިޢާދަކުރުމުގެ ނަމުގައި އަރަބި ކޯލިޝަނެއް ހަދައިގެން ޔަމަންގެ ދާޚިލީ މައްސަލައިގެ ތެރެއަށްވަދެ 2014 ވަނަ އަހަރު ސައޫދީން ޔަމަނާ ދެކޮޅަށް ހަނގުރާމަ ފަށާފައިވަނީ ދެތިން ހަފްތާތެރޭގައި ހޫޘީން ބަލިކުރާނެ ކަމަށްބުނެ ޕްރޮޕަގެންޑާ ކުރުމަށްފަހުގައެވެ.

ސައޫދީން ޔަމަނަށް ދިން ހަމަލާތަކުގައި ޔަމަންގެ އެތަށް ހާސްބަޔަކު މަރައި އެގައުމު ސުންނާފަތިކޮށް ޔަމަންގެ ރައްޔިތުން އިންސާނީ ކާރިސާއެއްގެ ތެރެއަށް ވައްޓާލާފައިވީނަމަވެސް ހޫޘީން ބަލިކުރުމުގައި ސައޫދީއަށް އެއްވެސް ކާމިޔާބެއް ލިބިފައެއް ނުވެއެވެ. އަދި ފާއިތުވި މުއްދަތުގައި ހޫޘީންވަނީ އީރާނުގެ ފަންނީ އެހީއާއެކު ވައިގެ ދިފާއާއި ވައިގެމަގުން ހަމަލާ ދިނުމުގެ ޓެކްނޮލޮޖީ ތަރައްގީ ކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. މިއާއެކު ހަނގުރާމަ ދިގުލައިގެން ދާނަމަ ސައޫދީއަށް މިހާރަށްވުރެ ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެކަމަށް އަސްކަރީ ތަޖްރިބާކާރުން ވިދާޅުވެއެވެ.

ސައޫދީ ތެލުގެ މަރުކަޒުތަކަށް ދިން ހަމަލާތަކަށްފަހު އޭގެރައްދުގައި ޔަމަނަށް ހަމަލާދީފިނަ ހޫޘީންވަނީ ސައޫދީގެ އިތުރުން އަރަބި ކޯލިޝަންގައި ހިމެނޭ ޔޫއޭއީ ގެ އިގްތިސާދީ މަރުކަޒުތަކަށްވެސް ވަރުގަދަ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު ދީފައެވެ. އަދި މިފަދަ ހާލަތެއްގައި ހަމަލާތައް ދޭނެ ޔޫއޭއީގެ ދިހަ ތަނެއް ފާހަގަކޮށްފައިވާނެ ކަމަށްވެސް ހޫޘީން ބުނެފައިވެއެވެ.

ސައޫދީ އިރުމަތީގެ ދެ ސަރަހައްދު ކަމަށްވާ އިބްޤީޤް އާއި ހިޖްރަތު ޚުރައިސް ގައިޥާ ތެލުގެ ކާރުޚާނާތަކަށް މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ދިން ޙަމަލާތަކުގެ ޒިންމާ އުފުލާފައިވަނީ ހޫޘީ ޖަމާއަތުންނެވެ. ނަމަވެސް ސައޫދީ މަސްއޫލުވެރިން ވަނީ އެ ހަމަލާތައް އައިސްފައިވަނީ ޔަމަނުން ނޫންކަމަށާ އެ ޙަމަލާތަކުގެ ފަހަތުގައިވަނީ އީރާންކަމަށް ތުހުމަތު ކުރައްވައި އެ ހަމަލާތަކާ އީރާނާ ގުޅުވަން މަސައްކަތް ކުރައްވާފައެވެ. ނަމަވެސް ކަމާބެހޭ ފަންނީ ތަހްގީގްތަކުން އެމެރިކާއަށްވެސް އަދި ސައޫދީއަށްވެސް އެއީ އީރާނުން ދިން ހަމަލާތަކެއްކަން ކަށަވަރު ކޮށްދެވިފައެއް ނުވެއެވެ.

މިމައްސަލާގައި ބަދަލުހިފުމުގެ ހަމަލާއެއް އީރާނަށް ދީފިނަމަ އީރާނުން ސައޫދީ ޑެސިލިނޭޝަން ޕްލާންޓްތަކަށް ވަރުގަދަ ހަމަލާތަކެއް ދީފާނެކަމުގެ ބިރު ސައޫދީ އީހްސާސް ކުރާކަމަށާ އެފަދަ ހަމަލާތަކެއް ދީފިނަމަ ސައޫދީން ފެނަށްޖެހޭނެކަމަށް އޮބްޒާވަރުން ވިދާޅުވެއެވެ. (ނޫސް އެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު