"މެޗަކުން ބަލިވިޔަސް އަދި ހާސްވާ ވަރެއް ނުވޭ"

ރެއާލް މެޑްރިޑްގެ ތާރިޙުގައި ވެސް އެންމެ ކާމިޔާބު ކޯޗު، ޒައިނުއްދީން ޒިދާން --- ފޮޓޯ/ ޖޯ ރައިޓް

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުން ބޮޑު ތަފާތަކުން ޕީއެސްޖީ އަތުން ރެއާލް މެޑްރިޑް ބަލިވި ނަމަވެސް އެއީ އަދި ހާސްވާން ޖެހޭ ވަރު ކަމެއް ނޫން ކަމަށާއި ފުޓުބޯޅައިގައި ބަލިވުން ވެސް އެއީ އޮންނަ ކަމެއް ކަމަށް ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

ޕެރިހުގެ ޕާކް ޑެސް ޕްރިންސެސް ގައި ރޭ ކުޅުނު މެޗުން ރެއާލް މެޑްރިޑް ބަލިވީ 0-3 ގެ ނަތީޖާ އަކުންނެވެ. މިދިޔަ ސީޒަނުގައި ވެސް ކުޅުނު ފުރަތަމަ މެޗުން ރެއާލް ވަނީ ބަލިވެފައެވެ. ނަމަވެސް އެ ޓީމުން ވަނީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. އެހެން ކަމުން އެންމެ މެޗަކުން ބަލިވުމަކީ އަދި ހާސްވާންޖެހޭ ވަރު ކަމެއް ނޫންކަމަށް އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ވަނީ ބުނެފައެވެ.

ރެއާލް މެޑްރިޑަކީ ޗެމްޕިއަންސް ލީގު 13 ފަހަރަށް މީގެ ކުރިން ހޯދައިގެން ރެކޯޑް ހަދައިފައި އޮތް ކުލަބެވެ. އެ ޓީމުން ވަނީ ވޭތުވެ ދިޔަ ހަ އަހަރުގެ ތެރޭގައި ހަތަރު ފަހަރަށް އެ މުބާރާތް ކާމިޔާބު ކޮށްފައެވެ. އޭގެން ތިން ފަހަރު އެ މުބާރާތް ކާމިޔާބުކުރި އިރު ކޯޗަކަށް ހުރި ޒިދާން ބުނީ ރޭގެ މެޗަށް ޓީމު ނުކުތީ މޮޅުވުމުގެ ރޫހުގައި ނޫން ކަމަށެވެ. އަދި މެޗު ނިމުނު އިރުވެސް ކުޅުންތެރިންނަށް ގޭމުގެ ތެރެއަށް ނުވަދެވި ތިބިކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

"އެ ޓީމުން [ޕީއެސްޖީން] ދެއްކި ކުޅުން ހުރިހާ ގޮތަކުން ވެސް އަހަރަމެނަށް ވުރެން މޮޅު. އެންމެނަށްވެސް އެކަން ފާހަގަވާނެ. ކަންބޮޑުވާން ޖެހުނު ތަންކޮޅަކީ މެޗުން ބަލިވަމުން ދިޔައިރުވެސް ކުޅުންތެރިންގެ ފަރާތުން ނަތީޖާ އަނބުރާލަން މަސައްކަތް ކުރިތަން ނުފެނުން،" ޒިދާން ބުންޏެވެ.

އޭނާ ބުނީ މުޅި މެޗުގައިވެސް ޓީމަށް އުފެއްދުނީ ދެ ހަމަލާ ކަމަށާއި އެ ދެ ހަމަލާއިން ވެސް ގޯލެއް ޖެހުނު ކަމަށެވެ. ނަމަވެސް ވީއޭއާރުން ވެސް ދެ ގޯލު ބާތިލު ކުރުމުން މެޗުގައި ކުޅުމުގެ ތެރެއިން ގޯލަށް އަމާޒުކޮށް ހަމަލާއެއް އުފެއްދިކަން ސްޓެޓިކްސްޓިކަކުން ނުފެންނާނެ ކަމަށެވެ.

ރެއާލް މެޑްރިޑަށް ޗެމްޕިއަންސް ލީގުގެ މެޗެއްގައި ގޯލަށް އަމާޒުކޮށް ހަމަލާއެއް އެންމެ ފަހުން އުފެއްދިފައި ނުވަނީ 2003-2004 ވަނަ ސީޒަނުގައެވެ. އޭގެ ފަހުން ރެޔާ ހަމައަށް މި މުބާރާތުގައި ރެއާލް ކުޅުނު ހުރިހާ މެޗަކުން ވެސް ވަނީ ގޯލު ޖަހައިފައެވެ.

"އަހަރެން ހާހެއް ނުވޭ. އެއް މެޗުން މިގޮތަށް ނަތީޖާ ނުކުތް ނަމަވެސް އަދި ހާސް ވާން ޖެހޭ ވަރެއް ނުވޭ. ފުޓުބޯޅައިގައި މިކަހަލަ ހާލަތްތައް ވެސް ކުރިމަތި ވާނެ."

comment ކޮމެންޓް