ސްރީލަންކާގެ ރިޔާސީ އިންތިހާބު ނޮވެމްބަރު 16ގައި

ލަންކާގެ މައި އިދިކޮޅު ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކީ ގޯޓާބަޔަ ރާޖަޕަކްސަ -- ފޮޓޯ: އޭޕީ

ކޮލޮމްބޯ (ސެޕްޓެމްބަރު 19): ސްރީލަންކާގެ ރިޔާސީ އިންތިހާބު މިއަހަރުގެ ނޮވެމްބަރު 16 ގައި ބާއްވާނެ ކަމަށް އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ލަންކާގެ އިލެކްޝަން ކޮމިޝަންގެ ޗެއާމަން މަހިންދަ ދޭޝަޕްރިޔަ ވިދާޅުވި ގޮތުގައި މިއަހަރުގެ އިންތިހާބުގައި 18 ކެންޑިޑޭޓުން ވާދަ ކުރައްވާނެކަމަށް ލަފާކުރެވެއެވެ. އަދި އެއިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 16 މިލިއަނަށް އަރައެވެ.

ލަންކާގެ ގާނޫނު އަސާސީއަށް 2015 ވަނަ އަހަރު ގެނައި އިސްލާހަކާ ގުޅިގެން އެގައުމަށް ދެން އަންނަ ރައީސެއްގެ ބާރުތައް ކުޑަ ވާނެއެވެ. އަދި ބޮޑުވަޒީރަށާއި ޕާލަމެންޓަށް ދޭ ބާރުތައް އިތުރުވާނެއެވެ.

މިއަހަރުގެ އިންތިހާބުގައި ދެވަނަ ދައުރަކަށް ވާދަ ކުރައްވާނެކަން ރައީސް މައިތިރިޕާލާ ސިރިސޭނާ ހާމަ ނުކުރައްވައެވެ.

ނަމަވެސް ލަންކާގެ މައި އިދިކޮޅު ލީޑަރު މަހިންދަ ރާޖަޕަކްސަ އިސްކޮށް ހުންނަވާ ޕޮޑުޖަނަ ޕެރަމުނަ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ކަމަށް ވަނީ ރާޖަޕަކްސަގެ ކޮއްކޯފުޅު ގޯޓާބަޔަ ވަނީ އައްޔަންކޮށްފައެވެ.

އަދި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނެޝަނަލް ޕާޓީން އަދި ރިޔާސީ ކެނޑިޑޭޓަކު އައްޔަންކޮށްފައި ނުވި ނަމަވެސް، ޕާޓީގެ ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި ކެންޑިޑޭޓު ކަމަށް އައްޔަނުކުރާނެކަމަށް ބެލެވެނީ ޑެޕިއުޓީ ލީޑަރު ސަޖިތު ޕްރޭމަދާސަ ނުވަތަ ޕާލަމެންޓުގެ ރައީސް ކަރޫ ޖަޔަސުރިޔާއެވެ.

ލަންކާގެ ބައެއް މީޑިއާތަކުގައިވާ ގޮތުން ވިކްރަމަސިންހަވެސް ވަނީ ރައީސްކަމަށް ވާދަ ކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް