އަމިއްލަ މީހުން އެޅި 7000 އަށް ވުރެ ގިނަ ފްލެޓު ނުވިކި އެބަހުރި ކަމަށާއި އާންމު މީހުންނަށް އެ ފްލެޓް ގަނެވެން އޮތީ އިތުރު ފައިސާ ލޯނު ދޫކުރުމަށް ބޭންކްތަކަށް ދީގެން ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބޯހިޔާވަހިކަމުގެ ހާލަތާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވީ މިޑް ރޭންޖް ހައުސިންގެ ގޮތުގައި ތަރައްގީކޮށްފައިވާ 7491 ހައުސިން ޔުނިޓު ނުވިކި އެބަހުރި ކަމަށް ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ.
"އަޅާ ނިމެމުން އެދަނީ. ކުރިއަށް އޮތް 2020 ވަނަ އަހަރު ނިމޭނެ. މީގެ ޖުމްލަ އަގަކީ ގާތްގަނޑަކަށް 16 ބިލިއަން ރުފިޔާ. މިއީ އެއްފަހަރާ ފައިސާ ދީފައި ގަންނަން ހުޅުވާލާފައި ހުރި ހައުސިން ޔުނިޓުތަކެއް،" ރައީސް ވިދާޅުވި އެވެ.
މި ހައުސިން ޔުނިޓުތަކަކީ ސަރުކާރާއި ސަރުކާރު ބައިވެރިވެގެން އަމިއްލަ ފަރާތްތަކުން ކުރިއަށްގެންދާ މަޝްރޫއުތައް ކަމަށް ރައީސް ވިދާޅުވި އެވެ.
"މީގެ އަގު [ފްލެޓެއް] މިއުޅެނީ 2.2 އާއި 3.2 މިލިއަން ރުފިޔާ އަށް. މާކެޓުގައި، ބޭންކުތަކުގައި މިވަރަށް ފައިސާ ހުރިތޯ ނޫންތޯ އެއީ އުފެދޭ ސުވާލެއް،" ރައީސް ވިދާޅުވި އެވެ. "ބީއެމްއެލް ގައި މިކަމަށް ފައިސާ ހުރީ، ކުރިއަށް އޮތް ތިން އަހަރަށް އެމީހުން އެލޮކޭޓުކޮށްފައި އޮތީ ހަަތަރު ބިލިއަން ރުފިޔާ. އެހެންވީމާ 12 ބިލިއަން ރުފިޔާ އެބަ މަދުވޭ މި ހައުސިން ޔުނިތުތައް ގަންނަން،"
މިކަމަށް ހައްލު ހޯދާނީ ކިހިނެއްތޯ ސުވާލު ކުރައްވާ ރައީސް ވިދާޅުވީ މި ހައުސިން ޔުނިޓުތަކަށް ވާނެ ގޮތަކާމެދުވެސް ވިސްނަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން ކުރަމުންގެންދާ އެއް މަސައްކަތެއް ފައިސާ ހޯދުމުގެ މަސައްކަތް. ފަސޭހައިން ހައުސިން ޔުނިޓުތައް ގަންނަން ބޭނުންވާ ފަރާތްތަކަށް ފައިސާ ހޯދައިދޭނެ ގޮތްތަކެއް އަޅުގަނޑުމެން އެބަ ހޯދަން،" ރައީސް ވިދާޅުވި އެވެ.
"ތިން މިލިއަން ރުފިޔާދީފައި، ދެ މިލިއަން ރުފިޔާ ދީފައި، ފްލެޓެއް އެއްފަހަރާ ގަނެވޭނެ މީހަކު ރާއްޖޭގައި މަދުވާނެ. އަޅުގަނޑު ނުދަންނަވާނަން 500 މީހުންވެސް އުޅޭނެޔޭ. 1000 މީހުން ގައިމުވެސް ނޫޅޭނެ،" ރައީސް ވިދާޅުވި އެވެ.
އަދި ވިދާޅުވީ 7491 ހައުސިން ޔުނިޓް އާންމުން ގަންނާނެ ގޮތް ހެދުމަށް އޮތް ހައްލަކީ އިތުރު ފައިސާ ހޯދައިގެން އެތަންތަން އާންމުންނަށް ގަނެވޭނެ ވަރަށް ގެނައުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ކަންބޮޑުވެ ވަޑައިގެން ހުންނަވާ ރައީސް ވިދާޅުވީ މިއީ، އުސޫލެއްނެތި ކަންތައްކުރުމުގެ ނަތީޖާ ކަމަށެވެ.
"ރާއްޖޭގައި ބޯހިޔާވަހިކަމުގެ މައްސަލަ ބޮޑު. ނަމަވެސް މިގޮތަށް ކުރީމާ ދެކޮޅޭއް ނުޖެހޭ. މިކަމަށް ހައްލެއް ހޯދަން އެބަޖެހޭ،" ރައީސް ވިދާޅުވި އެވެ.
ހުޅުމާލޭ ހުޅަނގު ފަރާތުގައި އަމިއްލަ ކުންފުނިތަކުން މަތީފަންޠީގެ އަދި މެދުފަންތީގެ އެޕާޓުމެންޓުތައް އިމާރާތް ކުރަމުންދާއިރު މިހާރު އިމާރަތްކޮށްފައި ހުރި ފްލެޓުތަކުގައިވެސް ނުވިކި ހުރި އެޕާޓުމެންޓުތައް އެބަހުއްޓެވެ.