ސްޓެލްކޯއަށް މިދިޔަ އަހަރު ބޮޑު ފައިދާއެއް

ސްޓެލްކޯއިން ބޭއްވި ދެވަނަ އަހަރީ އާންމު ޖަލްސާގެތެރެއިން ---- ސަން ފޮޓޯ : އަހުމަދު އަވްޝަން

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އަށް ފާއިތުވި އަހަރު ލިބިފައިވާ ފައިދާ 109 ޕަސެންޓަށް އިތުރުވެއްޖެ އެވެ.

ސްޓެލްކޯގެ ދެވަނަ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ 2017 ވަނަ އަހަރާ އަޅާ ބަލާއިރު ފާއިތުވި އަހަރު އެ ކުންފުންޏަށް ލިބިފައިވާ ސާފު ފައިދާގެ އަދަދު ވަނީ 109 ޕަސެންޓް އިތުރުވެފައި ކަމަށެވެ.

މުޣުނީ ވިދާޅުވީ ފާއިތުވި އަހަރު ސްޓެލްކޯއަށް ސާފު ފައިދާގެ ގޮތުގައި 110.5 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. ދެހާސް ސަތާރަވަނަ އަހަރުގައި އެ އަދަދު ހުރީ 52.4 މިލިއަން ރުފިޔާގައި ކަމަށް މުޣުނީ ވިދާޅުވި އެވެ.

ސްޓެލްކޯގެ އަހަރީ އާންމު ޖަލްސާގައި މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ : އަހުމަދު އަވްޝަން

ފާއިތުވި އަހަރުގައި ކުންފުނީން ކޮށްފައިވާ ހަރަދުގެ އަގުވެސް ވަނީ އިތުރުވެފައެވެ. މުޣުނީ ވިދާޅުވީ މިދިޔަ އަހަރު އެކުންފުނީން ކުރި ހަރަދުގެ އަދަދަކީ 1.69 ބިލިއަން ރުފިޔާ ކަމަށެވެ. އަދި 2017 ވަނަ އަހަރު އެކުންފުނީން ކޮށްފައިވާ ހަރަދުތަކުގެ އަދަދު ހުރީ 1.64 ބިލިއަން ރުފިޔާގައެވެ. އެއީ މިދިޔަ އަހަރަށްވުރެ ހަތަރު ޕަސެންޓް ދަށް އަދަދެކެވެ.

"އަސްލު މިދިޔަ އަހަރު ހަރަދުތައް އިތުރުވެފައިވަނީ ސަރުކާރުގެ ލޯނުގެ ދަށުން ޕްރޮޖެކްޓްތައް ކުރިއަށް ގެންދާތީ. މިދިޔަ އަހަރު ވަނީ ބޮޑު ދެ ޕްރޮޖެކްޓެއް ފަށާފައި،" މުޣުނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިދިޔަ އަހަރު ކުރިއަށްގެންދިޔަ އެއް ޕްރޮޖެކްޓަކީ ގްރޭޓާ މާލޭ ގްރިޑް ކަނެކްޝަން ޕްރޮޖެކްޓް ކަމަށެވެ. އެ ޕްރޮޖެކްޓަކީ 79 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ. އަދި ދެވަނަ ޕްރޮޖެކްޓަކީ މާލެއާއި ހުޅުމާލޭ ކަރަންޓުން ގުޅާލުމުގެ ޕްރޮޖެކްޓެވެ. އެ ޕްރޮޖެކްޓަކީ 44 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ.

މިއަދުގެ އަހަރީ އާންމު ޖަލްސާގައި ސްޓެލްކޯއިން ވަނީ އެކުންފުނީގެ އަހަރީ ރިޕޯޓު އާންމުކުރައްވާފަ އެވެ.

comment ކޮމެންޓް