ގައިދީންނަށް މަނާތަކެތި ފޯރުކޮށްދޭން އުޅުނު ދެ މީހަކު އަތުލައިގެންފި

މާފުށީ ޖަލަށް ވައްދަން އުޅެނިކޮށް އަތުލައިގަތް ތަކެތި-- ފޮޓޯ: ފުލުހުން

ގައިދީންނަށް ދިނުން މަނާ ތަކެތި މާފުށީ ޖަލަށް ވައްދަން އުޅުނު ދެމީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރު ކުރީ ގައިދީންނަށް މަނާ ގިނަ އަދަދެއްގެ ތަކެތި ޖަލަށް ވައްދަން އުޅޭކަމަށް ލިބުނު މައުލޫމާތު ލިބިގެން ރޭ 02:55 ގައި ކަރެކްޝަންސްއާއި ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.

އެ ހާދިސާގައި ހައްޔަރުކޮށްފައިވަނީ 21 އަހަރާއި 26 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.

ޖަލަށް ވައްދަން އުޅުނު ތަކެތީގެ ތެރޭގައި ހަތް ދިރާގު ސިމްކާޑާއި 62 ފޯން ޗާޖަރާއި 39 ޔޫއެސްބީ ޑްރައިވްގެ އިތުރުން 22 ހެޑްސެޓާއި ފަސް އެޑެޕްޓަރު ހިމެނެއެވެ.

އޭގެ އިތުރުން 30 ނޮކިއާ ފޯނާއި 41 ސްމާޓް ފޯނާއި އެއް އެލްއެއިޓްސްޓާ ފޯންވެސް ހިމެނެއެވެ. އަދި އޭގެ އިތުރުން ކަޓަރު ތިލަ އާއި އާންމުކޮށް ބޭނުން ކުރާ ފަދަ ތަކެތިވެސް ހިމެނެ އެވެ.

ފުލުުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށާއި ހައްޔަރު ކުރި 21 އަހަރުގެ މީހާގެ ބަންދަށް 10 ދުވަސް އަދި 26 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް މާފުށީ މެޖިސްޓްރޭޓް ކޯޓުން ޖަހާފައިވާ ކަމަށެވެ.

comment ކޮމެންޓް