އައިޝާ ނަސީމްގެ ފަޔަރ އެންޑް އައިސް 2 - ސެފްރޯން

"ނޭގޭ. އޭނަ ވަރުގަދަކަމުން ސަލާމަތްވިހެން ހީވޭ. ޑޮމިނާރިއާއިން އައި ގަބީލާއެއްގެ ނުފޫޒު ހުރި މާރިދަކާއި ވައްތަރީ..ވަރަށް ނުރައްކާ. މާރިދުންނަކީ ބަދަލުހިފަން ކުރީގައި އުޅޭ ބަޔެއް. އަހަރެންވެސް ބިރުގަނެއްޖެ..." ސޯރާ އާރްޔާގެ އަތުގައި ހިފެހެއްޓިއެވެ.

އޭރު ސެފްރަން މިޔޫކީ މަތިން ފުންމާލާފައި އެމީހުންނަށް ބަލަން ހުރީ ރުޅިވެރި ނަޒަރަކުންނެވެ. ސެފްރަން އެހާ ރުޅިއައި ސަބަބަކީ ކޮބާހެއްޔެވެ. އެލޮލުގެ ރަތްކަން އިތުރަށް ގަދަވިއެވެ. ލޯ ހަނިކޮށްލައިގެން ހުރިއިރު ހަތަރެސްކަނަށް ވާ ކޯކަށިގަނޑު ހަރަކާތްކުރިގޮތުން ދަތްތަކަށް ބާރުކޮށްލައިގެން ހުރިކަން އެނގުނެވެ.

"ކިތައް ފަހަރު ބުނާނީ ގެއިން ނުނިކުންނާށޭ. ތިކުރެވުނީ ކިހާ ބޮޑުކަމެއްކަން ރޭކާ ލައިފިތަ؟ މި އިންސިކުއްޖާ މިތަނަށް ގެނައުމުގެ ސަބަބުން ބޮޑު ހަމަނުޖެހުމަކަށް މި ގަބީލާ ވައްޓާލައިފި........" ސެފްރަން ވިދާލި ވިދުވަރެއްފަދައިން އައިގޮތަށް އާރްޔާގެ މެދުހަށީގައި ހިފާ އުފުލައިލިގޮތަށް މިޔޫކީއަށް އެރުވިއެވެ. މިޔޫކީގެ ކަންފަތް ދޮށުގައި ސެފްރަން ސިއްރެއް ބުނެލިއެވެ. ދެން އޭނަ ފަހަތަށް އެރިގޮތަށް މިޔޫކީ ރޭސްޖެހިއެވެ. އެސޮރުގެ މިސްރާބުހުރީ ކަނޑުގެ އައްސޭރިއާއި ވީ ފަޅިއަކަށް ނޫނެވެ. ފަރުބަދައާއި ދިމާލަށެވެ. ސެފްރަން ކުރިން އުޅުނު ގަނޑުވަރާއި ދިމާލަށްދަނީ އޭނަ އެތަނަށް ލާ ބަންދުކޮށްލަން ހެއްޔެވެ؟ މިޔޫކީގެ ސްޕީޑު ބާރުކަމުން އާރްޔާ ވިއްސައިގެން ނުގޮސް އިނީ ސެފްރަންގެ އެއް އަތް އޭނަ ވަށާލާފައި ވުމުންނެވެ. ފަރުބަދަ ކަޑައްތުކޮށް ގަނޑުހިފާފައިވާ ކޯރެއް ހުރަސްކުރިއެވެ. ދެންވެސް އޮތީ ފަރުބަދަތަކުގެ ސިލްސިލާއެކެވެ. އާކްޓިކްގެ ނޭވާ ހިފަހައްޓާލާފަދަ ސިހުރުވެރި ރީތިކަން އާރްޔާގެ ބިރުގެންފައިވާ ކުޑަ ހިތަށް ފިނިކަމެއް ލިއްބާދިނެވެ. އޭނަ ވަށާލާފައިވާ ސެފްރަންގެ އަތް ދުރުކޮށްލަން ހިތަށް އަރާފައިވެސް އެ ހިތްވަރެއް ނުކުރެވުނީ އަސް ދަތުރުކުރާލެއް ބާރުކަމުންނެވެ. އެތައް މޭލެއް ކަޑައްތުކުރުމަށްފަހު ނުކުމެވުނީ ކުދި ވިލެޖަކަށެވެ. ކަންޓްރީސައިޑްގެ ފެއަރީޓޭލް ކުދި ކޮޓެޖްތަކާ ތަފާތެއް ނެތެވެ. ހުދު ގަނޑުފެންތަކުގެ ތެރޭ އެ ކުދި ގެތައް ފެންނަ މަންޒަރު ބަޔާން ނުކުރެވޭހާ ފުރިހަމައެވެ. ވަކި ހިސާބަކުން ސެފްރަން މިޔޫކީ މަޑުކުރުވާފައި ފުންމައިލިއެވެ. އަދި އާރްޔާ ނަގާ ބިންމަތީގައި ބަހައްޓަމުން އޭނަގެ ނޭވާ އާރްޔާގެ މޫނަށް އެޅޭހާ މޫނު ކައިރިކޮށްލިއެވެ.

"މިއީ ގްރީންލޭންޑްގެ ވިލެޖެއް. މިތަނުގައި ކަލޭކަހަލަ އިންސާނުން އެބައުޅޭ. އެމީހުންގެ އެހީ ހޯދައިގެން ރަށަށް ދޭ.." ސެފްރަން މިޔޫކީއަށް އެރިގޮތަށް ދެވަނަ ސިކުންތުކޮޅު ދުންފިނީގެ ތެރެއަށް ގެއްލުނެވެ. ހައިރާންވެ އަނގަ ހުޅުވިފައި އާރްޔާއަށް ހުރެވުނެވެ. ކާޓޫނުތަކުން ފެންނަ ޔުނިކޯންއެއް ހަމަ ލޮލުން ފެނި އާރްޔާ އަޖައިބުވިއެވެ. ކުރިން އަސްފެނުނަސް އޭގެ މަތީ ދަތުރު ކުރާ ސެފްރަންއަށް ސަމާލުކަން ދޭން ހަދައިގެން އަހުގެ ބޮލުގައިވާ ދަޅާއި އޭގެ ވަރަ ނުފެނުނީއެވެ. ސެފްރަންއާއިއެކު އެސޮރު ނައްޓައިލިއިރު ވަރަ ހުޅުވި ބިންމަތީ ނުޖެހި އުދުއްސައިގަތް މަންޒަރުން އާރްޔާއަށް އަތް އަޅައިލެވުނީ އަނގަމަތީގައެވެ. ބުނާނެ އެއްޗެއްވެސް ނޭގުނެވެ. އިރުކޮޅެއްވާންދެން ސެފްރަންމެން ގެއްލުނު ދިމާލަށް ބަލަން ހުރެފައި އާރްޔާ ހިނގައިގަތްއިރު ކޮންމެވެސް ވަރެއްގެ މޮޅިވެރިކަމެއް މޫނަށް ވެރިވިއެވެ. އެންމެ ރަގަޅެވެ. ދުވަސްގަނޑަކަށް ޖިންނީންގެ ތެރޭ އުޅެވުނަސް ރަހުމަތްތެރިން ތަކެއް ލިބިއްޖެއެވެ. ޚާއްސަކޮށް ސޯރާއެވެ. އޭނަ މިތަނުން ދިޔުމަށްފަހު ޒިޔާރަތްކުރަން ސޯރާ އަންނާނެ ބާވައެވެ. ނޫނީ މިއީ ބިރުވެރި ހުވަފެނެކެވެ. މި ހުވަފެނުން ހޭލެވޭއިރު އޭނަ ހުންނާނީ ސްވިޒަލޭންޑުގައެވެ.

އާރްޔާ ވަށައިގެން ނަޒަރު ހިންގައިލިއެވެ. ގަނޑުވެފައިވާ ކަނޑުގެ އަނެއްފަޅިން ފަރުބަދަތައް ސްނޯއިން ދޫލައެޅިފައިވާއިރު އަނެއްފަޅީގައި ކުދި ގެތަކެވެ. ނުދަންނަ ބީރައްޓެހި ތަނަކުން އޭނައަށް ހިމާޔަތް ލިބިދާނެބާވައެވެ. ޔަގީނުންވެސް ޖިންނިންނަށްވުރެ އިންސާނުން އޭނައަށް ކަމޭހިތާނެއެވެ.


***

އާރްޔާ ކުޑަތަންކޮޅަކަށް ހިނގާލާފައި ހުއްޓުން އެރީ އަންހެންކުއްޖެއްގެ ހަޅޭކުގެ އަޑަށެވެ. އެހީއަށް އެދި ހަޅޭއްލަވާފާޑަކަށް އެކުއްޖާ ހަޅޭއްލަވާއިރު އެ އަޑުން ބިރާއި ހާސްކަން އިވުނު މީހަކަށް އިހުސާސްކުރެވޭނެއެވެ. އާރްޔާ އަށް އެދިމާލަށް ދުއްވައިގަނެވުނީ ބޭ އިޚުތިޔާރުގައެވެ. އަނިޔާލިބިފައިވާ ކުއްޖެއްކަން ގާތްގަނޑަކަށް ޔަގީންވިއިރު އަނިޔާކުރާ މީހެއްދެކެ އިންތިހާއަށް ރުޅިވެރިކަން ހިތުގައި އުފެދި އާ ހިތްވަރަކާއި ބާރެއް ލިބުނެވެ. ސްނޯމަތިން ދުވަމުންގޮސް މަގު ހުރަސްކޮށް އަޑުއައި ގޯޅިއަށް ވަންއިރު ފެނުނު މަންޒަރުން ބޮލަށް އެނބުރުން އެރިއެވެ. ދެތިން ފިރިހެންކުއްޖަކު ފުރާވަރުގެ ކުއްޖަކު ބިމަށް ވައްޓާލައިގެން އުޅެނީ ކީއްކުރަންބާވައޭ ހިތަށް އެރިއެވެ. އެނުބައި މީހުންނާއި އޭނައަށްވެސް ހަގުރާމައެއް ނުކުރެވޭނެއެވެ. ކުޑަ ދެ އަންހެންކުދިންނަށް ބާރުގަދަ ފިރިހެނުން ކުރިމަތީގައި ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ އާރްޔާ އެމީހުންނަށް ފިލައިގެން އެއްފަރާތަކަށް ޖެހެން އުޅެފައިވެސް ދެވަނަފަހަރަށް ބަލައިލީ ފާރުގައި އަތް ޖައްސާލައިގެން ބޯދިއްކޮށްލާފައެވެ. ދެން ފެނުނީ މިއޮތް ގަދަ ފިނީގައި އެކުއްޖާ ލައިގެން ހުރި ޖެކެޓް ބާލުވަން އުޅޭތަނެވެ.

"ހޭ ޔޫ އަގްލީ ސްކަމްބޭގްސް....." އާރްޔާއަށް ނުހުރެވިގެން އެދިމާލަށް ދުއްވައިގަނެވުނެވެ. އެމީހުން ދިމާކޮށްގެން ތިބި އަންހެންކުއްޖާއަށްވުރެ ރީތި ފަރި އަންހެންކުއްޖާ ފެނި އެމީހުން ނުބައިގޮތަކަށް ހިނިއައިސްފާ އެދިމާލަށް އަންނަން ފެށިއެވެ.

"ރަން ރަން ގާލް....." އާރްޔާ އެކުއްޖާއާއި ދިމާލަށް ބުނެލިއެވެ. އެކުއްޖާވެސް އަދި އާރްޔާ އެކަނިކޮށްލާފައި ދުއްވައިގަންނަން ނޫޅެ އެމީހުންގެ ފަހަތުން އަންނާފެށީ ޖެކެޓް ގަޔަށް މަހައިލަމުންނެވެ. އަމިއްލަ ސަލާމަތަށް ވިސްނައިލުމެއް ނެތެވެ. އާރްޔާގެ އިހުސާންތެރިކަން ބަލައިގަންނަން އެކުއްޖާ މާ ގިނަ އިރެއް ނުނެގިއެވެ. އާރްޔާ އެއްފަރާތުގައި އޮތް ލަކުނޑިގަނޑެއް ނަގާ އެންމެ ކުރިން އަރާ ހަމަކުރި މީހާގެ ބޮލުގައި ޖަހަން މެޅިއެވެ. އެކަމަކު އެމީހާ ހިނިގަނޑެއްޖަހާލާފައި އެ ލަކުނޑިގަނޑުގައި ހިފިއިރު އަނެއް ދެމީހުންވެސް އައިގޮތަށް އާރްޔާގެ ވަށައިގެން ހިނގަންފެށީ ލިބުނު ރަގަޅު ޝިކާރަ ކާލުމުގެ ކުރިން ހިތްހަމަޖެހުން ހޯދުމުގެ ނިޔަތުގައެވެ.

"މޮޔަ ގަނޑާ މެން ކޯންޗެއް ތި ބަލަނީ؟ " އާރްޔާ ޖެހިލުމެއްނެތި ދޫ ނެރެލިއެވެ.

އެމީހުންނަށް އާރްޔާ ކީ އެއްޗެއް ދޭހައެއް ނުވިއެވެ.

"އަނގަ ހުޅުވި ދެލޯ ބޮޑުވެފައި ތިބިގޮތުން ވައްތަރުވާން އުޅެނީ ހަމަ ސޭކުންތަކާ.. ދެންވެސް ގާލްސްއިންނާއި ބެހެން ނޫޅޭތީ. ނޫނީ މަގޭ ޖިންނި ފްރެންޑްސް ގެނެއްސަ ހަދާނެ ގޮތް އެނގިދާނެ.............." އާރްޔާ ލާނެތް ހިންޏެއް އައިސްފަ ކިޔައިލިއެވެ. މިމީހުންގެ ނިޔަތާއި ކިހާ ފެންވަރެއްގެ ބަޔެއްކަން ނޭގި އެ "ގޭންގް" މީހުންނާއި އާރްޔާ ބިރެއްނެތި ޖަދަލުކުރުމުން އެމީހުންގެ ފޯރި ހައްތަހާގަދަވިއެވެ. ކުޑަ ކުޑަ ސިންގާއެކޭ ކިޔައިގެން ފާޑުފާޑު ބޭއަދަބީވާހަކަ އެމީހުންގެ ބަހުރުވައިން ދައްކާފައި ވަށާލައިގެން ތިބި ދާއިރާ ހަނިކުރަންފެށިއެވެ. އާރްޔާގެ ގަޔަށް އަތް ފޯރުކުރަންފެށުމުން އާރްޔާ ވަކިން ގަދަޔަށް ރުޅިއައެވެ.

"އަހަރެންގެ ގައިގާ އަތްނުލާތި.." އާރްޔާ އަމުރުކޮށްފައި އެކަކުކޮށްޕާލަން އުޅުނެވެ. ދެންހުރި އަންހެންކުއްޖާވެސް ކުޑަ މިނިކާވަގެއްހެން ދަތްތައް ދިލުވާލާފައި އެކަކުގެ އަތުގައި އެލިގަތްގޮތަށް ދަތްއަޅަން އުޅެގަތީ އާރްޔާގެ ފަރާތުން ލިބުނު ހިތްވަރަކުންނެވެ. ނަމަވެސް ބާރުހުރި ފިރިހެނުން ކައިރީ ކުޑަކުދިންނަށް ގަދަ ދެއްކޭނެ ގޮތެއް ނުވާނެއެވެ. އެމީހުން އާރްޔާއާއި ދެން ހުރި އަންހެންކުއްޖާ ބިންމައްޗަށް ވައްޓާލާ ދަމަމުންގޮސް ގެއަކަށް ވައްދަން އުޅުނެވެ.

ކުއްލިއަކަށް އައިނައިތަނެއް ނޭގި ފައުޅުވީ މުޅި ހަށިގަނޑު ކަޅުކުލައިގެ ލެދާ ޖެކެޓަކުން ފޮރުވައިގެން ހުރި ޒުވާނެކެވެ. މޫނާއިއެކު ބޯ ސްކާފެއް އޮޅާލައިގެން ހުރުމުން ވިދަ ވިދާހުރި ގަދަ ފެހިކުލައިގެ ލޯ ނޫންތަނެއް ފައުޅެއްނުވެއެވެ. އެ ޒުވާނާ އައިގޮތަށް އާރްޔާ ހިފަހައްޓާލައިގެން ހުރި މީހާގެ އަތް އަނބުރައިލުމުން އޭނަގެ އަތަށް ތަދުވިގޮތަށް ކަރުތެރެއިން އަޑެއް ނެރުނެވެ. އަންހެންކުދިން ގައިން ދޫކޮށްލާފައި އެ ޒުވާނުން އުޅެގަތީ އަލަށް އައި ފެހިލޮލުގެ ވެރިޔާއާއި ދިމާކުރުމަށެވެ. ނަމަވެސް ހަތަރު މީހުންނަށްވެސް އެ ޒުވާނާއާއި ކުރިމަތިލާން ނުކުޅެދުނެވެ. ދެއަތަށް ދެމީހުން އުފުލާލާފައި ބިންމައްޗަށް ވައްޓައިލިގޮތަށް ގުދާރު ނުބިނދޭކަމެއް ނޭގެއެވެ. އުނަގަނޑުގައި އަތް އަޅާ ވޭނީގޮތަކަށް ކުކުރަ ކުކުރާލާ ތިއްބާ އަނެއްދެމީހުން އަތުނުވެ ދުއްވައިގަންނަން އުޅުނެވެ. އެ ޒުވާނާ ހީވީ އުދުހިލާފައި ދިޔަހެންނެވެ. އެމީހުން ދިފާއުގައި ދިން އެއްވެސް ހަމަލާއެއް އެ ޒުވާނާގެ ގަޔަކަށް ނޭރިއެވެ. އޭގެ ބަދަލުގައި އެ ޒުވާނާގެ އެންމެ ހަމަލާއަކުން ބިންމައްޗަށް ދެމިފާ ތިއްބާ އޭނަ އާރްޔާއާއި ދެން ހުރި އަންހެންކުއްޖާ އެކީ ކޮނޑަށް ލައިގެން ހިނގައިގަތެވެ. އާރްޔާ ގަދަ ދެއްކިއިރު އަނެއް އަންހެންކުއްޖާ އާރްޔާގެ އަތުގައި ހިފާލަމުން ހިމޭންވާން އިޝާރާތްކުރިއެވެ. ދުޝްމަން ބަޔެއްގެ އަތުން އަނެއް ދުޝްމަނެއްގެ އަތުތެރެއަށް ވެއްޓުނުއިރު މިފަހަރު މީހާގެ ހިތުގައި ކުލުނުގެ މިންވަރެއް ވެދަނެކަމަށް ދުޢާކުރުން ނޫންގޮތެއް ނެތެވެ.

އާރްޔާއަށް ނިދުނުގޮތެއްވެސް ނޭގުނެވެ.

ހޭލެވުނީ އޭނަ ކޮނޑަށްލައިގެން ހުރިމީހާ އޭނަ ސްނޯމައްޗަށް ވައްޓައިލުމުންނެވެ. ޖެހުނުލެއް މަޑުކަމުން ތަދު އިހުސާސްވީ ކުޑަކޮށެވެ.

"މިއީ ކޮންކަމެއް؟ "ސެފްރަންގެ ބަރު އަޑު ކަންފަތުގައި ޖެހުމުން އާރްޔާއަށް އެބޫޓުން ފެށިގެން މޫނާއި ހަމަޔަށް ބަލައިލެވުނެވެ. އޭނަ ވައްޓާލާފައިއޮތީ ސެފްރަންގެ ފައި ބުޑަށެވެ.

"ހައިވާނުންތަކެއް ނޮޅާލަން އުޅެނިކޮށް ސަލާމަތްކޮށްގެން މިގެނައީ.........."އަޒްކީލްގެ ފެހި ދެލޮލުން ރުޅިވެރިކަމުގެ އަލިފާން ނުކުންނަފަދައެވެ. "އަހަރެން ސެފް ގާތު މީނާ ދިޔަނުދޭށޭ ނުބުނަންތަ؟ މަންމަ ހުއްދަދެންދެން ކެތްކޮށްބަލަ...."

"ކޮބާ މަގޭ ފްރެންޑް؟ ބްރައުން ލެދާ ކޯޓުގައި ހުރި ގާލް.." އާރްޔާ ކޮޅަށް ތެދުވެފައި ސުވާލުކޮށްލިއެވެ.

އަޒްކީލް ލޯ ހިމަކޮށްލައިގެން ބަލަން ހުރީ ނިކަމެތިކޮށްލާފަދަ ނަޒަރަކުންނެވެ. އެއްވެސް ހަމްދަރުދީއެއް ކުލުނެއް އެ ނަޒަރުގައިނުވެއެވެ. ނަމަވެސް ސެފްރަންގެ ތޮބީއަތު ތަންކޮޅެއް ރަގަޅު ދުވަހެއްކަން އާރްޔާ ދެނެގަތެވެ. ސެފްރަންގެ ލޮލުން އެހެން ދުވަހު ހުންނަ ހަރުކަށިކަން ބަދަލުވެ އޯގާތެރިކަން ފެނުނެވެ.

"ކޮން އަންހެންކުއްޖެއް؟" ސެފްރަން އެހިއެވެ.

"އޭނައާއި އެކު އުޅުނު އަޖަމީ އިންސީގެ ވާހަކަ. އޭނައަކީ ގްރީންލޭންޑް ބަލައިލަން އޭނަގެ އާއިލާއާއެކު އުޅުނު ފަތުރުވެރިއެއް. އަހަރެން އެކުއްޖާގެ މައިންބަފައިން ކައިރިއަށް ހޮޓަލަށް ލާދީފިން. އެ އިންސިވެސް އެކަނިމާއެކަނި ނުކުމެ އުޅެނިކޮށް މަގުއޮޅި އޭނަ ވެސް މިބުނާ ހައިވާނުންގެ ޝިކާރައަކަށްވީ. ސެފްގެ މިހިރަ ކުޑަ އިންސި ބަތޮލަކަށްވެ އެކުއްޖާ ސަލާމަތްކުރަން އުޅެން ހަދައިގެން ކިރިޔާ......މޮޔަކަމުން އެމީހުންގެ ނިޔަތް ދެނެގަންނާކަށްވެސް ނޭގުނު...ސެފް. އަހަރެން ދިޔައީ. ދެވަނަ ފަހަރަށް މަންމަގެ ހުއްދަނެތި މިގޭ ދޮރުން ބޭރުގައިވެސް މީނައަށް ފިޔަވަޅެއް އެޅިޔަނުދޭތި.." އަޒްކީލް އަމުރުވެރި އަޑަކުން ބުނެފައި ދެން ކުރިމަތިން ގެއްލުނެވެ.

"ވޯ..............އައި ވިޝް އައި ކެން ޑޫ އިޓް ހިހި..." އާރްޔާއަށް މަޖާކަމަކަށްވިއެވެ.

ސެފްރަންގެ ދެލޯވެސް ހީލިފަދައެވެ. އާރްޔާގެ ޅަ ކަމާއި މައުސޫމްކަން އެނގި އެކުއްޖާފުޅާއިމެދު އޭނަ ހަމްދަރުދީވެ އާއިލާއަށް ރައްދުކުރަން ބޭނުންވިއެވެ. ބޮޑެތި މީހުން ކުރި ކުށެއްގެ ސަޒާ މިކުއްޖާއަށް ދިނުމުގެ ހައްގެއް އިތުރު ބަޔަކަށް ލިބިގެން ނުވެއެވެ. އާރްޔާ ދެރަވީ އެ ކުއްޖާގެ ނަންވެސް ނޭގި ވަކިވާން ޖެހުނުކަމެވެ.


***

ސޯރާ އާރްޔާއަށް ބުދަކާއި ކުޅޭނެ އެއްޗެހި ގެނެސް ކޮޓަރިތެރޭ ބެހެއްޓިއެވެ. ކިޗެން ސެޓްތަކައި ޕެއިންޓް ސާމާނައި ކުޅޭ ސާމާނެވެ. އާރްޔާ ދެފައި ވަށްކޮށްލައިގެން އުއްބައްތީގެ ހުޅުކޮޅާއި ކުޅެން އިންއިރު ދޮންމޫނަށް ވެރިވެފައިވާ ރަންގުކުލައިން ހިތްތައް ފުރޭހާވެއެވެ. އެބޮޑު ބޮޑު އަޅި ދެލޯ ޖަވާހިރުފަދައިން ވިދައެވެ. ސޯރާއަށްވެސް އާރްޔާގެ ރީތިކަމުން ބަލަން އިނދެވުނެވެ.

"މީ ކޮންހާ އެއްޗެއްތަ؟ "

"ބޮސް ބުނެގެން. ގެއިން ބޭރަށް ނުގޮސް އިންނަން ޖެހޭތީ. ދުނިޔޭގެ ކުދިން ކުޅެން މިކަހަލަ އެއްޗެހި ބޭނުންކުރާތީއޯ......."

އާރްޔާ އެ ބުދާއި ދިމާލަށް ބަލައިލިއެވެ.

އާރްޔާ ބާރުބާރަށް ހޭން ފެށިއެވެ.

"އޭމް އައި އެ ބޭބީ؟ އައިމް ޓްއެލް ޔިއާސް އޭ ސޯރާ......."

"މްމްމ އެހާ ބޭނުންނުވަންޏާ މަ މި އެއްޗެހި ހިފައިގެން ދަނީ....." ސޯރާގެ ޖަވާބުން އަރްޔާ ސިހިފައި ބުދު އަތުލިއެވެ.

"ކޮންމެހެން އަހަރެން ކުޅޭކަށް ނޫން މި ޑޯލް ނެގީ. ޝީ ކޭން ކީޕް މީ ކޮމްޕެނީ ވެން ޔޫ އާ ނޮޓް ދެއާ......" އާރްޔާ ބުދާއި ކިތަންމެ ގަޔާވިޔަސް އެކަން ސިއްރުކުރިއެވެ.

"އައި ރިއަލީ ޑޯންޓް ލައިކް ކުޅެން. ބޮސްއަށް އަހަރެން އެންމެ ބޭނުންވަނީ މަންމީއާއި ޑެޑީ ކައިރިއަށް ދާންކަމެއް ނޭގުނުތަ؟" އާރްޔާ ތުން ފިތައިލިއެވެ.

"މެޑަމްގެ ހުއްދަނެތި ބޮސްއަކަށް އެހާ ބޮޑު ފިޔަވަޅެއް އަޅާކަށް ނުކެރޭނެ...."

"ވަޓްއެވާ..." އާރްޔާ ފަރުވާކުޑަގޮތަކަށް ކޮނޑު އަރުވާލާފައި އިރުކޮޅަކު އިނދެފައި އެ ބުދުތައް ނަގައިގެން ކުޅެންފެށިއެވެ. އެމަންޒަރު ދެކެން ކުޑަދޮރު ކައިރީ ހުރި ސެފްރަން ގާތަށް ހިނި އައެވެ.

***


އަޒްކީލްއާއި ސެފްރަންއާއި ދެމީހުން ވެގެން ރަށް ތަރައްގީ ކުރުމުގެ ޕްލޭނެއް ހަދާ އެއަށް އަމަލީ ސިފައެއް ގެންނަންފެށިއެވެ. މަގުގެ ޗާޓުކުރެހުމަށްފަހު ޖިންނީން ލައްވާ އިމާރާތްތައް އެމީހުން ބޭނުންވާގޮތަށް އަޅަންފެށިއެވެ. ސެފްރަންގެ ގެއާއި ޖެހިގެން އަޅަންފެށި ގަނޑުވަރަކީ އަޒްކީލްގެ ގަނޑުވަރެކެވެ. މިހާ ގިނަ ގަނޑުވަރުތައް އަޅާ އިސްރާފުކުރާތީ ސެފްރަންވެސް ހައިރާންވިއެވެ. ސެފްރަން އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދިނީ ބޮޑު މިސްކިތެއް އެޅުމަށެވެ. ހާމަބިމުގައި ސްނޯމަތީގައި ނަމާދުކުރުމުގެ އާދަ ހިފާފައިވާ ޖިންނީނަށްވެސް އިންސާނުންފަދައިން މާތްﷲއަށް އަޅުކަން ކުރާނެ މުގައްދަސް ގެކޮޅެއް ހުންނަންވާނެއެވެ. ތިންހާސް އަހަރުކުރިން ސުލޭމާނުގެ ފާނުގެ ރަސްކަމުގައި ޖިންނިން ކޮންޓްރޯލްކުރައްވާ ޖިންނީންލައްވާ ތަންތަން އިމާރާތްކުރުވިއިރުވެސް އެމީހުން އެކަން ކުރުމުގެ ގާބިލުކަން އެހާބޮޑުއިރު މިހާރު އަދި އެމީހުންނަށް ކިހާ ފަސޭހަކަމަކަށް ވާނެހެއްޔެވެ؟ ބަލަބަލާ ހުއްޓާ ރީތި އިމާރާތްތައް ބިމުން ހިއްލާލައިފިއެވެ. މަގުތައް ކޮންކްރީޓްކޮށް އިންސާނުންނަށްވެސް އުޅެން ފަސޭހަވާނެހެން ހެދިއެވެ. ފަރުބަދަމަތިންވެސް އެފަދަ ފަތްތަރުތައް ލީ މަގުތަކެވެ. ނަމަވެސް މަގުތަކުގައި އަދިވެސް ދިއްލާ އަޅާފައިވަނީ އިހުގެ ފާނޫޒުތަކެވެ.

އެ އަނދިރި ދުނިޔޭގެ އަނިދިރިކަމާއެކުވެސް ދުނިޔޭގެ އެހެން ހިސާބުތަކުން ނުފެންނަ ފަދަ ހިތްގައިމު ގުދުރަތީ މަންޒަރުތައް ލައްވާފައިވެއެވެ. އާކްޓިކް ސަރަހައްދުގެ ހުރިހާ ހިތްފަސޭހަކަމަކުން އެރަށް ޖަރީވެފައިވާއިރު ޖަންގަލިނޫން ހިސާބުތައް ކޮންކްރީޓް ތަރައްގީއިން ތަރައްގީވެއްޖެއެވެ.

އަޒްކީލް ފަރުބަދަމަތީގައި ހުންނަ ގަނޑުވަރުގެ އިމާރާތުގެ ތެރެއަށްވަނީ އާދައިގެ މަތިން ސަލާމްގޮވާލާފައެވެ. ޒޭބް ކުދިން ނިންދެވުމަށްފަހު ފޮތެއް ކިޔަން އޮށޯވެލައިގެން އޮތެވެ. އަޒްކީލް ފެނުމުން ޒޭބް ހިނިތުންވެލިއެވެ.

"ސަލާމް ހަބީބީ......ފޫހިވެގެން ފޮތެއް ކިޔާލަން މި ޖައްސައިލީ"

"ސޮރީ މިއަދު ދިމާވިކަމަކުން ލަސްވީ..." އަޒްކީލް މަގަތުގައި އިށީދެލިއެވެ.

"އަދިވެސް އަހަރެމެންނަށް އާއިލާއިން މަރުހަބާ ނުކިޔާނީތަ؟ އަބަދަށް ޖަލެއްގައި ބަންދުވެގެން ހުރީމަ ފޫހިވާން ފަށައިފި. ދެފަރާތުގެ އާއިލާގެ ނުރުހުމުގައި އުމުރަށް އުޅެންވެއްޖެއްޔާ ކޮންފަދަ ބޮޑު ހިތާމައެއް ހަބީބީ...."ޒޭބް މޮޅިވެރިގޮތަކަށް ބުނެލިއެވެ.

"މިހާރު އަހަރެމެން މިރަށުގައި އިމާރާތްތައް އަޅާ ރަތައްގީކުރާއިރު ރަށުތެރޭ ފާޑުފާޑުގެ ޖިންނިން ގިނަވާނެ. ޒޭބް ފެނިއްޖެއްޔާ ނުރައްކަލެއްވެސް މެދުވެރިވެދާނެ. އަހަރެން ވަރަށް އިތުބާރުކުރާ ޚާއްސަ ގާޑުން މި ސަރަހައްދު ހިމާޔަތްކުރުމުގައި ދެމިތިބީ. އެހެންވީމަ އެކަމާ ނުވިސްނާ. ވަރަށް އަވަހަށް އާއިލާވެސް ގުޅި ހަމަޖެހިލައިގެން އުޅެވޭނެ................................" އަޒްކީލް ނުތަނަވަސްކަން ފޮރުވަން މަސައްކަތްކުރިއެވެ. އޭނަގެ "އަނދިރި" ފަރާތް އެނގޭއިރު ޒޭބް ހަދާނީ ކިހިނެއްކަމެއްވެސް ނޭގެއެވެ. ޒޭބްއާއި ދަރިންނަކީ އޭނަގެ ފުރާނައެވެ. އެކުދިންނާއި ވަކިންނެއް އޭނައަކަށް ނޫޅެވޭނެއެވެ. ސެފްރަންއާއި ޒޭބްގެ ސިފަތައް އެއްގޮތްކަމުން ދެ މީހުން އައިސްފައިވަނީ ކޮން ގަބީލާއަކުންކަން ދެގެންނަނާކަށް އަޒްކީލްއަށް އުދަގުލެއް ނޫނެވެ. އެދެ މީހުން ބައްދަލުކުރުވައިފިއްޔާވެސް އިތުރު މައްސަލަތައް ހިލިދާނެއެވެ. ވީމަ ޒޭބްއާއި ސެފްރަންގެ ދޭތެރޭ އަބަދަށްޓަކާ ފާރެއް ރާނާފައި ބަހައްޓަން އޭނައަށް މަޖުބޫރެވެ.


***

ސެފްރަން ރަށުތެރޭ ހިނގާލަން ނުކުތްއިރު އެކި ދިމާލުގައި ނޫކުލައިގެ ލެންޓަންތައް ދިއްލާލާފައިވާއިރު ދުންފިނީގެ ތެރެއިން ފަނޑުގޮތަކަށް އަނދިރިކަން ފެތުރިފައިވާ މާހައުލަށް ކުރިހޯދަން މަސައްކަތްކުރެއެވެ. އަނދިރި ހިސާބުތަކުގައި އަލިފާންތައް ރޯކޮށްލައިގެން މަސް ފިހެން ތިބި ޖިންނިންނާއި އަލިފާނަށް އަޅުކަން ކުރަން ތިބި މަދު މާރިދަކުވެސް ފެނުނެވެ. އެމާރިދުންނަށް ނަޒަރު ހުއްޓާލެވުނީ ނުރުހުމާއެކުގައެވެ. އަޅާނުލާ ދާން އުޅެފައިވެސް ފެނުނު މަންޒަރަކުން ފިޔަވަޅުތަކަށް ހުއްޓުން އެރިއެވެ.

(ނުނިމޭ...)

https://sun.mv/124431

comment ކޮމެންޓް